ކޮންމެ ރަށަކުން ފެންނަނީ ބޮޑު ތަފާތަކުން ކާމިޔާބުވާނެ މަންޒަރު: ރައީސް
ކޮންމެ ރަށަކުން ފެންނަނީ ބޮޑު ތަފާތަކުން ކާމިޔާބުވާނެ މަންޒަރު: ރައީސް

ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް މިހާތަނަށް ވަޑައިގަތް ހުރިހާ ރަށަކުން ފެންނަނީ ތަފާތު ބޮޑުކޮށް ކާމިޔާބުކުރާ މަންޒަރު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ކޮންމެ ރަށަކުން ފެންނަނީ ބޮޑު ތަފާތަކުން ކާމިޔާބުވާނެ މަންޒަރު: ރައީސް
ކޮންމެ ރަށަކުން ފެންނަނީ ބޮޑު ތަފާތަކުން ކާމިޔާބުވާނެ މަންޒަރު: ރައީސް

އެމްޑީޕީގެ ރިޔާސީ ކެމްޕެއިނަށް ހއ. ހދ. އަދި ށ އަތޮޅަށް ވަޑައިގަތުމަށް ފަހު ރައީސް މިރޭ ވަނީ ލ. އަތޮޅަށް ފުރާވަޑައިގެންފަ އެވެ.

އެ އަތޮޅު އެއާޕޯޓު އޮންނަ ކައްދޫއިން އެމަނިކުފާނަށް މަރުހަބާ ދަންނަވަން އައިސް ތިބި އެމްޑީޕީ މެންބަރުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިހާތަނަށް ވަޑައިގަތް ހުރިހާ ރަށަކުން ވެސް ރައްޔިތުން ބޭނުންވަނީ ތަރައްގީގެ މިސްރާބަށް ކުރިޔަށް ދާން ކަމަށެވެ.

ކޮންމެ ރަށަކުން ވެސް ބޮޑު ތަފާތަކުން އެމްޑީޕީގެ މެންބަރުން އެމަނިކުފާނަށް ވޯޓު ދެއްވާ މަންޒަރު ފެނިވަޑައިގެންފި ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑަށް ފެނުނު މަންޒަރަކީ ކޮންމެ ރަށަކުން ވެސް ބޮޑު ތަފާތަކުން އިންތިހާބު ކާމިޔާބު ކުރެވޭނެ. ލ އަތޮޅުން ގަމާއި ފޮނަދޫ އަދި އެހެން ރަށްރަށުގެ މަންޒަރު ވެސް ވަރަށް ސާފު. ހއ. ހދ. ށ. ނ. ރ. ބ. ޅ. އިން ވެސް ފެންނަނީ ބޮޑުތަނުން ކާމިޔާބުކުރާ ތަން." ރައީސް ވިދާޅުވި އެވެ.

މިއީ އެމްޑީޕީގެ އެތެރޭގެ އިންތިހާބެއް ވިޔަސް އޭގެ އަސަރު ރިޔާސީ އިންތިހާބަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ރައީސް ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެހެން ހުރިހާ ރިޔާސީ އިންތިހާބެކޭ އެއްގޮތަށް މި ފަހަރު ވެސް ހަމައެކަނި އެމްޑީޕީ އަށް ރިޔާސީ އިންތިހާބު ކާމިޔާބެއް ނުކުރެވޭނެ އެވެ. ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މީހުންނާއި އެހެން ޕާޓީތަކުގެ ސަޕޯޓު ވެސް ބޭނުންވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ލިސްޓުން އުނިކުރި މެންބަރުންނާއެކީގައި ގުނި ކަމުގައި ވިޔަސް އެވަރަކުންނެއް ލިބޭކަށް ނެތް. އަޅުގަނޑުމެން ބޭނުންވޭ އިތުރު ބައެއްގެ ވޯޓު. ވަކި ފަރާތަކަށް ނުޖެހޭ ބޭފުޅުންނާއި އެހެން ޕާޓީތަކަށް ނިސްބަތްވާ ބައެއް ބޭފުޅުންގެ ވޯޓާ ނުލައެއް ކުރިޔަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ގޮތް އެއީ ނެތް ގޮތެއް." ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި، ހައްދުންމަތީގައި ހަދަން ނިންމާފައިވާ ޓާޝިއަރީ ހޮސްޕިޓަލާއި ކެންސަރު ހޮސްޕިޓަލް ނިންމާ ދެއްވާނެ ކަމުގެ ޔަގީންކަން އެމްޑީޕީ ސަޕޯޓަރުންނަށް ދެއްވި އެވެ.

އޭގެ އިތުރުން ލ. އަތޮޅު ކައިރީ ހުރި ކުދި ރަށްރަށަށް ކޯޒްވޭތަކުން ގުޅުވައި ދެއްވާނެ ކަމަށާއި ރިޔާސީ އިންތިހާބަށް ކެމްޕެއިނަށް އަންނަ އިރު އެކަން ހިނގާ މަންޒަރު ފެންނާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.