20 ޖެނުއަރީ 2023 - 07:30

ގިނަބައެއްގެ މެދުގައި، ހާއްސަކޮށް 90 ގެ އަހަރުތަކުގެ މީހުންގެ މެދުގައި ބޮޑު ސަމާލުކަމެއް ހޯދާފައިވާ "ދެޓް ސެވަންޓީސް ޝޯ" އަކީ ދިވެހިންގެ މެދުގައި ވެސް މަގްބޫލު ޝޯ އެކެވެ. އެއީ 70ގެ އަހަރުތަކުގައި އުޅުނު ފުރާވަރުގެ ހަ ރައްޓެހިންގެ ދިރިއުޅުމަށް ބިނާކޮށްފައިވާ ހިޔާލީ މަޖާ ސީރީޒެކެވެ.

މީގެ 24 އަހަރު ކުރިން ފެށި އެ ޝޯ ނިންމާލީ 2006 ވަނަ އަހަރު އެވެ. އެކަމަކު މިހާރު ވަނީ އެ ޝޯގެ ރިބޫޓެއް ރިލީޒްކޮށްފަ އެވެ.

"ދެޓް ނައިންޓީސް ޝޯ" ގެ ނަމުގައި ނެޓްފްލިކްސް އިން އިއްޔެ ނެރުނު އާ ސީރީޒްގައި "ދެޓް ސެވަންޓީސް ޝޯ" ގެ މެއިން ކެރެކްޓާއިންގެ ތެރޭގައި ހިމެނޭ ކިޓީ ފޯމަން (ޑެބްރާ ޖޯ ރަޕް) އަދި ރެޑް ފޯމަން (ކާޓްވުޑް ސްމިތު) މައިގަނޑު ރޯލުތަކުން ފެންނާނެ އެވެ. އަދި ސީރީޒްގެ ބައެއް ހިސާބުތަކުން ކުރީ ޝޯގެ އެރިކާއި، ޑޯނާ އާއި، ކެލްސޯ އާއި ޖެކީ އަދި ފެޒް ވެސް ފެންނާނެ އެވެ.

އާ ޝޯގެ ފުރަތަމަ ސީޒަންގައި މައިގަނޑުގޮތެއްގައި ފެންނާނީ "ދެޓް ސެވަންޓީސް ޝޯ" ނިމުނު އިރު ލޯބީގެ ގޮތުން ގުޅިގެން އުޅުނު އެރިކް އަދި ޑޯނާގެ ދަރި ލިއާ ފޯމަން، 1995 ވަނަ އަހަރު އޭނާގެ މާމަ އާއި ކާފަ (ކިޓީ އަދި ރެޑް) ގާތަށް ޗުއްޓީ ހޭދަކޮށްލަން ދާ ދުވަސްވަރު ހިނގާ ކަންތައްތަކެވެ.
އާ މޫނުތަކެއް ފެނުނު ނަމަވެސް، އެތައް ބައެއްގެ ހިތްތަކާ ގުޅިފައިވާ "ފޯމަން ފެމިލީ" ބޭސްމެންޓުގައި ޖަހާ ސަކަރާތްތައް މި ޝޯގައި ވެސް ފެންނާނެ އެވެ.
އާ ޝޯ ތައްޔާރުކޮށްފައި ވަނީ "ދެޓް ސެވަންޓީސް ޝޯގެ" ލިޔުންތެރިން ކަމަށްވާ ބޮނީ ޓާނާ އަދި ޓެރީ ޓާނާ އާއި އެ ދެމީހުންގެ ދަރި، ލިންޑްސީ ޓާނާ އެވެ.
"ދެޓް ނައިންޓީސް ޝޯ" ގެ 10 އެޕިސޯޑު ހިމެނެ އެވެ، މިހާރު އެ ޝޯ ނެޓްފްލިކްސް އިން ބެލޭނެ އެވެ.