22 ޖެނުއަރީ 2023 - 18:42

ވިލާ ކޮލެޖުން ބާއްވަމުން އަންނަ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސޯޝަލް ރީސާޗް އެންޑް އިނޮވޭޝަން (އައިސީއެސްއާރުއައި)ގެ މި އަހަރުގެ ބައްދަލުވުން ޖޫން މަހު ބާއްވަން ހަމަޖެހިފައިވާކަމަށް އެ ކޮލެޖުން އިއުލާނުކޮށްފި އެވެ.

މިއަދު ވިލާ ކޮލެޖުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އައިސީއެސްއާރުއައިގެ ކޯޑިނޭޓަރު އަމްޖަދު އަހުމަދު ވިދާޅުވި ގޮތުގައި މި އަހަރުގެ ކޮންފަރެންސް އޮންނާނީ ޖޫން 17 އަދި 18 ވަނަ ދުވަހު އެވެ. އަދި މިއަދުން ފެށިގެން، އެ ކޮންފަރެންސަށް ރިސާޗު ޕޭޕަރު ހުށަހަޅަން އެދޭ ފަރާތްތަކަށް އޭޕްރިލް މިހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް އެ ފުރުސަތު އޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮންފަރެންސްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް ޖޫން މަހުގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލާފައި އޮންނާނެ ކަމަށެވެ.
ރިސާޗު ޕޭޕަރު ހުށަހަޅައި، ކޮންފަރެންސަށް ރަޖިސްޓްރީ ވާން ޖެހޭނީ އައިސީއެސްއާރުއައި ވެބްސައިޓު މެދުވެރިކޮށެވެ.
މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވިލާ ކޮލެޖުގެ ޑެޕިއުޓީ ވައިސް ރެކްޓާ އޮފް ރިސާޗް އެންޑް އިނޮވޭޝަން ޑރ. މުހައްމަދު އާދިލް ވިދާޅުވީ އެ ކޮންފަރެންސަކީ "މަލްޓި ޑިސިޕްލިނަރީ" ކޮންފަރެންސެއް ކަމަށެވެ. އަދި އެ ކޮންފަރެންސަކީ އިލްމީ ފަރާތްތަކަށް އެއް މާހައުލެއްގައި މުހިންމު މައުލޫތަކަކަށް މަޝްވަރާކޮށް، މުޖުތަމައުތަކުގައި ހުރި މައްސަލަތައް ދެނެގަނެ، އެކަމަށް ހޯދެން ހުރި ހައްލުތައް މަޝްވަރާކޮށް އެކި ދާއިރާތަކުގެ ކަމާބެހޭ މާހިރުންނާއި ގުޅުން ބަދަހިކުރެވޭނެ މާހައުލެއް ހޯދައިދިނުމަށް ބާއްވާ ކޮންފަރެންސެއް ކަމަށެވެ.
ޑރ. އާދިލް ވިދާޅުވި ގޮތުގައި މި އަހަރަށް ކަނޑައަޅާފައިވާ ކޮންފަރެންސްގެ ތީމަކީ "ބްރޭކް ތްރޫ ޓު އެކްސެލެންސް އެޗީވް އިން އަ ނެޓްވޯކް ކޮމިއުނިޓީ" އެވެ.
އެ ބައްދަލުވުމުގައި ޑީން އޮފް ރީސާޗް އަހުމަދު ޝާހިދު ވިދާޅުވި ގޮތުގައި މި އަހަރުގެ ކޮންފަރެންސަށް ދާއިރާއަކުން ޕޭޕަރު ހުށަހެޅޭނެ އެވެ.
ޕޭޕަރު ހުށަހެޅޭނެ ދާއިރާތަކަކީ ޕޮލިޓިކްސް ލޯ އެންޑް ގަވަނެންސް އާއި އޮންޓްރޮޕްރިނިއާޝިޕް ފައިނޭންސް އެންޑް އިންޑަސްޓްރީ އާއި އެންވަޔަރަމަންޓް އެންޑް ސަސްޓެއިނަބިލިޓީ އާއި ޖެންޑާ އެންޑް ސޮސައިޓީ އާއިއެޑިއުކޭޝަން، ލެންގުއެޖް އެންޑް ސްކިލް ޑިވޮލަޕްމަންޓު އާއި ހެލްތް ނާސިން އެންޑް ސޯޝަލްވޯކް އާއި ސައިކޮލޮޖީ އެންޑް ވެލްބީންގް އަދި އިންޖިނިއަރިނިން އެންޑް ޓެކްނޮލަޖީ އެވެ.
މި ކޮންފަރެންސަށް ޕޭޕަރު ހުށަހެޅުމުގެ ފުރުސަތު ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ވަނީ ހުޅުވާލައިފަ އެވެ. އަދި ދިވެހިން ހުށަހަޅާ ޕޭޕަރު ވެސް މި ކޮންފަރެންސުން ބަލައި ގަންނާނެ އެވެ.
ޑރ. އާދިލު ވިދާޅުވީ އެ ކޮންފަރެންސްގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ކަމާ ބެހޭ މާހިރުން ކީނޯޓު ސްޕީޗު ދެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި އަހަރު ވެސް މުހިންމު ގިނަ މައްސަލަތަކަށް މަޝްވަރާ ކުރާނެ ޕެނަލް ޑިސްކަޝަންއެއް ކުރިއަށް ދާނެ ކަމަށާއި، މައިގަނޑު ގޮތެއްގައި އޭގައި ބަލާނީ ރާއްޖޭގައި ހުރި އިޖުތިމާއީ މައްސަލަތަކަށް ކަމަށް ވިދާޅުވި އެވެ.
ވިލާ ކޮލެޖުން މި އަހަރު ބާއްވަނީ އައިސީއެސްއާރުއައި ކޮންފަރެންސްގެ ހަތް ވަނަ އެޑިޝަނެވެ. މި ކޮންފަރެންސަކީ އެ ކޮލެޖު އިލްމީ ދިރާސާތައް ކުރާ މަރުކަޒަކަށް ހެދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފެށި ކޮންފަރެންސެކެވެ. މި ކޮންފަރެންސްގެ ޖާނަލްގައި ކޮންފަރަންސަށް ހުށަހަޅާ ފުލް ރިސާޗު ޕޭޕަރުތައް ޕަބްލިޝްކުރާނެ އެވެ.