ޔާމީންގެ އަނިޔާވެރިކަން ތަހައްމަލު ކުރި މީހުން ދުލެއް ނުކުރެވޭނެ: ރައީސް
ޔާމީންގެ އަނިޔާވެރިކަން ތަހައްމަލު ކުރި މީހުން ދުލެއް ނުކުރެވޭނެ: ރައީސް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އަނިޔާވެރިކަމާއެކީ މަގުމަތީ ހޭދަ ކުރި މީހުން ދުލެއް ނުކުރެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ރައީސް މިއަދު ވަނީ ށ. ކަނޑިތީމަށް ވަޑައިގެންފަ އެވެ.

އެ ރަށުގެ އެމްޑީޕީ ހަރުގޭގައި އެ ޕާޓީގެ މެންބަރުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމްޑީޕީން މަގުމަތީގައި ހަތް އަހަރު ހޭދަކޮށް ވަރަށް އަނިޔާވެރި ދުވަސްތަކެއް ތަހައްމަލް ކޮށްފައިވާ ކަމަށެވެ.

އެ އަނިޔާވެރިކަމުގައި ޕާޓީގެ އެތައް ބަޔަކު އެއްވެސް ހުކުމެއް ނެތި ކުޑަ ގޮޅީގައި އެތައް ދުވަހެއް ހޭދަ ކުރަމުން ދިޔަ ކަމަށާއި ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް ފަދަ އެތައް މެންބަރެއް އެ އަނިޔާވެރިކަމުގައި އުޅުނު ކަމަށް ރައީސް ވިދާޅުވި އެވެ.

އެހެންކަމުން މިހާރު އެއީ ނުހިނގާ ކަންކަމެއް ކަމަށް ހަދައިގެން ނޫޅެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އެ އިހުސާސްތައް އެބަހުރި އަޅުގަނޑުގެ. އެ އަނިޔާވެރިކަމާއެކީގައި މަގުމަތީގައި ހޭދަ ކުރި ދުވަސްތަކުގައި ބައިވެރިވި މީހުންނެއް ދުލެއް ނުކުރެވޭނެ. އެއީ ނެތް ދުވަހެއް ކަމަށް ހަދައި އެ ހަތް އަހަރު ނުފެންނަ ބަޔަކަށް އެ ދުވަހުގެ އިހުސާސްތަކެއް ނުކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.

އެމްޑީޕީން ވަރަށް ހާލުގައި އެތައް އަހަރެއް އުޅުމަށް ފަހު މިހާރު އަމާން ބަނދަރަކަށް އާދެވިފައިވާ ކަމަށް ރައިސް ވިދާޅުވި އެވެ. އަނެއްކާވެސް ނިންމަން ޖެހޭނީ އެ އަނިޔާވެރިކަމަށް އެނބުރި ދާނީތޯ ނުވަތަ ތަރައްގީ އައިގެން ކުރިޔަށް ދާނީތޯ ރައީސް ވިދާޅުވި އެވެ.

އެ ސުވާލަށް ޖަވާބު ދީ ޕްރައިމަރީގައި ވޯޓުލާ ގޮތަކުން ވެރިކަން މުޅިން އެހެން ބައެއްގެ އަތް މައްޗަށް ފުރޮޅި ދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މިއަދު ނިންމާ ނިންމުމުގެ އަސަރު ރިޔާސީ އިންތިހާބަށް ކުރާނެ. ވެރިކަން މުޅިން އެހެން ބައެއްގެ އަތް މައްޗަށް ފުރޮޅި އަނިޔާވެރިކަމުގެ ތެރެއަށް ގޮސްދާނެ. އެއީ އަޅުގަނޑު ގޮވައިގެން ދާން ބޭނުންވާ ތަނެއް ނޫން،" ރައީސް ވިދާޅުވި އެވެ.

އެމްޑީޕީ ޕްރައިމަރީގައި ރައީސްއާ ވާދަކުރައްވާ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފަހަކަށް އައިސް ގެންދަވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވަމުންނެވެ.

ނަމަވެސް އެމަނިކުފާނު ވަނީ އިންތިހާބުން ބަލިވެއްޖެ ނަމަ ޔާމީނަށް ތާއީދު ނުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

މި މަހު 28 ގައި ބާއްވާ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ދެ ކެނޑިޑޭޓުން ވެސް ރާއްޖޭގެ އެކި ކަންކޮޅުގައި ވަރަށް ފޯރީގައި ކުރަމުން އެބަދެ އެވެ.