19 ޖެނުއަރީ 2023 - 06:34

ވޯލްޑް އޮފް ސްޓެޓިސްޓިކްސް އިން އެންމެ ފަހުން އާންމު ކުރި ދުނިޔޭގެ އެންމެ މުއްސަނދި އެކްޓަރުންގެ ލިސްޓުގެ ހަތަރު ވަނައިގައި ޝާހްރުކް ހާން ހިމެނިއްޖެ އެވެ.

ޝާހުގެ މިލްކިއްޔާތުގައި މިހާރު 770 މިލިއަން ޑޮލަރު ހިމެނޭ އިރު، އޭނާ ވަނީ އެ ލިސްޓުގައި ޓޮމް ކްރޫޒާއި، ޖޯޖް ކްލޫނީ އާއި ޖެކީ ޗާން އަދި ރޮބާޓް ޑިނީރޯ ފަދަ ހޮލީވުޑްގެ ބޮޑެތި ނަންތައް ފަހާލައިފަ އެވެ. އެ ލިސްޓުގައި އެމެރިކާ އަށް ނިސްބަތް ނުވާ އެކްޓަރުންނަށް ތިބީ ޝާހު އާއި ޖެކީ އެވެ.
އެންމެ މުއްސަނދި އެކްޓަރުންގެ ލިސްޓުގެ އެއްވަނައިގައި ވަނީ ކޮމީޑިއަން ޖެރީ ސެއިން ފީލްޑެވެ. ދެވަނައިގައި ޓައިލާ ޕެރީ އޮތް އިރު، ތިން ވަނައިގައި އޮތީ ޑްވޭން "ދަ ރޮކް" ޖޯންސަނެވެ.
ހަތަރު އަހަރަށް ފަހު ޝާހުގެ ފިލްމެއް ސިނަމާތަކަށް އަންނަން އުޅޭއިރު، އޭނާގެ އެކްޓިން ކެރިއަރުގެ އިތުރުން ކުޅިވަރުގެ ވިޔަފާރިއަކާއި، ވިޝުއަލް އިފެކްޓްސް ކުންފުންޏަކާއި އެހެނިހެން ގިނަ ވިޔަފާރިތަކާއި އިންވެސްޓްމެންޓުތައް އޭނާ އަންނަނީ ކުރިއަށް ގެންދަމުންނެވެ.
ޝާހުގެ އާ ފިލްމު "ޕަތާން" މި މަސް ތެރޭ ރިލީޒް ކުރަން ނިންމާފައިވާއިރު، އޭނާ އަންނަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފޯރިއާ އެކު ފިލްމު ޕްރޮމޯޓު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން، ދާދި ފަހުން ވަނީ ދުބާއީގެ ބުރްޖު ހަލީފާގައި ފިލްމުގެ ޓްރެއިލާ ލޯންޗުކޮށްފަ އެވެ. އަދި ނިމިދިޔަ ވޯލްޑުކަޕްގައި ވެސް ޝާހު އާއި އޭނާއާއެކު އެ ފިލްމުގައި އުޅޭ ދިޕީކާ ޕަޑުކޯން ވަނީ ޕަތާންގެ ޕްރޮމޯޓު ކުރުމުގެ މަސައްކަތް ކޮށްފަ އެވެ.