02 ފެބުރުއަރީ 2017 - 06:48

ފްރާންސް ބަހުން އޯތު ކުޓުއާ ފެޝަން އަކީ އެންމެ މަތީ ފަންތީގެ ފެހުމެވެ. އެގޮތުން ކޮންމެ އަހަރަކު ބާއްވާ ކުޓުއާ ފެޝަން ވީކްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އެންމެ ބޮޑު ފެޝަން ބްރޭންޑުތަކުން އެމީހުންގެ ޑިޒައިން އަދި ފެހުމުގެ ހުނަރު ދައްކާލަ އެވެ.

އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރު ވެސް އޯޓް ކުޓުއާ ފެޝަން ވީކްގެ ގިނަ ޝޯތައް ބާއްވާފައި ވަނީ ފެޝަންގެ ވެރި ރަށް ޕެރިހުގަ އެވެ. އަދި މި އަހަރު ދައްކާލި އުފެއްދުންތައް ސިފަވަނީ ހިޔާލީ ވާހަކައެއްގެ ރާނީއެއް ލައިގެން އުޅޭ ފަދަ ހެދުންތަކެއްގެ ގޮތުގަ އެވެ. ހިތްގައިމުވެފައި ފުރިހަމަ އެވެ. ކުޓުއާ ފެޝަން ވީކްގައި ދައްކާލަނީ މަދު ބްރޭންޑުތަކެކެވެ. މިއަހަރުގެ އޯޓް ކުޓުއާ ކަލެކްޝަންތަކުގެ ތެރެއިން ފާހަގަވި ޑިޒައިނަރުންގެ މަސައްކަތްތަކުގައި އައިރިސް ވޭން ހާޕަން، މޭސަން މާޓިން މާޖެލާ އަދި ކްރިސްޗިއަން ޑިއޯ ފަދަ ފަންނުވެރީން ހިމެނެ އެވެ.
އޯޓް ކުޓުއާ ޝޯތަކުގައި ދައްކާލި ގިނަ ގައުންތައް ޑިޒައިންކޮށްފައި ވަނީ ވަރަށް ލަތީފީ ސްޓައިލަކަށެވެ. ހޮލީވުޑް ސެލެބްރިޓީންގެ ތެރޭގައި މަޝްހޫރު ބްރޭންޑު އެލީ ސާބްގެ ކަލެކްޝަންގައި ފަށުވިން އެމްބްރޮއިޑަރީ މަސައްކަތްކޮށްފައި ހުރި މަޑު ކްރީމް އަދި ފިޔާތޮށި ކުލައިގެ ގައުން ހުއްޓެވެ. ސޯޝަލް މިޑިއާގައި އެލީ ސާބްގެ މި ކަލެކްޝަނަށް ބޮޑު ތަރުހީބެއް ލިބުނެވެ. ފްލޯރަލް ނުވަތަ މާމެލާމެލިން ހިޔާލު ހޯދައިގެން ފަރުމާ ކޮށްފައިވާ ހެދުންތައް ޖިއަމްބަޓިސްޓާ ވާލީ، ޝެނާލް އަދި ރެލްފް އެންޑް ރުއްސޯގެ ކަލެކްޝަންތަކުން ފާހަގަވި އެވެ.
އޯޓް ކުޓުއާ ޝޯތަކުގެ އަސްލު މަގުސަދަކީ ޑިޒައިނަރުން އަދި ފަންނުވެރީންގެ މަސައްކަތް ދައްކާލުމެވެ. އެގޮތުން ޑަޗް ޑިޒައިނާ އައިރިސް ވޭން ހާޕަންގެ އުފެއްދުންތަކަށް ގިނަ ބައެއްގެ ތަރުހީބު ލިބުނެވެ. ޓުލް އާއި ޓްރާންސްޕޭރަންޓް ރަބަރު ބޭނުންކޮށްގެން ފަރުމާކޮށްފައިހުރި ހެދުންތައް ހީވަނީ އެކި ގޮތްގޮތަށް ބަދަލުވާ ހެނެވެ. މިއީ އައިރިސް ބޭނުންވި ގޮތް ކަމަށް އޭނާ ބުންޏެވެ. އެކި އޭންގަލްތަކުން ހީވަނީ ހެދުމުގެ ބައްޓަން ބަދަލު ވާހެނެވެ.
މޭސަން މާޓިން މާޖެލާގެ ބްރޭންޑަށް ޑިޒައިނާ ޖޯން ގެލިއާނޯ ޑިޒައިން ކޮށްދޭން ފެށި ފަހުން އެ ބްރޭންޑުގެ އަގު މަތިވެ، ގިނަ ބައެއްގެ ތައުރީފު ލިބެން ފަށައިފިކަން ފާހަގަވި އެވެ. ޖޯން ގެލިއާނޯ އަކީ ފަހުގެ ޑިޒައިނަރުންގެ ތެރޭގައި ވަރަށް ހުނަރުވެރި ފަންނުވެރި އެކެވެ. އެގޮތުން މިއަހަރުގެ ކަލެކްޝަނަށް އޭނާ ދީފައިވާ ކޮންސެޕްޓަކީ "އެނިމޭޓަޑް ސެލްފީ ފިލްޓާޒް އޮން ސޯޝަލް އެޕްސް' އެވެ. މިއީ ފަހުގެ ސްނެޕްޗެޓު ޓްރެންޑުގެ ނުފޫޒަށް އަމާޒު ކޮށްގެން ތައްޔާރު ކުރި ކަލެކްޝަނެކެވެ.
މި ކޮންސެޕްޓުގެ ފެޝަން ޑިޒައިންތަކެއްގެ ގޮތުގައި ހުށަހަޅާދީފައި ވަނީ ވަރަށް ތަފާތުކޮށެވެ. ކޯޓު އަދި ޖެކެޓު އެކި ގޮތް ގޮތަށް ކަނޑާ ފަހާފައި ހުއްޓެވެ. އަދި ޓުލް ފޮތި ބޭނުންކޮށްގެން އަންހެނެއްގެ ތަސްވީރެއް ފެންނަ ގޮތަށް ހުރި ގައުނަކީ މި ޝޯގެ އުސް އަލި ކަމަށް ގިނަ ބަޔަކު ގަބޫލުކުރި އެވެ.