23 ޖެނުއަރީ 2023 - 12:12

ދެ ކުޅިވަރަކަށް އެއްވަރަށް ވަގުތު ދީގެން ކުރިއަށް ދިއުމަކީ ގިނަ އެތުލީޓުންނަށް ފަސޭހަކަމެއް ނޫނެވެ. ނަމަވެސް އުމުރުން 12 އަހަރުގެ ޔަސީން އަހުމަދު ނާޝިދަކީ ފުޓްބޯޅަ ކުޅެމުން ރާޅާއެޅުމަށް ވެސް ވަގުތު ހުސްކޮށްގެން ކުރިއެރުން ހޯދަމުން އަންނަ ހުނަރުވެރިއެކެވެ.

ބައެއް އެތުލީޓުން ކުޅިވަރުގެ ތެރެއަށް ވަންނަނީ އާއިލާ ނުވަތަ ގާތް މީހަކު އެ ކުޅިވަރުގައި އުޅޭތީ އެވެ. އެކަމަކު އުމުރުން ހަގު ޔަސީންގެ އާއިލާގައި ރާޅަށް ދާ މީހަކު ވެސް، ފުޓްބޯޅަ ކުޅޭ މީހަކު ވެސް ނެތެވެ. ޔަސީންގެ މަންމަ ފާތިމަތު ނަޒީހާ ބުނި ގޮތުގައި ޔަސީން އަކީ ކުޑައިރުއްސުރެން ވެސް ވަރަށް ހަރަކާތްތެރިކޮށް އުޅޭ ކުއްޖެކެވެ. ވަރަށް ތުއްތު އިރުން ފެށިގެން ވެސް މޫދަށް ގެންދަން ފަށައިފި އެވެ. ހަމަ އެހާ ކުޑައިރު ފުޓުބޯޅައިގެ ތެރެއަށް ވެސް ވަދެއްޖެ އެވެ.

ރާޅާ އަޅަން ޝައުގުވެރިކަން އުފެދުނީ މޫދަށް ގެންދަން ފެށުމުންނެވެ. ލޮނު ޒިޔާރަތްކޮޅުގައި ރާޅާ އަޅަން އުޅޭ މީހުންގެ ހަރަކާތްތަކަށް ޝައުގުވެރިކަމާ އެކު ބަލަން ހުރެ ބޯޑު ހިފައިގެން އޭނާ ވެސް ފުންމާލީ އެވެ. ދެން ހޯދަން ފެށީ ރަން ވަނަތެކެވެ.

"ކުޑައިރު ވެސް ވަރަށް މޫދަށް ގެންދަން. ވަރަށް އެކްޓިވް ވާނެ އަބަދުވެސް. އޭރު އެންމެ ގަދައަށް ކުޅޭނީ ފުޓްބޯޅަ، ވަރަށް ރަނގަޅަށް ފުޓްބޯޅަ ކުޅޭނެ. ގާތްގަނޑަކަށް އުމުރުން ހަތް އަހަރުގައި ރާޅުގަނޑަށް ގެންގޮސް އުޅޭއިރު ބުނާނެ މަންމާއޭ ސާފިން ވަރަށް ޓްރައި ކުރާހިތްވެއޭ،" ޔަސީން ރާޅާއަޅަން ޝައުގުވެރިކަން އުފެދުނު ގޮތް ނަޒީހާ ކިޔައި ދިނެވެ.

"ރާޅާއަޅާ ބަޔަކު ފެމިލީގައި ވެސް ނޫޅޭ. ކުޑައިރު ސްކޭޓްބޯޑެއް ގަނެދިނީމާ އަމިއްލައަށް ގޭގައި ސްކޭޓް ކުރަން ދަސްކުރި، އެހެންވެ ޔަސީން އަށް ރާޅާއެޅިދާނެ ކަމަށް ބަލައި، ދަސްކޮށްދޭން ކޯޗެއް ހޯދަން ނިންމީ."

ސާފިންގެ ހުނަރުތައް ދަސްކޮށްދޭން ނަޒީހާ ހޯދީ ރާއްޖޭގެ ސާފިންގައި އެންމެ ގިނަދުވަސްވީ އަންހެން އެތުލީޓް ޝާޒިޔާ ސައީދު (ޝާޒު) ގެ ލަފަ އެވެ. ޝާޒުގެ ލަފާގެ މަތިން ޔަސީން އަށް ކޯޗު ކޮށްދޭން ހަމަޖެއްސީ ތަޖުރިބާކާރު ސާފް އިންސްޓްރަކްޓަރު އަސްގަރު އަބްދުލް މަތީން (ހޯސީ) އެވެ. ހޯސީއާ އެކު އެންމެ ފުރަތަމަ ބޫގީ ބޯޑުން ފަށައިގަނެ، ޝޯޓްބޯޑަށް އަރަން ފެށީ ޔަސީންގެ އުމުރުން ގާތްގަނޑަކަށް 10 އަހަރުގަ އެވެ.
ދެ ކުޅިވަރުގައި އުޅުނަސް ޔަސީން އަމިއްލައަށް ކުރާހިތުން އިތުބާރާ އެކު ކުރިއަށްދާން ބޭނުންވާ ނަމަ ދެ ކުޅިވަރުގައި ވެސް އޭނާ އަށް ފަހިކޮށްދޭން ނަޒީހާމެން ތައްޔާރެވެ. މިދިޔަ އަހަރު ބޭއްވި މައިލޯ އެކަޑަމީ ޗެމްޕިއަންޝިޕްގެ 12 އަހަރުން ދަށުގެ މުބާރާތް ކްލަބް ވެލެންސިއާގެ އެކަޑަމީއަށް ހޯދައި ދިނުމުގައި މުހިންމު ދައުރެއް އަދާކުރި ޔަސީންގެ ކިޔެވުމަށް ވެސް ކުޅިވަރުގެ ސަބަބުން ހެޔޮ ބަދަލު އަންނަ ކަމަށް ނަޒީހާ ގަބޫލުކުރެ އެވެ.
ބައެއް ކުދިންނަށް ކިޔެވުމާ އެކު ކުޅިވަރުތައް ކުޅެން ދަތިވިޔަސް، ބިލަބޮންގް އިންޓަނޭޝަނަލް ސްކޫލްގެ ގުރޭޑް 6 ގައި ކިޔަވާ ޔަސީން ބުނީ ރާޅާއެޅުމާއި ފުޓުބޯޅައިގައި އުޅެމުން ވެސް ކިޔެވުމަށް ވަގުތު ހުސްކުރަން އޭނާ އަށް ދަތިކަމެއް ނެތް ކަމަށެވެ. އެއް ކުޅިވަރަކުން ކުރިއަށްދާން ޖެހޭ ދުވަހަކުން އޭނާ އިހްތިޔާރު ކުރާނީ ރާޅާއެޅުމެވެ.
"ރާޅާއަޅަން ފެށި ފަހުން މާ ބޮޑަށް ކިޔެވުމުގައި ވެސް އުޅޭ. ހޯމްވޯކްތައް ވެސް ބަރާބަރަށް ހަދާނެ. ބައެއް ދުވަސްދުވަހު ރާޅަށް ދާހިތުން ގެއަށް އަންނާނީ ސްކޫލުގައި ހޯމްވޯކް ނިންމާލައިގެން،" ކިޔެވުމާއި ކުޅިވަރަށް ވެސް ދަރިފުޅުގެ ޝައުގުވެރިކަން ހުރި ވަރު ނަޒީހާ ކިޔައިދިނެވެ
މޫދު ކުޅިވަރުގައި ޔަސީން އެންމެ ފުރަތަމަ ބައިވެރިވީ 2021 ވަނަ އަހަރު އޮތް މުލަ ބޮޑީބޯޑިން ޗެލެންޖުގަ އެވެ. ޝޯޓްބޯޑް ސާފިން ގައި ބައިވެރިވާން ފެށީ އެ އަހަރު އޮތް ރަންނަމާރި ޗެލެންޖުންނެވެ. އަލަތު މުބާރާތުގެ ކުއާޓާ ފައިނަލަށް ނުހޮވި ޔަސީން ކެޓީ 18 އަހަރުން ދަށުގެ ޖޫނިއާ ކެޓެގަރީގެ ފަސްވަނަ ބުރުން ނެވެ. އެއީ އޭނާ ދެރަވި ދުވަހެކެވެ.
މިދިޔަ އަހަރު ބޭއްވި ދިވެހި ސާފް ލީގުގެ ޖޫނިއާ ހަތަރު އިވެންޓުގައި ވެސް ވާދަކުރި ޔަސީން ވަނީ މުޅިން އަލަށް ބޭއްވި ޖޫނިއާ ޗެމްޕިއަންޝިޕްގެ 16 އަހަރުން ދަށުގެ ބައިން އެއް ވަނަ ހޯދައި، 14 އަހަރުން ދަށުގެ ބައިން ތިންވަނަ ވެސް ހޯދައިފަ އެވެ.
"ޖޫނިއާ ނެޝެނަލް ޓީމުން ފުރުސަތު ލިބުނު ދުވަހަކީ ވެސް ވަރަށް އުފާވި ދުވަހެއް. އެކަމަކު އެންމެ އުފާވީ އަންޑަ 16 ގެ ޗެމްޕިއަންކަން ލިބުމުން،" ސާފިން އާއި މޫދު ކުޅިވަރުގެ ސާމާނު ވިއްކާ ލޯކަލް ބްރޭންޑް "ސީ ސްޕޯޓްސް"ގެ އެންމެ ހަގު އެމްބަސެޑަރުގެ ގޮތުގައި ވެސް ހުރި ޔަސީން ބުންޏެވެ.
އެސޯސިއޭޝަން (އެމްއެސްއޭ) އިން ރަންނަމާރި ޗެލެންޖުގެ އޯޕަން ކެޓެގަރީ އިން ވައިލްޑް ކާޑް ސްލޮޓް ދިން 16 އަހަރުން ދަށުގެ ހަތް އެތުލީޓުންގެ ތެރޭގައި ވެސް ޔަސީން ހިމެނުނެވެ. އޯޕަން ކެޓެގަރީގައި ވާދަކޮށް ޔަސީން ކުއާޓާ ފައިނަލަށް ނުހޮވުނީ ފަސްވަނަ ބުރުން މުބާރާތާ އަލްވަދާއު ކިޔަން ޖެހުމުންނެވެ.
ތިން އުމުރުފުރައަކަށް ބަހާލައިގެން ބޭއްވި ޖޫނިއާ ޗެމްޕިއަންޝިޕްގައި މިދިޔަ އަހަރު 16 އަހަރާއި 14 އަހަރުން ދަށުގެ ބައިގައި ވާދަކުރި ނަމަވެސް، 18 އަހަރުން ދަށުގެ ބައިގައި ވާދައެއް ނުކުރެ އެވެ. ޔަސީން ބުނީ މި އަހަރު 18 އަހަރުން ދަށުގެ ކެޓަގަރީން ރަން ވަނައެއް ހޯދަން ބޭނުން ކަމަށެވެ.
ރާޅާ އެޅުމުގެ އެންމެ އުނދަގޫ އެއް ޓްރިކް، ޕައިޕްލައިނެއްގައި ބެރަލް އެޅުމުގެ ޗެލަންޖަށް އެންމެ ފަރިތަ އެތުލީޓަކަށް ވުމަކީ ވެސް އޭނާގެ އުންމީދެކެވެ.
"އެންމެ ބޭނުމީ ޕައިޕްލައިނެއްގައި ބެރަލްއެއް އަޅާލަން. އެއީ ވަރަށް ޗެލެންޖް ޓްރިކެއް،" ދުނިޔޭގެ ޗެމްޕިއަންކަން ތިން ފަހަރު ހޯދާފައިވާ ބްރެޒިލްގެ ގެބްރިއެލް މެޑީނާ އާއި ޕައިޕްލައިން ރާޅުތަކަށް މޮޅު ހަވާއީގެ ޖޭމީ އޯބްރެއިން އަށް ސަޕޯޓް ކުރާ ޔަސީން ބުންޏެވެ.
މިހާތަނަށް ޔަސީން އަށް އެންމެ ފުރިހަމަ ބެރަލް އެއް އަޅާލެވިފައި ނުވިޔަސް، ޔަސީންގެ އިސްކޮޅާ އެއްވަރުގެ ބެރަލް ރާޅެއްގައި ދުއްވާލުމަކީ، ހަލުވި ސްޕީޑާއި ޕާސިންގެ ހުނަރުތަކުން ފުޓްބޯޅައިގެ ދަނޑުގައި ވެސް ވިދަމުން އަންނަ ކުޑަކުޑަ ޔަސީންގެ ވަރަށް ބޮޑު އުންމީދެކެވެ.