17 ޖެނުއަރީ 2017 - 06:16

އަހަރެމެންގެ ތެރެއިން ގިނަ މީހުންނަކީ މަދުވެގެން ދުވާލަކު އެއް ފަހަރު ފެންވަރާ މީހުންނެވެ. އެންމެ ދުވަހަކު ނަމަވެސް ފެން ނުވަރާ ހުރެއްޖެ ނަމަ އެ މީހަކާ މެދު ދެކޭ ގޮތް ބަދަލުވެދާނެ އެވެ.
ކޮސްމޯޕޮލިޓަން މަޖައްލާގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައި ވަނީ ޖެހިޖެހިގެން ދެ ދުވަހު ފެން ނުވަރާ ހުރެއްޖެ ނަމަ އެމީހެއްގެ ހަށިގަނޑަށް ވަރަށް ހިތްހަމަނުޖެހޭ ޒާތުގެ ކަންތައްތައް ދިމާވާނެ ކަމަށެވެ. އެންމެ ފުރަތަމަ ކަމަކީ ޖަރާސީމުގެ ހަމަލާ އެވެ.
އިންސާނުންގެ ހަށިގަނޑުގައި އަބަދުވެސް 1،000 ވައްތަރެއްގެ ބެކްޓީރިއާ ނުވަތަ ޖަރާސީމު ހުންނާނެ އެވެ. މީގެ ތެރޭގައި 40 ވައްތަރެއްގެ ފަންގަސް ހިމެނެ އެވެ. މީގެ ތެރެއިން ގިނަ އެއްޗިއްސަކީ ހަށިގަނޑުގެ ދިފާއުގައި ހުންނަ ރަނގަޅު ބެކްޓީރިއާ ނަމަވެސް ގޯސް ބެކްޓީރިއާތައް ހަށިގަނޑުން ނައްތާލެވޭނީ ސައިބޯންޏަށެވެ.
ސައިބޯނި ލައިގެން ފެން ނުވަރާ ނަމަ ނުރަނގަޅު ބެކްޓީރިއާތަކެއް ނުދާނެ އެވެ. ހަށިގަނޑުގައި އެ ބެކްޓީރިއާ ހުރި ނަމަ ލޮލަށާއި އަނގަ އަށް އަދި ނޭފަތަށް އެ ތަކެތި ވަދެ އެމީހަކު ބަލިވާނެ އެވެ.
ގައިން ނުބައިވަސް ދުވަނީ ވެސް ބެކްޓީރިއާގެ ސަބަބުންނެވެ. ބެކްޓީރިއާތަކުން ދޫކުރާ ގޭސްތަކުން ތަފާތު 30 ވައްތަރެއްގެ ނުބައި ވަސް ނިކުމެ އެވެ. އެހެންވެ ހަށިގަނޑުން މިހާ ގިނަ ވައްތަރުގެ ނުބައި ވަސް ނުކުތުމުން ވަރަށް ނުބައި ވަސް ދުވާނެ އެވެ.
މިވަރުން ވެސް ކޮންމެ ދުވަހަކު ފެންވަރަށް އާދަކުރަން ޚިޔާލުނުކުރާ ނަމަ އަދިވެސް ފެންވަރަން ޖެހޭ ސީރިއަސް އެހެން މައްސަލައެއް އެބައޮތެވެ.
ފެން ވެރުމުން ހަށިގަނޑުން ނުކުންނަ ތެޔޮތައް ހަންގަނޑުގެ އެކި ތަންތަނަށް ޖަމާވެ ހަންގަނޑަށް ދިމާވާ ތަފާތު މައްސަލަތަކުން ދުރުވެވޭނެ އެވެ. ގަވާއިދުން ކަސްރަތުކުރާ މީހުން ކޮންމެހެން ވެސް ފެންވަރަން ޖެހޭނެ އެވެ.
ލޮނު ދަލުން ތަތްވެފައިވާ އެއްޗެއް ލައިގެން ގިނަ ވަގުތު ހުރެއްޖެ ނަމަ ހަންގަނޑު ހިރުވުމާއި ހަންގަނޑު ހަލާކުވުން ފަދަ މައްސަލަތައް ދިމާވެ އެވެ. އަދި މިއީ ބެކްޓީރިއާ އާއި ފަންގަލް އިންފެކްޝަންތައް ފަސޭހައިން ޖެހުމަށް މެދުވެރިވާނެ ކަމެކެވެ.
ވަރަށް މުހިއްމު ކަމަކާ ހުރެ އެވަގުތު ފެން ވެރޭނެ ގޮތެއް ނެތް ނަމަ ކިހިލިފަތްދަށާއި ގައިގެ ދާހިތްލާ ހިސާބުތައް އަދި މޫނު ދޮވެ ސާފުކޮށްލުމަށް ފަހު އަވަހަށް ހެދުން ބަދަލުކޮށްލުން ރަނގަޅެވެ.
ނަމަވެސް ގިނައިރުތަކެއް ވަންދެން ފެންވެރުމުގައި ހޭދަކުރާ މީހުންނަށް ވެސް ތަޖުރިބާކާރުން ދެނީ ވަރަށް ހިތްދަތިވާ ކަހަލަ ޚަބަރެކެވެ. މާގިނަ ވަގުތު ފެންވެރުމުގައި ހޭދަކުރާ ނަމަ ހަމުގައިވާ ތެޔޮކަން ނެތި ހަންގަނޑު ކުރަކިވެ ހަންފޮޅޭގޮތް ވާނެ އެވެ.