20 ޖެނުއަރީ 2023 - 18:51

ވިލިމާލޭގައި އާރްޓީއެލް ބަހުގެ ހިދުމަތް މިއަދު ހަވީރު އެމްޓީސީސީ އިން ފަށައިފި އެވެ.

އެ ހިދުމަތް ފެށީ 6 އިލެކްޓްރިކް މިނީ ބަހާ އެކު އެވެ. އެ ހިދުމަތް ފައްޓަވާ ދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އެވެ.

އެމްޓީސީސީ އިން މި ހިދުމަތް ފެށީ، އެ އަވަށުގައި ބަގީގެ ހިދުމަތް ފަށަން މާލޭ ސިޓީ ކައުންސިލުން ނިންމާފައި ވަނިކޮށެވެ. މާލޭގެ މޭޔަރު މުހައްމަދު މުއިއްޒު ވަނީ އެކަމުގައި ނުރުހުން ފާޅުކުރައްވައިފަ އެވެ.

އާޒިމް ވިދާޅުވީ އެ ހިދުމަތް ވިލިމާލޭގައި ފެށީ ގިނަ ރައްޔިތުންތަކެއްގެ އެދުުގެ މަތިން ކަމަށެވެ. އަދި އެ އަވަށުގައި ރަނގަޅު ދަތުރުފަތުރުގެ ނިޒާމެއް ނެތުމުން އާއްމުން ދިޔައީ ޒަމާނުއްސުރެ ގިނަ ޝަކުވާތަކެއް ކުރަމުން ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.
"މި ތަނުގައި އެކަށީގެންވާ ގޮތެއްގައި ޓްރާންސްޕޯޓް ކުރެވޭނެ ގޮތެއް ނެތި، ގިނަ ބަޔަކު އެކަމުގެ ދަތިކަން ދިޔައީ ތަހައްމަލު ކުރަމުން. ހާއްސަކޮށް އުމުރުން ދުވަސްވީ މީހުންނާއި، ހާއްސައެހީއަށް ބޭނުންވާ މީހުން ވިއްސާރަ އާއި އަވީގައި ދަތުރުކުރުމަށް ވަނީ ދަތިވެފައި. މިއީ ގިނަ ރައްޔިތުންތަކެއްގެ އެދުމުގެ މަތިން ފެށި ހިދުމަތެއް،" އާޒިމް ވިދާޅުވި އެވެ.
މި ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު އުޝާމް މިއަދު ވިދާޅުވީ ބަހުގެ ހިދުމަތް ފެށުމަކީ ވިލިމާލޭގެ ރައްޔިތުންގެ ބޮޑު ޝަކުވާއަކަށް ނިމުން އައި ކަމެއް ކަމަށެވެ.
ރަސްމިއްޔާތުގައި، ވިލިމާލޭގައި ދިރިއުޅޭ އާއްމުންގެ މީހަކު ވަނީ ބަހުގެ ހިދުމަތް މުހިންމުކަން ފާހަގަކޮށް ވާހަކަ ދައްކައިފަ އެވެ. އޭނާ ބުނި ގޮތުގައި ތަކެތި އުފުލުމާއި އެހެނިހެން ކަންކަމުގައި ކުރިމަތިލި ދަތިކަން ބަހުގެ ހިދުމަތުގެ ސަބަބުން ނިމުމަކަށް އަންނާނެ ކަމަށެވެ
ބަހުގެ ހިދުމަތް ފެށުމަށް ފަހު އެންމެ ފުރަތަމަ ބަހުގައި ދަތުރު ކުރި އާއްމުން މީހަކު "މިހާރު" އާ ވާހަކަ ދައްކަމުން ބުނީ ބަހުގެ ހިދުމަތް ފެށުމަކީ ވަރަށް އުފާވާކަމެއް ކަމަށެވެ. އަދި އެ ފަދަ ހިދުމަތަކަށް އިންތިޒާރު ކުރާތާ ގިނަ ދުވަސްތަކެއްވެއްޖެ ކަމަށާއި އެ ހިދުމަތުގެ ސަބަބުން ސްކޫލަށް ކުދިން ގެންދިއުމަށް ވަރަށް ބޮޑު ފަސޭހައެއް ލިބޭނެ ކަމަށް ބުންޏެވެ.
ވިލިމާލޭގައި ބަހުގެ ހިދުމަތް މި ދެ ހަފްތާގައި ހިލޭ ލިބޭނެ އެވެ. އެއަށް ފަހު، ބަހުގެ ހިދުމަތަށް ނަގާނެ ފީއެއް ކަނޑައަޅާ އިއުލާން ކުރާނެ ކަމަށް އެމްޓީސީސީއިން ބުންޏެވެ. އެކަމަކު އޭގެ ފަހުން ވެސް 65 އަހަރުން މަތީގެ މީހުންނާއި، ތިން އަހަރުން ދަށުގެ ކުޑަކުދިންނާއި ސްކޫލު ޔުނީފޯމުގައި ތިބޭ ދަރިވަރުންނަށް ހިލޭ ބަސްދަތުރު ކުރެވޭނެ އެވެ.
ބަހުގެ ދަތުރުތައް އޮންނާނީ ކޮންމެ ފަސް މިނެޓާއި 10 މިނެޓާއި ދޭތެރޭ އެވެ.