22 ޖެނުއަރީ 2023 - 17:57

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނު ހަރަކާތްތަކުގައި ބައިވެރިވުމުގެ ކުރިން އެ ހަރަކާތުގައި ބައިވެރިވާނެ ކަމާއި އެކަމުގެ ސަބަބު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވާފައި ވާނެ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެ އެވެ.
އަމްރު މިހެން ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނުގައި އޭނާ، ނަޝީދަށް ތާއީދު ހޯއްދެވުމުގެ މަސައްކަތްކުރައްވަމުން ގެންދަވާތީ ރައީސް ދެއްވި ނުސީދާ ރައްދަކަށް ޖަވާބު ދެއްވަމުންނެވެ.
އަމްރު ވިދާޅުވީ ނަޝީދާ އެކު ކެމްޕެއިނަށް ވަޑައިގަތުމުގެ ކުރިން ރައީސްއާ ވާހަކަ ދައްކަވައި، އެ ކެމްޕެއިނުގައި ބައިވެރިވެވަޑައިގަންނަވާ ސަބަބާ އަދި ޕާޓީގެ އެތެރޭގެ އިންތިހާބުގައި ގެންގުޅޭ ވިސްނުމުގެ ސަބަބުން އެސްޓީއޯ އިން ކުރަމުން އަންނަ އެއްވެސް މަސައްކަތަކަށް ބުރޫނާރާނެ ކަމަށް ދަންނަވާފައިވާނެ ކަމަށެވެ.
ޕްރައިމަރީގެ ކެމްޕެއިނަށް ގދ. ތިނަދޫއަށް ވަޑައިގެން އެ ޕާޓީގެ މެމްބަރުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ ބައެއް އިސްވެރިންގެ ސިޔާސީ ވިސްނުމަށް އަންނަ ބަދަލެއްގެ ސަބަބުން ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތެއް މަޑުނުޖެހޭނެ ކަމަށެވެ.
ތިނަދޫގައި އެސްޓީއޯ އާއި މިފްކޯއާ ހަވާލުކޮށްގެން ކޯލްޑް ސްޓޯރޭޖް ބޮޑުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނައިރު އަމްރުގެ ސިޔާސީ ވިސްނުމަށް އައި ބަދަލުގެ ސަބަބުން އެ މަސައްކަތް ދެން ކުރިއަށް ގެންދާނެ ކަމާ މެދު ބައެއް މީހުން ސުވާލު އުފައްދަފާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އެކަމަކު އަމްރުގެ ނަން ވިދާޅުނުވެ، އެގޮތަށް ރައީސް ވިދާޅުވިއިރު އެމަނިކުފާނު ވަނީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ސަރުކާރުގެ އެއްވެސް އޮފީހަކުން ނުވަތަ ކުންފުންޏަކުން ފަސް ނުޖެހޭނެ ކަމަށާއި އެ ކަންތައްތައް ކުރެވުނު ގޮތަކަށް ބަދަލުކުރަމުން ގެންދާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.
ތިނަދޫގައި ހިންގާ އެމްޑީޕީގެ މައި ޖަގަހައިގައި ވާހަކަފުޅު ދައްކަވަމުން ރައީސް އެގޮތަށް ވިދާޅުވިއިރު އަމްރު ވަނީ ނަޝީދުގެ ފަޅިއަށް ފާޅުގައި އަރުއްވައިފަ އެވެ. ނަޝީދުގެ އަރިހުގައި އޭނާ ވަނީ މިދިޔަ ބުރާސްފަތި ދުވަހު ތިނަދޫއަށް ވަޑައިގެން ނަޝީދުގެ ކެމްޕެއިނުގައި ވެސް އުޅުއްވައިފަ އެވެ.