21 ޖެނުއަރީ 2023 - 07:39

ބޮޑު މަގްބޫލުކަމެއް ހޯދި ދެކުނު އިންޑިއާގެ ފިލްމް "ޕުޝްޕާ: ދަ ރައިޒް" ގެ ދެވަނަބައި "ޕުޝްޕާ: ދަ ރޫލް" ގެ ޝޫޓިން އަށް، އެ ފިލްމުގެ ލީޑު ރޯލުން ފެންނަ އައްލު އަރްޖުން އުއްތަރްޕްރަދޭޝްގެ ސިޓީ ވިޒާގަށް ހިނގައްޖެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އޭނާ އެ ސިޓީއަށް ދިއުމުން އެއާޕޯޓު ސަރަހައްދުން ގިނަ އަދަދެއްގެ ފޭނުން ވަނީ މަރުހަބާ ކިޔައިފަ އެވެ. އަދި އޭނާ މިހާރު ހުންނަ ފިޓު ހަށިގަނޑާއި ރީތި އިސްތަށިގަނޑަށް ފޭނުންގެ ގިނަ ބަޔަކު ވަނީ ތައުރީފްކޮށް އައްލުގެ ފޮޓޯ ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.
ޕުޝްޕާ 2ގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.
ދެ ވަނަ ބައިން ފެންނާނީ އައްލު އަރްޖުން އަދި ފުރަތަމަ ބައިގެ ނިމޭކޮޅު ތައާރަފްކުރި ވިލަންގެ ރޯލުން ފެންނަ ފަހަދު ފާސިލްގެ ކެރެކްޓާގެ ކުރިމަތިލުމެވެ.
ބޮޑު ކާމިޔާބީއަކާ އެކު ބޮޑު އާމްދަނީއެއް ހޯދި ޕުޝްޕާގެ ފުރަތަމަ ބައި ވެގެންދިޔައީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި މަޝްހޫރު ފިލްމަކަށެވެ. ހާއްސަކޮށް، ފިލްމުގެ "އޯ އަންޓާވާ މަވަ" ލަވަޔާއި، އަރްޖުންގެ ހިނގުމުގެ އިތުރުން އޭނާ ފިލްމުގައި ބޭނުންކުރި ބައެއް ޑައިލޮގުތައް ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފަ އެވެ.
ޕުޝްޕާ 2 ނުކުންނާނެ ތާރީހެއް އަދި އިއުލާނުކޮށްފައި ނުވި ނަމަވެސް، މި އަހަރުގެ ފަހު ކޮޅު ނިކުންނާނެ ކަމަށް ލަފާކުރެވޭ ކަމަށް ހަބަރުތައް ބުނެ އެވެ.