19 ޖެނުއަރީ 2023 - 17:59

ދެ ބައި ވެފައިވާ އެމްޑީޕީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ އެކު ހުންނެވުމަށް ފަހު ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވަން ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ނިންމަވައިފި އެވެ.
ސިރާޖު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކޮށްދެވޭނެ ކެންޑިޑޭޓަކާ އެކު އިންތިހާބަށް ނުކުތުން މުހިންމު ކަމަށް ފެންނާތީ، ރައީސަށް ތާއީދުކުރަން ނިންމެވީ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި މިއީ ދާއިރާގެ ރައްޔިތުންނާ މަޝްވަރާކުރުމަށް ފަހު ނިންމެވި ގޮތެކެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ވެސް މީގެ ކުރިން ސިރާޖު ވަނީ ސަރުކާރާއި ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
މި މަހުގެ 28 ގައި އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަވެރިކަން ވަރަށް ބޮޑެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެއް ބޭފުޅަކު އަނެއް ބޭފުޅެއްގެ ސިޔާސަތުތަކާއި ވާހަކަތަކަށް މީގެ ކުރިން ދުވަހަކު ވެސް ރައްދު ނުދެއްވާހާ ފާޅުގައި ހަރުކަށިކޮށް ގެންދަވަނީ ރައްދު ދެއްވަމުންނެވެ. އެ ދެ ބޭފުޅުން ވެސް ގެންދަވަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ދަތުރުކުރައްވައި ޕާޓީގެ މެންބަރުންނާ ބައްދަލުކުރައްވައި ތާއީދު ހޯދުމަށް މަސައްކަތްކުރައްވަމުންނެވެ.