ތިން އަހަރަށް ފަހު ޗައިނާގެ ޓޫރިސްޓުން ރާއްޖެ އަންނަން ފަށައިފި
ތިން އަހަރަށް ފަހު ޗައިނާގެ ޓޫރިސްޓުން ރާއްޖެ އަންނަން ފަށައިފި

ކޮވިޑް-19 ގެ ބަލިމަޑުކަމަށް ފަހު، ފުރަތަމަ ފަހަރަށް ޗައިނާގެ ޓޫރިސްޓުން ރާއްޖެ އަންނަން މިއަދު ފަށައިފި އެވެ.

ތިން އަހަރަށް ފަހު ޗައިނާގެ ޓޫރިސްޓުން ރާއްޖެ އަންނަން ފަށައިފި
ތިން އަހަރަށް ފަހު ޗައިނާގެ ޓޫރިސްޓުން ރާއްޖެ އަންނަން ފަށައިފި

މުޅި ދުނިޔެ ވެސް ހުއްޓުމަކަށް ގެނައި ބައްޔާ ގުޅިގެން ޗައިނާގެ ބޯޑަރު އޮތީ 2020 ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން ބަންދުކޮށްފަ އެވެ. އެ ގައުމުގެ އެތެރޭގެ ދަތުރުފަތުރުތައް ކުރިން ހުޅުވާފައި އޮތް ނަމަވެސް މިހާތަނަށް ބައިނަލްއަގްވާމީ ދަތުރެއް ނުކުރެ އެވެ.

އެކަމަކު، ގާތްގަނޑަކަށް ތިން އަހަރަށް ފަހު ޗައިނާގެ ބޯޑަރު ހުޅުވާލައި ދަތުރުތައް މިހާރު ވަނީ ފަށައިފަ އެވެ.

މެދުކެނޑުމަކަށް ފަހު ރާއްޖެ މިއަދު ރާއްޖެ އައީ ޗައިނާގެ ވެރި ރަށް، ބެއިޖިންގެ ކެޕިޓަލް އެއާލައިންސްގެ ބޯޓެވެ. އެ ބޯޓުން ވަނީ 198 ޓޫރިސްޓުން ރާއްޖެ އައިސްފަ އެވެ.

ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވެގްލް ލިޒިން "މިހާރު" އަށް މިދިޔަ މަހުގެ ފަހުކޮޅު ވިދާޅުވީ ރާއްޖެއަކީ ޗައިނާގެ މެދުގައި އެންމެ މަގުބޫލު އެއް ޖަޒީރާ ރަށްތައް ހިމެނޭ ގައުމު ކަމަށެވެ. އެހެންވެ، ބޯޑަރު ހުޅުވައިލުމުން ރާއްޖެ އަށް ވެސް ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނަން ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ވެގްލް ލިޒިން ވިދާޅުވީ، ތިން އަހަރު ފަހުން ޗައިނާ އިން ރާއްޖެ އަށް ޓޫރިސްޓުން އަންނަން ފެށިޔަސް، އެ ގައުމުގެ ޓޫރިސްޓުން މަދު ނުވާނެ ކަމަށެވެ. ނަމަވެސް، ކުރީގެ އަދަދުތަކާ ހަމައަށް ދިއުމަށް ވަގުތުކޮޅެއް ނަގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ދެ ގައުމުން ދަތުރު ފެށިއަސް، ސީދާ ދަތުރުތައް ފެށުމަށް އަދި ވަގުތު ނަގާނެ ކަމަށް ބެލެވޭ ކަމަށް ސަފީރު ވިދާޅުވި އެވެ.

ކޮވިޑްގެ ކުރިން ޗައިނާއަކީ ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ މަންޒިލެވެ. އެ ގައުމުން 2019 ވަނަ އަހަރު 280،000 ޓޫރިސްޓުން އައެވެ. އެއީ ރާއްޖެ އަށް އެ އަހަރު އައި ޓޫރިސްޓުންގެ 17 ޕަސެންޓެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވެސް ވިދާޅުވެފައި ވަނީ މި އަހަރު ޗައިނާ މާކެޓް ހުޅުވިއްޖެ ނަމަ، އަންދާޒާ ކުރާ ވަރަށް ވުރެ 10 ޕަސެންޓް އިތުރަށް ޓޫރިސްޓުން އަންނާނެ ކަމަށެވެ.