ތީރާން އާއި ސަނާފީރް އަކީ މިސްރުގެ ދެ ރަށް: ކޯޓް
ތީރާން އާއި ސަނާފީރް އަކީ މިސްރުގެ ދެ ރަށް: ކޯޓް

ރަތް ކަނޑުގައި އޮންނަ ދެ ފަޅުރަށް ކަމަށްވާ ތީރާން އާއި ޞަނާފީރް އަކީ މިސްރުގެ ދެ ރަށް ކަމަށް އެ ގައުމުގެ އެންމެ މަތީ އިދާރީ ކޯޓުން މިއަދު ހުކުމް ކުރުމާ އެކު، އެ ދެ ރަށް ސައޫދީ އަށް ދޫކޮށްލުމަށް ހަދާފައިވާ އެއްބަސްވުން ބާތިލުވެއްޖެ އެވެ.

ތީރާން އާއި ސަނާފީރް އަކީ މިސްރުގެ ދެ ރަށް: ކޯޓް
ތީރާން އާއި ސަނާފީރް އަކީ މިސްރުގެ ދެ ރަށް: ކޯޓް

މިސްރުގެ އެންމެ މަތީ އިދާރީ ކޯޓުން މި ގޮތަށް ހުކުމް ކުރީ، އެ ދެ ރަށް ސައޫދީ އަށް ދޫކޮށްލުމަށް ރައީސް އަބްދުލްފައްތާހް އައްސީސީގެ ސަރުކާރާއި ސައޫދީ އަރަބިއްޔާއާ ދެމެދު އެކުލަވާލާފައިވާ އެއްބަސްވުން ބާތިލު ކޮށްދިނުމަށް އެދި މިސްރުގެ ދެ ގާނޫނީ ވަކީލަކު ހުށަހެޅުމުންނެވެ. މި އެއްބަސްވުން އެކުލަވައިލީ ސައޫދީން އެދޭ ގޮތަށް އެ ދެ ރަށަކީ ސައޫދީގެ ދެ ރަށް ކަމަށް ހަދައި ދެ ގައުމުގެ ކަނޑުގެ ސަރަހައްދީ ރޮނގު އަލުން ކުރެހުމަށެވެ.

ތީރާން އާއި ސަނާފީރް އަކީ މިސްރުގެ ދެ ރަށް: ކޯޓް
ތީރާން އާއި ސަނާފީރް އަކީ މިސްރުގެ ދެ ރަށް: ކޯޓް

ކޯޓުން މި ގޮތަށް މި ނިންމީ، މިދިޔަ އެޕްރީލްގައި ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް މިސްރަށް ކުރެއްވި ދަތުރުފުޅުގައި، އެ ދެ ރަށް ސައޫދީ އަށް ދޫކޮށްލާނެ ކަމަށް މިސްރު ސަރުކާރުން އިއުލާން ކޮށްފައި ވަނިކޮށެވެ.

ކޯޓުން އިއްވި ހުކުމްގައި ބުނެފައިވަނީ އެ ދެ ރަށަކީ މިސްރުގެ ސިޔާދަތުގެ ދަށުގައި އޮތް ދެ ރަށް ކަމަށް ސާބިތުވާ ކަމަށެވެ. އަދި އެ ދެ ރަށަކީ ސައޫދީ އަރަބިއްޔާގެ ދެ ރަށް ކަމުގެ އެއްވެސް ހެއްކެއް މިސްރު ސަރުކާރަށް ދެއްކިފައި ނުވާ ކަމަށް ވެސް ހުކުމްގައިވެ އެވެ.

ކޯޓުގައި މިއަދުގެ ޝަރީއަތް ކުރިއަށް ދިޔަ ވަގުތު މިސްރުގެ ގައުމީ ޓީވީން އެ މަންޒަރުތައް ވަގުތުން ދުރަށް ދެއްކި އެވެ. ހުކުމް އިއްވުމާ އެކު ކޯޓު ތެރޭގައި ތިބި މީހުންނާއި ކޯޓުގެ ބޭރުން މައިދާންތަކުގަ އާއި މަގުތަކަށް އެއްވެ ތިބި މީހުން އަޑު އުފުލައި އުފާ ފާޅުކުރި އެވެ.

ސައޫދީ އަރަބިއްޔާ އާއި މިސްރުގެ ސަރުކާރު އޮފިޝަލުން ވިދާޅުވާ ގޮތުގައި އެ ދެ ރަށަކީ ސައޫދީ އަރަބިއްޔާގެ ދެ ރަށެވެ. އެ ދެ ރަށް މިސްރުގެ ބެލުމުގެ ދަށުގައި އޮތީ، އެ ދެ ރަށް ހިމާޔަތް ކޮށްދިނުމަށް 1950 ވަނަ އަހަރު ސައޫދީ ސަރުކާރުން މިސްރުގައި އެދުމުންނެވެ.

ނަމަވެސް މި މައްސަލަ އިސްތިއުނާފް ކުރި، އިންސާނީ ހައްގުތަކަށް ވަކާލާތު ކުރައްވާ ދެ ވަކީލުން ކަމަށްވާ ޚާލިދު އަލީ އާއި މާލިކް އަދްލީ ވިދާޅުވާ ގޮތުގައި އެ ދެ ރަށަކީ މިސްރުގެ ސިޔާދަތުގެ ދަށުގައި އޮތް ދެ ރަށް ކަން، ސައޫދީ އަރަބިއްޔާ އުފެދުމުގެ މާ ކުރިން 1906 ވަނަ އަހަރު އެކުލަވާލާފައިވާ މުއާހަދާއަކުން ސާބިތުވެ އެވެ.

ސައޫދީ އަރަބިއްޔާ އަށް އެ ދެ ރަށް ދޫކޮށްލުމަށް މިސްރު ސަރުކާރުން ނިންމުމާ ގުޅިގެން، މިސްރުގެ އާންމު ރައްޔިތުންގެ ފާޑުކިޔުންތައް ވަނީ ސަރުކާރަށް ރައްދުވާން ފަށައިފަ އެވެ.

މިފަހަކަށް އައިސް، މިސްރުގެ ތަރައްގީ އަށް ސައޫދީން ކޮންމެ އަހަރަކު ވެސް އެތައް މިލިއަން ޑޮލަރެއްގެ ހިލޭ އެހީ ދެ އެވެ. ނަމަވެސް ކޯޓުގެ މި ހުކުމާ ގުޅިގެން ދެ ގައުމުގެ ގުޅުން ހީނަރުވާނެ ކަމަށް ސިޔާސީ ތަޖުރިބާކާރުން ބުރަވެ އެވެ. މިއީ މި މައްސަލައިގައި އިއްވި ނިހާއީ ހުކުމް ކަމަށްވާތީ، މިސްރުގެ ޝަރުއީ މަރުހަލާތަކުގެ ތެރެއިން މި މައްސަލަ އިތުރަކަށް ނުބެލޭނެ އެވެ.