22 ޖެނުއަރީ 2023 - 06:46

ލިބޭ އުފަލެއްގެ ސަބަބުން ހިތްފުރޭ ފަހަރު އާދެއެވެ. އެކަމަކު ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ ވެސް ބެންކު އެކައުންޓެއް ނުފުރެއެވެ. ފައިސާއަކީ އެ ކަހަލަ އެއްޗެކެވެ. ކިތަންމެ ވަރަކަށް ލިބުނަސް ހިތެއް ނުފުރެއެވެ. ގައުމީ ދިފާއީ ބާރުގައި ވަޒީފާއަދާކުރާ އިޔާދަކީ އެ ފަދަ ޒުވާނެކެވެ. ލިބޭ މުސާރަޔާ ނުބައްދަލު އަދަދަކަށް އޭނާ ފައިސާ ގެންގުޅެއެވެ. އެއީ ކިހިނެއް ހޯދާ ފައިސާއެއްކަމެއް، އާއިލާގެ އެކަކަށް ވެސް ނޭނގެއެވެ. ރައްޓެހިންނަށް ހޭދަކުރުމާއި، ބާޒާރުކުރުމުގައި ހަރަދަށްބެލުމަކީ އިޔާދު ދަންނަ ކަމެއް ނޫނެވެ. މީހުން ހީކުރަނީ އެއީ ފަރީހާންގެ ދީލަތިކަންކަމަށެވެ.
ފަރީހާނަކީ އިޔާދުގެ މަންމައެވެ. އެކަނިވެރިޔެކެވެ. ފިރިމީހާ ނިޔާވި ފަހުން އެހެން މީހަކާ ނީނދެ ހުއްޓައި އުމުރުން ފަންސާސް ހަތް އަހަރު ފުރިއްޖެއެވެ. ފައިސާޔާ މެދު ފަރީހާން ވިސްނާކަށް ނުޖެހެއެވެ. ގެ ހުރީ ދިހަ ބުރިޔަށް ހަދައި، ލޯނުދައްކައި ނިމިފައެވެ. މަހަކު އެތައް ލައްކައެއް ރައްކާކުރަން ލިބެއެވެ. ހުރި ހަމަ އެކަނި ދަރިޔަކީ އިޔާދެވެ. އިޔާދަށް ފެން ފަދައިން ފައިސާ އޮއްސަން ޖެހުނަސް ފަރީހާނަށް އެއީ މައްސަލައެއް ނޫނެވެ. މަހަކު ވަކި ވަރެއް ކަނޑައެޅި، ކޮންމެ މަހަކު އެ ފައިސާ އިޔާދުގެ އެކައުންޓަށް ޖަމާވެއެވެ. އިތުރަށް އިޔާދު ފައިސާ ބޭނުންވިޔަސް ލިބޭނެ މަގު އޮންނަނީ ހުޅުވިފައެވެ. އެހެނަސް، ދެން ފައިސާ ލިބޭނީ ބޭނުންވާ ސަބަބު ބުނެދިނީމައެވެ. އެއީ އިޔާދު އެހައި ގަޔާވާ އުސޫލެއް ނޫނެވެ.
އިޔާދަކީ ގަޑިޔަށް ފަރުވާތެރި މީހެކެވެ. އަމާޒަށް ބަޑިޖެހުމުގައި ގަދަ ދިހައެއްގައި ހިމެނެއެވެ. ދުވުމުން އެއްވަނައެވެ. ތޫނުފިލިކަމުން ވެސް، ގަދަ ތިނެއްގައި ހިމެނެއެވެ. ކުޅަދާނަކަމާ އެކުގައި އިޔާދުގެ ނުބައި ސިފަތައް ވަންހަނާކުރެވެނީ އެހެންވެއެވެ. ހަގީގަތުގައި އިޔާދުގެ ފުރަތަމަ ވަޒީފާއަކީ ވިޔަފާރިއެވެ. މުދަލަކީ ޑުރަގެވެ. އެހެނިހެން އިދާރާތަކުގެ އިސް މަގާމުތަކުގައި ތިބި އެތައް ބަޔަކު އެ ވިޔުގައިގަ ހިމެނެއެވެ. އިޔާދުގެ ހުރިހައި ވެސް ނަސީބަކީ އޭނަގެ މަގާމެވެ. ތަންތަނަށް ވަދެނުކުތުމާއި، ކަންކަން ނިންމާލުމުގައި އިޔާދުގެ ބަސްވިކިފައި، އެހެން މީހަކަށް އިޔާދު ޖަވާބުދާރީވާކަށް ނުޖެހެއެވެ. މަގާމުގައި ދެމިހުންނަން އިޔާދަށް މުހިންމުވަނީ އެހެންވެއެވެ. އެ މަގާމު ގެއްލިއްޖެއްޔާ އިޔާދުގެ މުއްސަނދިކަން ވެސް ގެއްލޭނެއެވެ.
ޗެޓުކޮށްގެން އަންހެންކުދިން ވާވެއްދުމާއި، މަކަރުހެދުމަކީ ވެސް އިޔާދަށް ލިބިފައިވާ ހުނަރެކެވެ. ކަށީގައި ހިފާފައިވާ ނުބައި އާދައެކެވެ. އިޔާދު ދެ ފޯނާއި ހަތަރު ސިމު ގެންގުޅެއެވެ. އެކަމަކު އެންމެ ލޯބިވެރިޔަކު ވެސް ނުހުރެއެވެ. ރީތި އަންހެންކުދިން ނުފެންނަނީކީ ނޫނެވެ. ދިވެހި އަންހެނުންނަށް އިޔާދު އިތުބާރު ނުކުރަނީއެވެ. ރައްޓެހިން އުޅޭ ހާލާއި، ލިބޭ ލަނޑު ފެނިފެނި އިޔާދު ފޫހިވީއެވެ. ރައްޓެހިން ގާތު އިޔާދު ތަކުރާރުކޮށް ބުނާ ވާހަކައެއް އޮވެއެވެ. އިޔާދު އިންނާނީ ބޭރުކުއްޖަކާއެވެ.
ސިފައިންގެ ތަމުރީނެއްގައި އިޔާދު ކެނެޑާއަށް ދާންޖެހުނެވެ. ފުރަތަމަ ސޯފިޔާ ދިމާވީ އެ ދަތުރުގައެވެ. ސޯފިޔާއަކީ ކެނެޑާ ރައްޔިތެކެވެ. ވަރަށް ރީތި، ޒުވާން ކުއްޖެކެވެ. މަތިންދާބޯޓުގައި ޖެހިޖެހިގެން ތިބެންޖެހުމުން ވަރަށް ގިނަ ވާހަކަދެކެވުނެވެ. އިޔާދަކީ ދިވެއްސެއްކަން އެނގުމުން ސޯފިޔާގެ ޝައުގުވެރިކަން އިތުރުވިހެން ހީވިއެވެ. ދެ މީހުންގެ ދެމެދަށް ހުރަސްވެފައިވާ، ގޮނޑީގެ އަތްގަނޑު މައްޗަށް އުފުލައިލިއެވެ. އިޔާދުގެ އަތުގައިހިފިއެވެ. އެހެނަސް ސޯފިޔާ ތައުރީފުކުރީ އިޔާދުގެ ރީތިކަމަކަށް ނޫނެވެ. ދިވެހިރާއްޖޭގެ ރީތިކަމަށެވެ. ރާއްޖެ ދެކިލަން ދިޔުމަކީ ސޯފިޔާގެ ހުވަފެނެކެވެ.
ދަތުރުމަތިން ފެށުނު އެކުވެރިކަން ދަތުރުމަތީގައި ލޯތްބަށް ބަދަލުވިއެވެ. ސޯފިޔާގެ އެޑުރެހާއި، ފޯނު ނަންބަރު އިޔާދަށް ދިނެވެ. އާއިލާގެ ތައާރަފެއް ވެސް ދިނެވެ. ސޯފިޔާއަކީ ކިހައި މުއްސަނދި އާއިލާއެއްގެ ކުއްޖެއްކަމެއް އިޔާދަކަށް އޭރަކު ނޭނގެއެވެ. އެ ކަން އެނގުނީ އެއާޕޯޓުން ނުކުތް ވަގުތު ސޯފިޔާ ބަލައި އައިސްފައި އޮތް ދިގު ކާރު ފެނުމުންނެވެ. ޔުނީފޯމުގައި ހުރި ޑުރައިވަރާއި، ހަށިފާރަވެރިޔާ ފެނުމުންނެވެ. އެ ކާރަށް އަރަން ސޯފިޔާ ދައުވަތުދިނެވެ. ދަތުރުގެ ރަސްމީކަމާއި، އިޔާދު ބަލާ މީހަކު އައިސްފައި ހުރުމުގެ ސަބަބުން އެ ދައުވަތު އިޔާދަށް ގަބޫލުނުކުރެވުނީއެވެ.
ތިން މަސްދުވަސް ވަންދެން އިޔާދު ކެނެޑާގައި ހުއްޓެވެ. ކޮންމެ ހަފުތާއަކު އެއް ދުވަސް ޗުއްޓީ ލިބެއެވެ. ފުރަތަމަ ޗުއްޓީ ދުވަހު ސޯފިޔާގެ ގެއަށް އިޔާދު ގެންދިޔައެވެ. އެއީ ގެއެއް ނޫނެވެ. ބޮޑު ގަނޑުވަރެކެވެ. އެ ދުވަހަކީ އިޔާދުގެ ލޯބި ތިން ގުނައަށް އިތުރުވި ދުވަހެކެވެ. ފުރަތަމަ ލޯބިވެވުނީ ސޯފިޔާ ރީތިކަމުންނެވެ. އެ ލޯބި ދެގުނައަށް ބަދަލުވީ ސޯފިޔާ ވީ ލޯތްބެއްގެ ސަބަބުންނެވެ. ތިން ގުނައަށް ބަދަލުވީ ސޯފިޔާގެ ތަނަވަސްކަން ފެނިފައެވެ.
ސޯފިޔާގެ މަންމައެއް ނެތެވެ. މަންމަ ނިޔާވީ ސޯފިޔާގެ އުމުރުން ހަތަރު އަހަރުގައެވެ. ރަނގަޅަށް ކަންކަން ވިސްނޭ އުމުރަށް ސޯފިޔާ އައި އިރު ހުންނަނީ ދޮންމަންމައެކެވެ. އެ ދޮންމަންމަގެ ފަރާތުން މަންމައެއްގެ ލޯބި ސޯފިޔާއަށް ލިބުނެވެ. ޝަކުވާކުރާނެ ފުރުސަތެއް ދޮންމަންމަ ނުދެއެވެ. ބައްޕައާއި ދޮންމަންމައަށް އިޔާދު ތައާރަފުކުރި ދުވަހު ވެސް އެ މީހުން ވަރަށް ހޫނު މަރުހަބާއެއް ކިޔެވެ. އެހެނަސް އިޔާދަކީ މުސްލިމެއްކަން އެނގުމުން، ސިކުންތަކަށް ނަމަވެސް ދޮންމަންމަގެ ތުންފަތުން ހިނިތުންވުން ފިލައިގެންދިޔައެވެ. އެ ކަން ފާހަގަވީ، ހަމަ އެކަނި ސޯފިޔާއަށެވެ. އިޔާދު ރާއްޖެއައީ ސޯފިޔާގެ ފިރިޔަކަށް ވެވޭނެކަމުގެ ޔަގީންކަމާ އެކުގައެވެ.
އަމިއްލަ ނަފުސަށް މާ ބޮޑަށް އިތުބާރުކުރެވުމާއި، ތިމާއަށް ތިމާ ފެނުމަކީ މޮޔަކަމެކެވެ. ފަރުވާކުޑަ ކުރެވޭ ކަމެކެވެ. އިޔާދުގެ ނަޒަރުގައި އިޔާދަކީ ވަރަށް ހުސިޔާރު މީހެކެވެ. ބޭނުން ކޮންމެ މީހަކު މޮޔަހެއްދޭނެއެވެ. އޭނަ ބޭޒާރެއް ނުވާނެއެވެ. އޭނަ އަތުން ގޯހެއް ނެހެދޭނެއެވެ. އެއީ ތެދެކެވެ. ވޭތުވެދިޔަ ތަނުގައި އިޔާދު ޅައެއްޗެއް ނާޅައެވެ. އެހެނަސް އޭގެ މާނައަކީ، މުސްތަގުބަލުގައި ވެސް އެ ކަން އެހެން އޮންނާނެއެކޭ ނޫނެވެ. އިޔާދަށް ނުވިސްނުނީ ދުނިޔޭގެ އެ އުސޫލެވެ.
އިޔާދު މާލެއައި އިރު ގޭގެ މެހުމާން ކޮޓަރީގައި ބިދޭސީ ފިރިހެނަކު އުޅެއެވެ. އެ މީހާ އޭޝިޔާ މީހަކާ ވައްތަރެއް ނޫނެވެ. އިސްކޮޅުން ދިގު، ކަސްރަތީ ހަށިގަނޑެއްގެ ވެރިޔެކެވެ. އިނގެރޭސިން ވާހަކަދައްކަނީ އެމެރިކާ ރާގަށެވެ. ބަސްތައް އަތުރާލުމުގައި ކުޅަދާނައެވެ. ފުރަތަމަ އިޔާދު ފެނުނު ދުވަހު ވެސް ވަރަށް ގިނަ ވާހަކަދެއްކިއެވެ. އޭނަގެ ނަމަކީ އޮލިވަރއެވެ. އިޔާދަކީ ކާކުކަން އޭނައަށް އެނގެއެވެ. އޭނައަކީ ކާކުކަން އިޔާދަށް އެނގުނީ އެ ރެޔެވެ.
އޮލިވަރއަކީ ފަރީހާންގެ އެކުވެރިޔެކެވެ. ކުރިން އުޅުނީ ކެނެޑާ ސިފައިންގެ ތެރޭގައެވެ. އޭނަގެ ގައުމަކީ ކެނެޑާއެވެ. އެ ހިސާބުން އިޔާދުގެ ރުހުން އޮލިވަރއަށް ލިބުނެވެ. ސިފައިންގެމީހަކަށް ވީމައެއް ނޫނެވެ. ކެނެޑާ މީހަކަށް ވީތީއެވެ. މަންމަގެ ގޮތް އިޔާދަށް އެނގެއެވެ. އެކުވެރިން ގޭގައި ބޭތިއްބުމަކީ މަންމަގެ މިޒާޖެއް ނޫނެވެ. އަމުދުން ބޭރު މީހަކު، އެއީ ކިތަންމެ ބޮޑު ރައްޓެއްސަކަށް ވިޔަސް، ގެއަކަށް ނުގެންނާނެއެވެ. އޮލިވަރއަކީ މަންމަގެ އެކުވެރިއެއް ނޫނެވެ. ލޯބިވެރިޔާއެވެ. އެ ކަން އިޔާދަށް ކަށަވަރެވެ. ދެ މީހުން ކައިވެނިކޮށްގެން މަންމަ ކެނެޑާއަށް ބަދަލުވެއްޖެއްޔާ، ވަޒީފާއިން ކެނޑިގެން އިޔާދު ވެސް ދާނީ ކެނެޑާއަށެވެ. ދެން ސޯފިޔާއާ އިނދެގެން އެ ތަނުގައި ދިރިއުޅޭނީއެވެ. ކެނެޑާ ރައްޔިތަކަށް އިޔާދު ބަދަލުވާނީއެވެ. ބޮޑު ވިޔަފާރިއެއް ފަށާނީއެވެ. ހިޔާލީފޮލާ ކައްކަމުން، ކެއުމަށް އިންސާފުކުރަމުން ގެންދިޔަ އިރު، ނަގައިފައިވާ ވިލާގަނޑެއް އިޔާދަކަށް ނުފެނެއެވެ.
ރިޔާސީ އިންތިހާބު ކައިރިވަމުންއައި ދުވަސްވަރެވެ. ސަރުކާރާއި އިދިކޮޅުން ދިޔައީ ޖަލްސާތަކާއި، އެއްވުންތައް ބާއްވަމުންނެވެ. ރައީސްގެ ހަށިފާރަވެރިންގެ ތެރޭގައި އިޔާދު ހިމެނުނެވެ. ރައީސް ވަޑައިގަންނަވާ ކޮންމެ ތަނަކަށް ފުރަތަމަ ދަނީ އިޔާދުގެ ޓީމެވެ. އެ ތަނަކުން ރައީސް ނުކުމެވަޑައިގަތުމުން ނޫނީ އިޔާދަކަށް ނުނިކުމެވެއެވެ. ދެން ވަޑައިގަންނަވާ ތަނަކަށް ވެސް އިޔާދު ކުރިން ދާންޖެހެއެވެ. އެހައި އަވަދިނެތިކޮށް ތެޅިފޮޅުނު ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. މާލޭގައި ބޮޑު ހޮޓަލެއް ހުޅުވުމުގެ ރަސްމިއްޔާތު އޮތް ދުވަހެކެވެ. ހަށިފާރަވެރިންގެ ކޮންމެ މީހެއް އަތުގައި ފިސްތޯލައެއް އޮތެވެ. ފުރެންދެން ވަޒަން ހުއްޓެވެ. ބަޔަކު ހަމަނުޖެހުމެއް ހިންގަފާނެކަމުގެ ބިރު ބޮޑުވެފައިވާތީ، "އެސްފިޔަ ވެސް ނުޖެހުމަށް" އޯޑަރު އޮތީ އައިސްފައެވެ. ރަސްމިއްޔާތު އޮތީ ހަތްވަނަ ފަންގިފިލާގައެވެ. އިޔާދު ހުރީ އެންމެ ތިރީގައެވެ. ޑިއުޓީއަކީ، ތަނަށް ވަންނަ މީހުންނާއި، އެ މީހުންގެ ހަރަކާތްތަކަށް ފާރަލުމެވެ. އެހެން ހުރިހައި ދުވަހަކަށް ވުރެ ލުއި ޒިންމާއެކެވެ. ހޮޓަލަށް މީހަކަށް ވަދެވޭނީ ހޮޓާ ހުންނަ ސަރަހައްދަށް މީހަކަށް ވަދެވިގެންނެވެ. މުޅި ސަރަހައްދު އޮތީ ބަންދުކޮށްފައެވެ. ހޮޓަލުގެ ދޮރުމަތީގައި ވެސް ސިފައިން ތިއްބެވެ.
ކުއްލިއަކަށް ފެނުނީ ސިފައިންގެ ތިން އޮފިސަރުން ދޮރުން ވަންތަނެވެ. އެ މީހުންގެ މިސްރާބު ހުރީ އިޔާދާ ދިމާއަށެވެ. ކަޅިޖަހައި ނުލައި ބަލަހައްޓައިގެން ހުއްޓައި، އިޔާދުގެ ދެ ފަރާތުގައި ދެ މީހުން ހުއްޓުނެވެ. ތިންވަނަ މީހާ އިޔާދުގެ ކުރިމަތީގައި ހުއްޓުނެވެ. އެއީ މުނާޒެވެ. އިޔާދުގެ ރައްޓެއްސެކެވެ. އެހެނަސް އެ ވަގުތު އޭނަގެ މޫނުމަތިން އެކުވެރިކަމެއް ނުފެނެއެވެ.
"ކޮބާ ހަތިޔާރު؟" މުނާޒުގެ ރާގުގައި ވަނީ ރަސްމީކަމެވެ.
އިޔާދު ވަގުތުން ފިސްތޯލަ ނަގަން ބަލައިލި އިރު ފިސްތޯލައެއް ނެތެވެ. ހާސްވެގެން އިޔާދު ތެޅިގަތެވެ.
"ފާހާނަ ތެރޭގަ ވެޕަން އޮއްވާ ފެނިގެން، އާންމުންގެ މީހަކު އެ ވެޕަން ހަވާލުކޮށްފި،" ވަރަށް ހިތްހަމަނުޖެހިފައި މުނާޒު ބުންޏެވެ. "ދެން ޑިޔުޓީގަ ތިބޭނީ މި ދެ މީހުން. އިޔާދު ހިނގާ އަހަންނާ އެއްކޮށް."
ދިފާއުގައި އިޔާދަށް ދެއްކޭނެ އެއްވެސް ވާހަކައެއް ނެތެވެ. އެހެނަސް ހިތްވަރެއް ނޭލެއެވެ. ސާބިތުކަމާ އެކު މުނާޒާ އެކުގައި އެ ތަނުން ނުކުތެވެ. ދެ މީހުން އެކުގައި ގޮސް ކާރަށް އެރިއެވެ. ހަތިޔާރަށް ފަރުވާކުޑަކުރުމަކީ ވަރަށް ބޮޑު ކުށެކެވެ. އިޔާދަށް މައްސަލައަކީ އޭގެ އަދަބެއް ނޫނެވެ. އަދަބުގެ ސަބަބުން އިޔާދުގެ އާމުދަނީއަށް އެޅޭނެ ހުރަހެވެ. އަތްމަތި ދަތިވާނެ ވަރެވެ.
"ތިހާ ސްމާޓް މީހެއްގެ ކެރިއަރ ހާދަހާ ހުތުރު ގޮތަކަށޭ ތި ނިންމާލީ!" ދެ މީހުން އެކަނިވުމުން މުނާޒު ބުންޏެވެ. "ހިތަށްއަރާފާނެ ހާދަހާ ނަސީބުދެރައޭ! އިޔާދުގެ ނަސީބު ރަނގަޅު. ލައިވް ރައުންޑާ އެއްކޮށް އެ ވެޕަން މީހަކު ފޮރުވި ނަމަ ދެން ވާނެ ގޮތް ވިސްނާލާ! އަހަންނަށް ކަށަވަރު ޖަލަށްލާނެކަން."
"ހެލްޕް މީ!" އިޔާދަށް ބުނެވުނެވެ. "ޕްލީޒް!"
ނުނިމޭ