16 ޖެނުއަރީ 2017 - 17:46

ސީރިއާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވާން އަންނަ ހޮނިހިރު ދުވަހު މާލޭގައި ކެމްޕޭނެއް ފަށަން ނިންމައިފި އެވެ.
މި ހަރަކާތުގައި އެކި ޖަމިއްޔާތަކުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވާނެ އެވެ.
މި ހަރަކާތުގައި ބައިވެރިވާ ކޭކް ޑޮނާސްގެ ފައުންޑަ މެމްބަރު އައިޝަތު ޝެރީން ވިދާޅުވީ ސީރިޔާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވާން ހިންގާ ހަރަކާތް، ކުރިން ހިންގާފައިވާ އެކި ހަރަކާތްތަކަށް ވުރެ ބޮޑުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ޖުމްލަ 400 އެއްހާ ވޮލެންޓިއަރުން މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި މަސައްކަތް ކުރަމުންދާނެ ކަމަށެވެ.
"މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ޖުމްލަ 400 އެއްހާ ވޮލެންޓިއަރުން ހަރަކާތްތެރިވާނެކަމަށް އުއްމީދުކުރަނީ. އަޅުގަނޑުމެން އެދެން އަދި ވެސް އިތުރު ވޮލެންޓިއަރުން ބައިވެރިވުމަށް،" ޝެރީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ކެމްޕޭނުގައި ކަޕް ކޭކު ވިއްކުމުގެ އިތުރުން ސީރިޔާގައި ހާލުގައި ޖެހިފައިވާ މީހުންނަށް ތަކެތި ހަދިޔާކުރުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށެވެ. މީގެ އިތުރުން ފައިސާ ހަދިޔާކުރަން އެކިި ސަރަހައްދުގައި ފަންޑު ފޮށި ބަހައްޓާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ކަޕް ކޭކް ވިއްކައިގެން ލިބޭ ފައިސާގެ އިތުރުން ތަކެތި ވެސް ހަދިޔާ ކުރެވޭނެ. އަދި ފައިސާ ހަދިޔާކުރަން ވެސް އެކި ސަރަހައްދުތަކުގައި ފަންޑު ފޮށި ބަހައްޓާފައި ހުންނާނެ. މީގެ އިތުރުން އަޅުގަނޑުމެންނަށް ލިބޭ ފައިސާއިން މަސްދަޅު ފަދަ ތަކެތި ގަނެ އެ ގައުމަށް ހަދިޔާކުރަން ފޮނުވާނީ،" ޝެރީން ވިދާޅުވި އެވެ.
ރާއްޖޭގައި މި ކެމްޕޭން ކުރިއަށްގެންދަން ނިންމާފައި ވަނީ، ޝެރިން ވިދާޅުވި ގޮތުގައި، އަންނަ މަހުގެ ނިޔަލަށެވެ. އެގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެކި ހަރަކާތްތައް އޮންނާނެކަން އޭނާ ފާހަގަކުރެއްވި އެވެ.
"އެ ދުވަހެއްގެ ކެމްޕޭނަކުން ލިބޭ ފައިސާ އަޅުގަނޑުމެން އާއްމުކުރާނަން. އަދި އެ ފައިސާއިން ތަކެތި ގަންނާނީ. އެއްވެސް ވަރަކަށް ފައިސާ ބެހެއްޓުމުގެ އެއްވެސް ކަމެއް ނޯންނާނެ. ވަރަށް ދެފުށް ފެންނަ ގޮތަށް މި ހަރަކާތްތައް ގެންދާނީ،" ޝެރީން ވިދާޅުވި އެވެ.
މި ހަރާކަތުގައި ލިބޭ ތަކެތި ސީރިއާ އަށް ފޮނުވަން ހަމަޖައްސާފައިވަނީ، އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން މެދުވެރިކޮށެވެ.