މަސްދޯންޏެއް ރޭގަނޑު ދަތުރުކުރަނިކޮށް ބިންދައިގެން ހިނގައްޖެ
މަސްދޯންޏެއް ރޭގަނޑު ދަތުރުކުރަނިކޮށް ބިންދައިގެން ހިނގައްޖެ

ގއ. ދާންދޫ މަސް ދޯންޏެއް ރޭ ދަންވަރު ކަނޑަށް ބިންދައިގެން ހިނގައްޖެ އެވެ.

މަސްދޯންޏެއް ރޭގަނޑު ދަތުރުކުރަނިކޮށް ބިންދައިގެން ހިނގައްޖެ
މަސްދޯންޏެއް ރޭގަނޑު ދަތުރުކުރަނިކޮށް ބިންދައިގެން ހިނގައްޖެ

އެ ރަށު "ފެހިރޯދި" ނަމަކަށް ކިޔާ ދޯނި ބިންދައިގެން ގޮސްފައި ވަނީ ރޭ ދަންވަރު އެ އަތޮޅު ކުޑަލަފަރީ ބޭރު ކަނޑަށެވެ. އޭރު ދޯނީގައި 19 މީހުން ތިއްބެވެ.

ދޯނީގެ ވެރިފަރާތް، ޒުހައިރު އަހުމަދު "މިހާރު" އަށް ބުނީ އެ ހާދިސާ ހިނގި ވަގުތު އެ ރަށު އެހެން ދޯންޏެއް ގޮސް އޭގައި ތިބި މީހުން ސަލާމަތްކޮށްފައިވާ ކަމަށެވެ. އެ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް އޭނާ ބުންޏެވެ.

"ދޯނީގަ ތިބި މީހުންނާ ވާހަކަ ދައްކާލީމާ އެނގޭނީ ކިހިނެއް ހިނގި ކަމެއްކަން. ރަށުން މަހަށް ފުރާ ދޯންޏެއް އެއީ. ވަރަށް ބޮޑު ގެއްލުމެއް މިއީ. ގާތްގަނޑަކަށް ދެ މިލިއަނެއްހާ ރުފިޔާގެ ގެއްލުން ވާނެ." އޭނާ ބުންޏެވެ.

ޒުހައިރު ބުނީ 98 ފޫޓުގެ ދޯނި ބިންދައިގެން ދިޔަ ކަމުގެ މައުލޫމާތު ލިބުމުން އެ ރަށު ދެ ދޯންޏެއް އެ ސަރަހައްދަށް ގޮސް ދޯންޏަށް އެހީވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ޒުހައިރު ބުންޏެވެ.

"މަސްފަހި، އަދި ސީ ކިންގް ކިޔާ ދެ ދޯނި އެ ސަރަހައްދަށް ގޮސް ދޯނި ރަށަށް ގެނައުމަށް މަސައްކަތް ކުރަމުން ދަނީ."

އެ ދޯނީގައި ތިބި މީހުންނާ ހަވާލާދީ، މީހުން ސަލާމަތް ކުރަން ދިޔަ ދޯނީގައި ހުރި މީހަކު ބުނީ ދޯނި ބިނދުނީ ރޭ ކަނޑުގަދަވި ވަގުތު ޖެހި ރާޅަކާ އެކު ކަމަށެވެ.

މަސްދޯނިތައް ބިންދައިގެން ދިއުމުގެ ބައެއް ހާދިސާތައް މީގެ ކުރިން ވެސް ހިނގާފައިވެ އެވެ. މިއީ ދޯނިފަހަރު ބަނުމުގައި ހެދޭ ގޯހެއްގެ ސަބަބުން ދިމާވާ ކަމެއް ކަމަށް ކަމުގެ ތަޖުރިބާކާރުން ބުނެ އެވެ.