ނަޝީދު ރީއްޗަށް ކަންކުރައްވާ ނަމަ ރައީސްއާ ވާދަނުކުރެއްވީސް: ރޮޒައިނާ
ނަޝީދު ރީއްޗަށް ކަންކުރައްވާ ނަމަ ރައީސްއާ ވާދަނުކުރެއްވީސް: ރޮޒައިނާ

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ރީތިކޮށް ކަންކަން ކުރައްވާ ނަމަ ޕާޓީ ގަޑުބަޑުކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ވާދަކުރައްވަން ޕްރައިމަރީއަށް ނުނިކުންނެވީސް ކަމަށް، ކެމްޕޭންގައި އިސްކޮށް އުޅުއްވާ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް މިއަދު ވިދާޅުވެއްޖެ އެވެ.

ނަޝީދު ރީއްޗަށް ކަންކުރައްވާ ނަމަ ރައީސްއާ ވާދަނުކުރެއްވީސް: ރޮޒައިނާ
ނަޝީދު ރީއްޗަށް ކަންކުރައްވާ ނަމަ ރައީސްއާ ވާދަނުކުރެއްވީސް: ރޮޒައިނާ

ރޮޒައިނާގެ ފާޑުވިދާޅުވުން ނަޝީދަށް އަމާޒުކުރެއްވީ ހުވަދުއަށް އެމަނިކުފާނު މިއަދު ފެއްޓެވި ދަތުރުފުޅުގައި ގދ. ހޯނޑެއްދުއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅަށެވެ. އެ މަނިކުފާނު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ނެތްކަން މިހާތަނަށް ކުރެއްވި ކެމްޕޭން ދަތުރުތަކުން އެނގިވަޑައިގަންނަވާނެ ކަމަށެވެ.

ރައީސް، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލައްވާ ނަމަ އެންމެ ރީތި ގޮތަކަށް ވާނީ މަގާމުން އިސްތިއުފާ ދެއްވައި އެ މަނިކުފާނާ ވާދަކުރައްވަން ނުކުމެވަޑައިގަތުން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ރޮޒައިނާ ވިދާޅުވީ ނަޝީދު އަމަލުކުރައްވަން އެންމެ ރީތި ގޮތަކީ ޕްރައިމަރީގައި ވާދަނުކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެ ވަނަ ދައުރަށް އެ މަނިކުފާނަށް ފުރުސަތު ދެއްވުން ކަމަށެވެ. ރިޔާސީ ނިޒާމުގައި ރީތި ގޮތަށް ކަންކަން ކުރައްވާ ނަމަ ނަޝީދަށް އޮތީ އެ އުސޫލު ކަމަށް އޭނާ ވިދާޅުވި އެވެ.

"ރިވެތި ގޮތަކަށް ކަންތައް ކުރާ ނަމަ ރިޔާސީ ނިޒާމެއްގައި ޕާޓީގެ ސިޓިން ޕްރެޒިޑެންޓެއް ހުއްޓައި ދެ ވަނަ ދައުރަކަށް ޕްރައިމަރީއެއް ވެސް ނޯންނާނެ. އަދި އެ މަނިކުފާނާ ވާދަކޮށް ޕާޓީތެރެ ގަޑުބަޑުކުރާކަށް ނުވެސް އުޅުއްވާނެ. އެކަތިގަނޑެއްހެން އެންމެން އެކީ ރައީސް އިބޫއާ އެކު ނުކުތީސް،" ރޮޒައިނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައީސް ނަޝީދު ދެ ވަނަ ދައުރަކަށް 2013 ގައި ނުކުމެވަޑައިގަތް އިރު އެ މަނިކުފާނާ ޕްރައިމަރީގައި ވާދަކުރައްވަން ޕާޓީން އެއްވެސް ބޭފުޅަކު ނުކުމެވަޑައެއް ނުގަންނަވަ އެވެ.

"އެއީ ރިވެތި ގޮތަށް ކަންތައް ކުރަންވެގެން. ރައީސް ނަޝިދަށް އެ ރިވެތި ގޮތް ނޭނގުމުގެ އަގު އެމްޑީޕީއަށް ބޮޑުވާނެ،" ރޮޒައިނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ނަޝީދަށް އެކަން އެނގިވަޑައިނުގަތަސް އެމްޑީޕީގެ ގިނަ މެމްބަރުންނަށް ހެޔޮވިސްނެ އެވެ. އެހެންކަމުން މި އިންތިހާބު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކާމިޔާބު ކުރައްވާނެ ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.

ދެ ރައީސުން ވާދަކުރައްވާ ޕްރައިމަރީއަށް ފޯރިގަދަ ކެމްޕޭނެއް ދަނީ ކުރަމުންނެވެ. އެއް ބަޔަކު އަނެއް ބަޔަކަށް ބަހުގެ ހަމަލާތައް އަމާޒުކުރައްވަ އެވެ. މުޅި ޕާޓީ ދެ ފެކްޝަނަށް ބެހިގެން ކުރާ ކެމްޕޭނަށް ފަހު ވޯޓުލުން އޮންނާނީ މި މަހުގެ 28 ގަ އެވެ.