ޓެކާސްގެ ހަރަކާތްތަކުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު
ޓެކާސްގެ ހަރަކާތްތަކުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

ޓެކާސް ސްޕޯޓްސް މެނޭޖްމަންޓު ކުންފުނިން މި އަހަރު ބާއްވަން ހަމަޖެހިފައިވާ ކުޅިވަރު ހަރަކާތްތަކުގެ އެކްސްކްލޫސިވް ޑިޖިޓަލް ޕާޓްނަރަކަށް ދިރާގުން ސޮއިކޮށްފި އެވެ.

އެ ޕާޓްނާޝިޕްގެ ދަށުން ޓެކާސް އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ ތަފާތު އިވެންޓްތަކަށް ދިރާގުން ޑިޖިޓަލް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

ދިރާގުން ބުނި ގޮތުގައި ޓެކާސްއިން މި އަހަރު ފުޓްސަލް، ހޭންޑްބޯލް، 3 އޮން 3 ބާސްކެޓްބޯލް އަދި ބެޑްމިންޓަން މުބާރާތްތަކާއި ދުވުމެއް ބާއްވަން ވަނީ ހަމަޖެހިފަ އެވެ. އަދި އެ ކުންފުނިން ރާއްޖޭގެ އެކި ރަށްރަށަށް އަމާޒުކޮށްގެން ސިލްސިލާ އެކްސްޕޯޝާ އިވެންޓްތަކެއް ބާއްވާނެ ކަމަށް ވެސް ދިރާގުން ބުންޏެވެ. އެ އިވެންޓްތަކަކީ އެ ރަށްރަށުގެތަފާތު ސަގާފީ ތަރިކަ އާއި އާދަކާދަ ދައްކައިދޭނެ ހަރަކާތްތަކެކެވެ.

ދިރާގާއި ޓެކާސްއާ ދެމެދު ޕާޓްނާޝިޕު ގާއިމުކޮށް ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެ ކުންފުނީގެ އެސިސްޓަންޓު މެނޭޖަރު ބްރޭންޑް، ނާޔާ ޝަރީފު ވިދާޅުވި ގޮތުގައި އެ ކުޅިވަރު ހަރަކާތްތަކާއި އިޖުތިމާއީ ހަރަކާތްތައް ކުރިއަރުވާ އެކަންކަމަށް އެއްބާރުލުން ދިނުމަކީ އެ ކުންފުނިން އިސްކަންދޭ ކަމެކެވެ. އަދި ޓެކާސްއާ އެކު ވި ޕާޓްނާޝިޕުގެ ދަށުން ކުޅިވަރު ގިނަ ހަރަކާތްތަކަކަށް އެއްބާރުލުން ދެވޭނެ ކަމަށް ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ޓެކާސްގެ ކޯ ފައުންޑާ ޑރ. ހުސައިން ސަނީ އުމަރު ވަނީ ދިރާގުން ކުޅިވަރު ކުރިއެރުވުމަށް ދޭ އަހައްމިޔަތު ފާހަގަކޮށް ޝުކުރު އަދާ ކޮށްފަ އެވެ. އަދި ދިރާގުން އެ ކުންފުންޏަށް އެއްބާރުލުން ދިނުމަކީ ލިބޭ ބޮޑު އުފަލެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

ދިރާގުން ކުޅިވަރުގެ ހަރަކާތްތައް ކުރިއެރުވުމަށް އެކި މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.