މި ރީތި ލަވަ މިފަހަރު އަހަންމާގެ އަޑުން، އެތައް ބައެއްގެ ތައުރީފު!
މި ރީތި ލަވަ މިފަހަރު އަހަންމާގެ އަޑުން، އެތައް ބައެއްގެ ތައުރީފު!

ދިވެހި ލަވަތަކުގެ ތެރެއިން، އަބަދު ވެސް ރީތި ލަވަތަކުގެ ތެރޭގައި ހިމެނޭ، "ހިތް އަދު ރޮނީއޭ ނުދާށޭ..." މިފަހަރު މިއޮތީ، މާޖެހިގޭ އަހުމަދު މުހަންމަދު ދީދީ (އަހަންމާ) ގެ އަޑުން ވިރުވައި ނަގައިފަ އެވެ.

"އެހާ ވެސް ފުރިހަމަ،" އަހަންމާގެ "ކަވަ" އަށް ކޮމެންޓްކޮށް، އެ ލަވަ، މީގެ 39 އަހަރު ކުރިން ކިޔުއްވި ހުސެން ޝިހާބު ވިދާޅުވި އެވެ.

އެ ލަވަ އަކީ، ޓީވީއެމް އިން 1983 ގައި އުފެއްދި "ފުން ޒަހަމް" އަށް ހުސެއިން ޝިހާބު ކިޔުއްވި ލަވައެކެވެ. އޭނާ ވިދާޅުވި ގޮތުގައި، އޭނާ ކުރެއްވި ހަމަ އެކަނި ކަމަކީ ވެސް، އޭނާ ޑައިރެކްޓް ކުރެއްވި އެ ފިލްމަށް އެ ލަވަ ހަމައެކަނި ކިޔުއްވުމެވެ. އަދި، އޭގެ ފަހުން ފާއިތުވެ ދިޔަ އެތައް އަހަރެއްގެ ތެރޭގައި އެ ލަވަ އެތައް ބަޔަކު އަލުން ކިޔައިހެދުމަކީ، ވަރަށް ބޮޑު ޝަރަފެއް ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ. ހުސެން ޝިހާބު ސިފަ ކުރެއްވި ގޮތުގައި، މެލޭޝިޔާގެ ރާގަކަށް ކިޔާފައިވާ އެ ލަވަ އާންމުންގެ ތެރޭގައި އެހާ މަގުބޫލުވެގެން ދިޔަ އެއް ސަބަބަކީ، އޭގެ ރީތި ޅެންވެރިކަމެވެ. އެ ލަވަ ހައްދަވައިދެއްވީ، ޔޫސުފު މުހަންމަދުފުޅެވެ.

އޮރިޖިނަލް ލަވައިގެ ލިރިކްސް އަށް އެއްވެސް ބަދަލެއް ނުގެނެސް، އެކަމަކު ވަރަށް ހިތްގައިމު، ލަސް ގޮތަކަށް މިއުޒިކް އަތުރާލައިގެން އަހަންމާ އަލުން މި ލަވަ ކިޔާފައިވަނީ، އެ ލަވައަށް ކޮމެންޓް ކޮށްފައިވާ މީހުންގެ ނަޒަރުގައި ވަރަށް ފުރިހަމަ އަށް، އަދި އެހާމެ އަސަރުގަދަކޮށެވެ.

އަހަންމާ އަކީ، ދިވެހި ފިލްމީ ދާއިރާގައި ކުރިން ވަރަށް މަގުބޫލު ނަމެކެވެ. ދިވެހި ފިލްމުތަކުގައި ކުރިން ވިޒުއަލް އިފެކްޓް ހަދައި ފިލްމު އެޑިޓް ކުރުމުގައި އޭނާ އަކީ ގާބިލް މީހެކެވެ. އާންމުކޮށް ލަވަ ކިޔައި ނޫޅުނަސް، 1998 ގައި ނެރުނު "އަމާނާތް" އަށް ފަޒީލާ އާމިރާ އެކު ކިޔައިދިން "މި ހިތާ ލޯބި ދޭނަން..." އަކީ މަޝްހޫރުވެގެން ދިޔަ ލަވައެކެވެ. އޭނާ އާއިލާ އާ އެކު ރާއްޖެ އިން ބޭރުގައި ދިރިއުޅޭތާ ވަރަށް ގިނަ އަހަރު ވެއްޖެ އެވެ. ގައުމީ ފިލްމް ފެސްޓިވަލްގައި އޭނާ އަށް ވަނީ ސްޕެޝަލް އިފެކްޓްސްގެ އެވޯޑު ވެސް ލިބިފަ އެވެ.

"ހިތްއަދު ރޮނީއޭ ނުދާށޭ" އަކީ 80 ގެ އަހަރުތަކުން ފެށިގެން ވެސް އަޅުގަނޑަށް އެންމެ ރީތި އެއް ލަވަ. ހާއްސަކޮށް ލިރިކްސް. ދާދިފަހުން ހުސެން ޝިހާބު ވިދާޅުވެފައި އޮއްވާ ފެނިގެން އެނގުނީ އެއީ ޔޫސުފު މުހަންމަދުފުޅު (އެދުރުބެ)ގެ ޅެމެއްކަން. ދެން އެނގިއްޖެ މި ލަވައިގެ ލިރިކްސް ރީތިވެގެން ހައިރާން ވާން ނުޖެހޭކަން،" އަހަންމާ ބުންޏެވެ.

"އަޅުގަނޑު މި ލަވައިގެ ކަވާއެއް ހެދީ ދެތިން ސަބަބަކާ ހުރެ. އެންމެ ފުރަތަމަ ލަވައިގެ ރީތިކަން. ދެން ކުރާ ހިތްވާ ކަމަކަށް ވާތީ. އެކަމަކު އެންމެ ބޮޑުސަބަބަކީ މިހާރު ހިނގަމުންދާ ރަޝިޔާ- ޔޫކްރެއިން ހަނގުރާމައިގައި ވަރަށް ނިކަމެތި ހާލުގައި ޖެހިފައި ތިބި ކުޅަދާނަ ބައެއް މިއުޒީޝަނުންނަށް އަޅުގަނޑުގެ ފެންވަރުން އެހީއެއް ވުން."

އަހަންމާ ބުނީ އޭނާގެ ލަވައިގައި ސްޓްރިންގްސް އާއި އެކޯސްޓިކް ގިޓާ ވެސް ކުޅެފައި ވަނީ ޔޫކްރެއިންގެ މީހެއް ކަމަށެވެ.

"އެ މީހުން ލާރި ހޯދަން މަސައްކަތެއް ހޯދަން އުޅޭތަން ފެންނާތީ އަގު ދީފައި އެ މީހުން ލައްވާ އެބައިތައް ކުޅުވީ.ގޭގެ ނިދާ ކޮޓަރީގައި އަޅުގަނޑު ލަވަ ކިޔާފައި ރެކޯޑް ކުރީ."

އޭނާ ބުނި ގޮތުގައި މިއުޒިކަކީ އޭނާ އަށް ދުރުވެވޭނެ ކަމެއް ނޫނެވެ.

"މުސްތަގުބަލުގައި ވެސް އަޅުގަނޑަށް މިކަން ހުއްޓޭނެހެނެއް ހިޔެއް ނުވޭ،" އޭނާ ބުންޏެވެ.