19 ޖެނުއަރީ 2023 - 23:45

ވިޔަފާރީގެ މުއާމަލާތްތައް ކުރުމުގައި ދުނިޔޭގެ އެކި ކުންފުނިތަކުން ބޭނުންކުރާ އެސްއޭޕީ އަރީބާ ނެޓުވޯކް އެސްޓީއޯއަށް ތައާރަފުކޮށްފި އެވެ.

އެ ނެޓްވޯކު އެސްޓީއޯއަށް ތައާރަފުކުރީ އެ ކުންފުންޏާއި ކުންފުނީގެ ސަޕްލަޔަރުންނާ ދެމެދު ކުރާ މުއާމަލާތްތަކަށެވެ.

އެ ނެޓްވޯކު ތައާރަފް ކުރުމަށް ބޭއްވި ހާއްސަ ހަފްލާގައި އެ ނެޓްވޯކު ތައާރަފް ކޮށްދެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު މުހައްމަދު ޝިފާން އެވެ.

އެ ހަފްލާގައި އެސްޓީއޯގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރު އަބްދުލްވާހިދު މޫސާ ވިދާޅުވީ އެ ނެޓްވޯކަކީ ފަސް ދުވަހުގެ ޕްރޮކިއުމަންޓު މަސައްކަތް ފަސް ގަޑިއިރަށް ބަދަލު ކޮށްދޭނެ ނެޓްވޯކެއް ކަމަށެވެ. އަދި އެ ނެޓްވޯކަށް މަސައްކަތްތައް ބަދަލު ކުރާނީ، ނެޓްވޯކާ ގުޅޭ ގޮތުން ސަޕްލަޔަރުންނަށް ބޭނުންވާ މައުލޫމާތު ހިއްސާކޮށް، އެ ނެޓްވޯކަށް އަހުލުވެރިވުމުން ކަމަށް ވިދާޅުވި އެވެ. އަދި އެ ފަދަ ނެޓްވޯކެއްގެ މުހިންމުކަމާއި، އެ ފަދަ ނެޓްވޯކެއް ނެތުމުން ކުރިމަތިވާ ދަތިތައް ވެސް ފާހަގަ ކުރެއްވި އެވެ.
"އަޅުގަޑުމެން މިހާރު ސަޕްލަޔަރުންނާ މުއާމަލާތް ކުރަނީ އީމެއިލް މެދުވެރިކޮށް. ވަރަށް ގިނަ މިސްކޮމިއުނިކޭޝަނާއި، މަސައްކަތުގެ އެކި މަރުހަލާތަކުގައި މެއިލް ރައްދުނުވެ ދަތިތައް ކުރިމަތިވޭ. މި ނެޓުވޯކަކީ އެ ހުރިހާ ކަމެއްގެ ހައްލު." އޭނާ ވިދާޅުވި އެވެ.
އަބްދުލްވާހިދު ވިދާޅުވީ މިދިޔަ އަހަރު އެކަނި 15 ބިލިޔަނަށް ވުރެ ގިނަ ރުފިޔާގެ ވިޔަފާރި ކޮށްފައި ވާއިރު، އެ ކުންފުންޏަކީ ގިނަ އަދަދެއްގެ ސަޕްލަޔަރުންނާ މުއާމަލާތް ކުރާ ކުންފުންޏެއް ކަމަށެވެ. މި ފަދަ ނެޓްވޯކަކަށް އެ މަސައްކަތްތައް ބަދަލު ކުރުމުން މަސައްކަތުގެ ދެ ފުށް ފެނި، މަސައްކަތް ކުރިއަށްދާ ގޮތް ދެ ފަރާތަށް ވެސް ފަސޭހައިން ބެލޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
އެ ހަފްލާގައި އެސްޓީއޯގެ ޕްރޮކިއުމަންޓު ޑިޕާޓްމަންޓުގެ މެނޭޖަރު ހުސެއިން އަލީ ވަނީ ހަފްލާގެ ބައިވެރިންނަށް އަރީބާ ނެޓްވޯކާ ގުޅޭ ޕްރެޒެންޓޭޝަނެއް ދީފަ އެވެ. އަދި އެ ނެޓްވޯކު ބޭނުން ކުރާ ގޮތުގެ މައުލޫމާތު ވެސް ވަނީ ހިއްސާ ކުރައްވާފަ އެވެ.
އަރީބާ ނެޓްވޯކަކީ ކްލައުޑް ބޭސްޑް އޮންލައިން ނެޓްވޯކެކެވެ. އެ ނެޓްވޯކު މެދުވެރިކޮށް، ސަޕްލަޔަރުންނާ ކުރަން ޖެހޭ ހުރިހާ މުއާމަލާތްތަކެއް ކުރެވޭނެ އެވެ. އެ ނެޓުވޯކު މެދުވެރިކޮށް ބިޑަށް ހުޅުވާލުމާއި، ބިޑު ހުށަހެޅުމާއި، ތަކެތީގެ ކޯޓޭޝަން ހުށަހެޅުމާއި، އޯޑަރު ކޮށް ކޮންފާމް ކުރުމާއި ޑެލިވަރީ ނޮޓިފިކޭޝަން ވެސް ލިބޭނެ އެވެ.
އެ ނެޓްވޯކު ބޭނުން ކުރުމަށް ސަޕްލަޔަރުން ފީ އެއް ދައްކާކަށް ނުޖެހޭނެ އެވެ.