އޮގަސްޓް މަހަށް 13 ޓަވަރު ނިންމޭނެ ކަމުގެ އުންމީދު އޮތީ މަސައްކަތް އަވަސް ޓެކްނޮލޮޖީއެއް ބޭނުންކުރާތީ
އޮގަސްޓް މަހަށް 13 ޓަވަރު ނިންމޭނެ ކަމުގެ އުންމީދު އޮތީ މަސައްކަތް އަވަސް ޓެކްނޮލޮޖީއެއް ބޭނުންކުރާތީ

ހުޅުމާލެ 2 ގައި މިހާރު ހަދަމުން އަންނަ ފްލެޓުތަކުގެ ތެރެއިން 40 ޕަސެންޓު މުއްދަތަށް ނިންމޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި ޓަވަރުތަކުގެ މަސައްކަތުގައި ބޭނުންކުރަނީ އާންމުކޮށް ބޭނުންކުރާ ޓެކްނޮލޮޖީއަށް ވުރެ މަސައްކަތް އަވަސް ޓެކްނޮލޮޖީއެއް ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ސަލްފިއްޔާ އަންވަރު މިއަދު ވިދާޅުވެއްޖެ އެވެ.

ހެޔޮ އަގެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އަންނަނީ 32 ޓަވަރުގައި 4،000 ފްލެޓު އަޅަމުންނެވެ. އެ ކުންފުނިން އަމާޒު ހިފާފައިވަނީ މީހުންނަށް ދިރިއުޅެވޭ ވަރަށް އޭގެ ތެރެއިން 13 ޓަވަރެއް ނިންމާށެވެ. އެކަމަކު މަސައްކަތް މިހާރު ގޮސްފައިވާ ހިސާބަށް ބަލާއިރު އެ މުއްދަތަށް ނިންމިދާނެތޯ ބައެއް މީހުން ސުވާލު އުފައްދަ އެވެ.

ކޮންސްޓްރަކްޝަން މަސައްކަތްކުރާ ބައެއް މީހުން ބުނި ގޮތުގައި އާންމުކޮށް މަސައްކަތްކުރާ ގޮތަށް ބަލާއިރު އޮގަސްޓް މަހަށް އެއްކޮށް ނިންމޭނީ 1-2 ޓަވަރުގެ މަސައްކަތެވެ. ދޮރުތައް ހަރުކުރުމާއި ލިފްޓް އިންސްޓޯލްކުރުން ފަދަ ކަންކަމަށް ވެސް 2-3 މަސް ނަގާނެ އެވެ. އެހެންވެ މަސައްކަތް އެއްކޮށް ނުނިންމުނަސް މަސައްކަތް ނިމުމަކާ ކައިރިކުރާނެ ކަމަށް ބައެއް މީހުން ބުންޏެވެ.

ނަމަވެސް އެފްޑީސީގެ އެމްޑީ ސަލްފިއްޔާ ވިދާޅުވީ ފްލެޓުތައް މުއްދަތަށް ނިންމޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ފްލެޓްތައް ހަދަން ބޭނުންކުރާ ޓެކްނޮލޮޖީގައި އެއް ފްލޯގެ ކޮންކްރީޓް މަސައްކަތް، 13-15 ދުވަހުން ނިންމާލެވޭ ކަމަށެވެ.

"ޓެކްނޮލޮޖީގެ ގޮތުން ތަންކޮޅެއް އަވަސް ވާނެ ކޮންކްރީޓް މަސައްކަތް ދާ ގޮތް. ކޮންކްރީޓް މަސައްކަތް ދާއިރު ބްލޮކް ވޯކާ އެއްޗެހި ވަކިން ގެންގުޅޭކަށް ނުޖެހޭނެ. އެ ވެސް ވަގުތު. އުއްމީދަކީ ނިމުން. މިއީ ވެސް އެއް އަހަރުގެ ތެރޭގައި، ކޮވިޑުގެ ދަތިތަކުގައި މަސައްކަތް ހުރި ވަރު." އޭނާ ވިދާޅުވި އެވެ.

ފްލެޓުގެ މަސައްކަތް މިހާރު ކުރަމުން އަންނަނީ ތިން ގްރޫޕަކުންނެވެ. އަދި އަވަހަށް ނިންމުމަށް 24 ގަޑިއިރު މަސައްކަތް ކުރަން ޖެހިއްޖެނަމަ، އެ ކަން ވެސް ކުރާނެ ކަމަށް ސަލްފިއްޔާ ވިދާޅުވި އެވެ.

"ޔަގީންކަން އެބައޮތް [ފްލެޓުތައް ނިންމޭނެ ކަމުގެ]. މަސައްކަތް ވެސް ކުރަމުން މި ދަނީ. އެކަމަކު، ކޮންސްޓްރަކްޝަންގައި ހުންނާނެ ދަތިތައް. އުއްމީދަކީ، ޓާގެޓަކީ އެއީ."

މި ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ދޫކުރަން ނިންމާފައިވާ 4،000 ފްލެޓްގެ މަސައްކަތް ކުރަނީ އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ. އެ ގައުމުގެ ޖޭއެމްސީ އާއި އެންބީސީސީ ކުންފުންޏާ ހަވާލުކޮށްފައިވާ އެ މަޝްރޫއުގެ ދަށުން ކޮންމެ ކުންފުންޏަކުން އަންނަނީ 2،000 ފްލެޓް އިމާރާތް ކުރަމުންނެވެ.

އެ ފްލެޓުތައް ހަދަން އިންޑިއާގެ އެގްޒިމް ބޭންކުން ދެ ލޯނެއްގެ ގޮތުގައި 227 މިލިއަން ޑޮލަރު ހަމަޖައްސައިދީފައި ވަނީ ސަރުކާރުން ދިވެހި ސޮވެރިން ގެރެންޓީ ދީގެންނެވެ. އެއީ 116.45 މިލިއަން ޑޮލަރު އަދި 110.5 މިލިއަން ޑޮލަރުގެ ލޯނެކެވެ.