ވައިން ބޯފެން އުފައްދާ ޕްލާންޓެއް ތައާރަފް ކުރަނީ
ވައިން ބޯފެން އުފައްދާ ޕްލާންޓެއް ތައާރަފް ކުރަނީ

އެޓްމޮސްފިއާގައި ހުންނަ ތެތްކަން ބޯފެނަށް ބަދަލުކުރާ ޓެކްނޮލޮޖީގެ ޕްލާންޓުތަކެއް ގެނައުމުގެ މަސައްކަތް، ފެން ޕްލާންޓް ވިއްކާ ދަ މެކޭނިޒަމް މޯލްޑިވްސްއިން ފަށައިފި އެވެ.

އެ ފިހާރައިން ބުނި ގޮތުގައި އެ ޕްލާންޓަކީ އިންސާނުން ނޭވާލާއިރު ބޭރުވާ ވަޔާއި، އެޓްމޮސްފިއާގައި ހުންނަ ވައިގައި ހިމެނޭ ތެތްކަން ބޯ ފެނަށް ބަދަލު ކޮށްދޭ "ޑްރިންކަބަލް އެއާ ޓެކްނޮލޮޖީ"ގެ ޕްލާންޓުތަކެކެވެ. އެ ފިހާރައިން ބުނި ގޮތުގައި ވައިން އުފައްދާ ފެނަކީ ކޮންޓަމިނޭޝަން ފްރީ އަދި ކެމިކަލް ފްރީ ފެނެކެވެ.

ވައިގައި ހުންނަ ތެތްކަން ފެނަށް ބަދަލު ކުރުމަށް އެ ޕްލާންޓުތަކުން ބޭނުން ކުރަނީ އޯޒޯން އަދި ގްރެނޫލޭޓަޑް އެކްޓިވް ކާބަން ފިލްޓަރެއް ކަމަށެވެ. އަދި އެ ފިލްޓަރުގެ ސަބަބުން އެ އުފެދޭ ފެނަކީ ތާޒާ ފެން ކަން ކަށަވަރު ކޮށްދޭނެ ކަމަށް ވެސް އެ ފިހާރައިން ބުންޏެވެ.

މެކޭނިކް މޯލްޑިވްސްއިން ބުނި ގޮތުގައި މިގޮތައް އުފައްދާ ފެނަކީ ރައްކާތެރި އަދި ތިމާވެއްޓާއި ރައްޓެހި ފެނެކެވެ. އަދި މިއީ ފެނަށް ދާ ހަރަދު ކުޑަ ކޮށްދޭނެ ޓެކްނޮލޮޖީއެއް ކަމަށް ވެސް އޭނާ ބުންޏެވެ.

ދަ މެކޭނިޒަމް މޯލްޑިވްސްއިން ބުނި ގޮތުގައި "ޑްރިންކަބަލް އެއާ"ޓެކްނޮލަޖީގެ މެޝިނުތައް މާކެޓަށް ނެރޭނީ މާޗު މަހު އެވެ.