18 ޖެނުއަރީ 2023 - 12:49

ވޯލްޑް ބޭންކުން ރާއްޖެއާ އެކު އާ ކަންޓްރީ ޕާޓްނާޝިޕް ފްރޭމްވޯކް (ސީޕީއެފް) އެކުލަވާލައިފި އެވެ.
އެ ބޭންކުން ނެރުނު ބަޔާނެއްގައި ބުނީ، 2023-2027 އަށް އެކުލަވާލި އެ ފްރޭމްވޯކްގައި ވޯލްޑް ބޭންކް ގްރޫޕްގެ މެމްބަރު ޖަމިއްޔާތަކުގެ ތެރެއިން ތަރައްގީވަމުން އަންނަ ގައުމުތަކުގެ އަމިއްލަ ވިޔަފާރިތަކަށް ހާއްސަކޮށް މަސައްކަތްކުރާ އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) އަދި ސިޔާސީ ކަންކަމާ ގުޅޭ އިންޝުއަރެންސާއި ފައިސާ ހޯދަން ފަހިވާނެ ފަދަ ގެރެންޓީ ދޭ މަލްޓިލެޓަރަލް އިންވެސްޓްމަންޓް ގެރެންޓީ އެޖެންސީ (މީގާ) އިން ރާއްޖެއާ އެކު މަސައްކަތް ކުރާނެ މައިގަނޑު ދާއިރާތައް ކަނޑައަޅާފައިވާ ކަމަށެވެ.
ވޯލްޑް ބެންކުން ބުނިގޮތުގައި އެއީ ދެމެހެއްޓެނިވި، ކާރިސާތަކަށް ތައްޔާރުވެފައިވާ އަދި އެންމެންގެ ބައިވެރިވުން އޮންނަ މުސްތަގުބަލެއް ގާއިމްކުރުމުގައި ރާއްޖެ އަށް އެހީތެރިވެދިނުމަށް އެކުލަވާލި ފްރޭމްވޯކެކެވެ. އާ ސީޕީއެފްގެ އަމާޒަކީ އިގްތިސާދީ ފުރުސަތުތައް އިތުރުކުރުމާއި އިންސާނީ ވަސީލަތްތަކުގެ ނަތީޖާ ރަނގަޅުކުރުމާއި ކުރިމަތިވާ ކުއްލި ހާލަތްތަކާއި ކާރިސާތަކަށް ތައްޔާރުވެފައިވާ ވަރު އިތުރުކުން ކަމަށް ބަޔާނުގައި ވެ އެވެ.
އެ މަގުސަދުތައް ހާސިލް ކުރުމަށްޓަކައި އެ ފްރޭމްވޯކުގެ ދަށުން އަހައްމިއްޔަތު ދޭނީ ތައުލީމާއި ސިއްހީ ނިޒާމުގެ ފެންވަރު ރަނގަޅު ކުރުމާއި މުޖުތަމައުގައި ތިބި އެހީތެރިކަން ބޭނުންވާ މީހުންނަށް ދޭ އެހީތެރިކަން އިތުރުކުރުމާއި މާލީ ދާއިރާގެ ކަންކަން ހަރުދަނާކުރުމަށެވެ. އަދި ދެފުށް ފެންނަކަން ކަށަވަރު ކުރުމާއި މުރަކައިގެ ފަރުތައް ފަދަ ގުދުރަތީ މުއްސަނދިކަން ހިމާޔަތްކޮށް، މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާތައް ކުޑަކުރުމަށާއި ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން އިގްތިސާދީ ކުރިއެރުން އިތުރުކުރުމާއި ހިދުމަތްތައް ފޯރުކޮށްދިނުން ހަރުދަނާކުރުމާއި އަންހެނުންނާއި ޒުވާނުންނަށް އާ ފުރުސަތުތައް ފަހިކޮށްދިނުމަށް އެ ފްރޭމްވޯކު ދަށުން މަސައްކަތް ކުރާނެ ކަމަށް އެ ބޭންކުން ބުނެ އެވެ.
ވޯލްޑް ބެންކުން ބުނި ގޮތުގައި ސީޕީއެފް ތައްޔާރުކޮށްފައި ވަނީ ސިސްޓަމެޓިކް ކަންޓްރީ ޑައިގްނޯސްޓިކް އަޕްޑޭޓެއްގެ ޒަރިއްޔާއިން ރާއްޖޭގެ ތަރައްގީ އަށް ހުރި ގޮންޖެހުންތަކާއި ފުރުސަތުތައް ފުޅާ ދާއިރާއެއްގައި ދިރާސާކޮށް، ކުރީގެ ފްރޭމްވޯކް ތަންފީޒުކުރުމުގެ ތެރޭގައި ލިބުނު ފިލާވަޅުތަކުގެ މައްޗަށް ބިނާކޮށް، ކަމާބެހޭ ފަރާތްތަކާއި މަދަނީ ޖަމިއްޔާތަކާއި އަމިއްލަ ފަރާތްތަކާއި އިލްމީ ފަރާތްތަކާއި ބައިނަލްއަގުވާމީ ބައިވެރިންނާ އެކު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށް ފަހު އެވެ.
އަލަށް އެކުލަވާލި ފްރޭމްވޯކާއި ގުޅޭގޮތުން ވޯލްޑް ބޭންކު ގުރޫޕުގެ އެގްޒެކެޓިވް ޑިރެކްޓަރުންގެ ބޯޑުން ވަނީ މަޝްވަރާ ބައްދަލުވުމެއް ބައްވާފަ އެވެ.
އެ ބައްދަލުވުމަށް ފަހު ވޯލްޑް ބޭންކުން ރާއްޖެ އާއި ނޭޕާލް އަދި ސްރީ ލަންކާއަށް ކަނޑައަޅާފައިވާ ކަންޓްރީ ޑިރެކްޓަރު ފާރިސް ހަދާދު-ޒަރްވޯސް ވިދާޅުވި ގޮތުގައި އެ ޕާޓްނަޝިޕްގެ ސަބަބުން، ރާއްޖޭގެ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކޮށް، ދެމެހެއްޓެނިވި، ކާރިސާތަކަށް ތައްޔާރުވެފައިވާ އަދި އެންމެންގެ ބައިވެރިވުން އޮންނަ މުސްތަގުބަލެއް ދިވެހިންނަށް ހޯދައި ދެވޭނެ އެވެ. އެ ފްރޭމްވޯކް ރަމްޒުކޮށްދެނީ ސަރުކާރާއި މަދަނީ ޖަމިއްޔާތަކާއި ތަރައްގީގެ ބައިވެރިންނާއި ރާއްޖޭގެ އެހެނިހެން ފަރާތްތަކާ އެކު އޮތް ގާތް ގުޅުން ކަމަށް ވެސް ވިދާޅުވި އެވެ.
އައިއެފްސީން ދެކުނު އޭޝިއާ ސަރަހައްދަށް ކަނޑައަޅާފައި ހުންނަ ރީޖަނަލް ޑިރެކްޓަރު ހެކްޓާ ގޯމޭޒް އަންގް ވިދާޅުވީ، ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް މަގުފަހިކުރުމަށް ޓަކައި އަމިއްލަ ވިޔަފާރިތަކަށް ފުރުސަތު ހުޅުވާލުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ޑިޖިޓަލް އިގްތިސާދަށް އިތުރު ސަމާލުކަމެއް ރާއްޖެއިން ދޭން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
"ޑިޖިޓަލް އިގްތިސާދަށް އިތުރު ސަމާލުކަމެއް ދީގެން، އަމިއްލަ ވިޔަފާރިތަކުން އިގްތިސާދު ފުޅާކުރުމަކީ ހުރިހާ ރައްޔިތުންނަށް ވެސް އޭގެ ފައިދާ ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމެއް. ފާއިތުވި ދެ އަހަރުގެ ތެރޭގައި އައިއެފްސީން ވަނީ މާލީ އަދި ޑިޖިޓަލް ވަސީލަތްތަކަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށް، އިގްތިސާދީ ބަދަލުތަކަށް އެހީތެރިވެދީ، ކާރިސާތަކަށް ތައްޔާރުވެފައިވާ މިންވަރު އިތުރުކުރުން ހިމެނޭ ގޮތަށް ރާއްޖޭގައި ކުރާ މަސައްކަތްތައް ފުޅާކޮށްފައި،" އޭނާ ވިދާޅުވި އެވެ.
"ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ސީޕީއެފް ތަންފީޒުކުރުމަށް ސަރުކާރާއި އެހެނިހެން ބައިވެރިންނާ އެކު މަސައްކަތް ކުރާނެ ކަމަށް އުއްމީދު ކުރަން."
ވޯލްޑް ބޭންކުން ރާއްޖޭގައި މިހާރު ކުރިއަށްގެންދާ ޕްރޮގްރާމް އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ)ގެ އެހީގެ ދަށުން ހިންގާ 9 ޕްރޮޖެކްޓަކާއި އައިޑީއޭގެ 1 ގެރެންޓީ ހިމެނޭއިރު، އެ މަޝްރޫއުތަކަށް ކަނޑައަޅާފައިވާ ފައިސާގެ ޖުމްލަ 178 މިލިއަން ޑޮލަރަށް އަރަ އެވެ.
އެ މަޝްރޫއުތައް ހިންގާ ދާއިރާތަކަކީ އިއާދަކުރަނިވި ހަކަތަ އާއި ޒުވާނުންނަށް ވަޒީފާ ހޯދަން ބޭނުންވާ ހުނަރުތަކާއި ޑިޖިޓަލް ޓެކްނޮލޮޖީ އާއި އުމްރާނީ ތަރައްގީ އާއި ކުނި މެނޭޖުކުރުމާއި ކޮވިޑް-19އާ ދެކޮޅަށް މަސައްކަތްކުރުމާއި ސިއްހީ، ތައުލީމީ އަދި އިޖުތިމާއީ ރައްކާތެރިކަމެވެ.
ވޯލްޑް ބޭންކުން ވަނީ އިގްތިސާދީ ހާލަތު ދެނެގަތުމާއި މާލީ ދާއިރާ އާއި އިޖުތިމާއީ ރައްކާތެރިކަން އަދި ފަގީރުކަން ނައްތާލުން ފަދަ ދާއިރާތަކުން ވެސް ފަންނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.