ކަރެކްޝަނަލް ސާވިސް މުވައްޒަފުންގެ އަހަރީ ޗުއްޓީއަށް 50 ދުވަސް ދޭން ނިންމައިފި
ކަރެކްޝަނަލް ސާވިސް މުވައްޒަފުންގެ އަހަރީ ޗުއްޓީއަށް 50 ދުވަސް ދޭން ނިންމައިފި

ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންނަށް އަހަރީ ޗުއްޓީގެ ގޮތުގައި 50 ދުވަސް ދިނުމަށް ނިންމައި ވަޒީފާއާބެހޭ ގަވާއިދަށް މިއަދު އިސްލާހު ގެނެސްފި އެވެ.

ކަރެކްޝަނަލް ސާވިސްގެ ވަޒީފާއާ ބެހޭ ގަވާއިދަށް ގެނައި އިސްލާހުގައި ބުނެފައިވަނީ އެ ތަނުގެ މަސައްކަތަށް ދަތިނުވާ ގޮތަށް ޖަލު އޮފިސަރުންނާއި މުވައްޒަފުންނަށް އަހަރީ ޗުއްޓީގެ ގޮތުގައި ބަންދު ދުވަސްތައް ހިމެނޭ ގޮތަށް 50 ދުވަސް ދޭން ވާނެ ކަމަށެވެ.

ވަޒީފާއާ ބެހޭ ގަވާއިދުގައި ކުރިން އޮތް ގޮތުން ޖަލު އޮފިސަރުންނާއި މުވައްޒަފުންނަށް ޗުއްޓީގެ ގޮތުގައި ބަންދު ދުވަސްތައް ނުހިމެނޭ ގޮތަށް ލިބޭނީ 38 ދުވަހެވެ.

އިސްލާހަށް މިއަދުން ފެށިގެން ވަނީ އަމަލުކުރަން ފަށައިފަ އެވެ.

ސިވިލް ސާވިސް މުވައްޒަފުންނަށް އަހަރީ ޗުއްޓީގެ ގޮތުގައި ދެނީ 30 ދުވަހެވެ. ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންނަކީ ވަޒީފާއާ ބެހޭ ގާނޫނުގެ 34 ވަނަ މާއްދާގެ ދަށުން އިސްތިސްނާވާ ބައެކެވެ.

މީގެ އިތުރުން ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުން އައިޑެންޓިފިކޭޝަން ކާޑު ހެއްދުމަށް ފޮޓޯ ނަގާއިރު، ފަހަތް ހުދު ކުލައިގައި ހުންނަން ޖެހޭ ގޮތަށް ވަޒީފާއާ ބެހޭ ގަވާއިދު ވަނީ އިސްލާހުކޮށްފަ އެވެ. އެ ގަވާއިދުގައި ކުރިން އޮތް ގޮތުން ނަމަ، އައިޑެންޓިފިކޭޝަން ކާޑުގެ ފޮޓޯ ނަގަންޖެހޭނީ ނޫކުލައިގެ ބެކްގްރައުންޑްގައެވެ. އަދި އެ ތަނުގެ ބެޖް ވޯޓަ މާކެއްގެ ގޮތުގައި ބެކްގްރައުންޑުން ފެންނަން
ހުންނަން ޖެހެ އެވެ.