މި ސަރުކާރުން ފެށި މަޝްރޫއުތަކުގެ 90 ޕަސެންޓު ނިންމާނަން: ރައީސް
މި ސަރުކާރުން ފެށި މަޝްރޫއުތަކުގެ 90 ޕަސެންޓު ނިންމާނަން: ރައީސް

އެ މަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރުގެ ދައުރު ނިންމަވާނީ މި ސަރުކާރުން ފަށާފައިވާ މަޝްރޫއުތަކުގެ 90 ޕަސެންޓަށް ވުރެ ބޮޑު ބައި ނިންމަވާފައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މި ސަރުކާރުން ފެށި މަޝްރޫއުތަކުގެ 90 ޕަސެންޓު ނިންމާނަން: ރައީސް
މި ސަރުކާރުން ފެށި މަޝްރޫއުތަކުގެ 90 ޕަސެންޓު ނިންމާނަން: ރައީސް

މި މަހުގެ 28 ގައި ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް އުތުރުގެ ބައެއް ރަށްރަށަށް އެ މަނިކުފާނު ކުރައްވާ ދަތުރުފުޅުގައި ހދ. ކުރިނބީގައި ވިދާޅުވީ، މި ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އަސާސީ ހިދުމަތްތަކަށް އިސްކަމެއް ދީގެން ތަރައްގީގެ މަޝްރޫއުތައް ހިންގުން ކަމަށެވެ.

މީހާ ނުތާހިރު ކަންމަތީ ހުރެ ތަރައްގީގެ ވާހަކަ ދެއްކުމަކީ ގަބޫލުފުޅު ކުރެއްވޭ ކަމެއް ނޫން ކަމަށާއި އެހެންކަމުން ހުރިހާ ބޮޑު އަދި ކުދި ރަށްތައް ހިމެނޭ ގޮތަށް ފެނާއި ނަރުދަމާ އާއި އެހެނިހެން އަސާސީ ހިދުމަތްތައް ގާއިމު ކުރުމަށް މި ސަރުކާރުން ބޮޑު އިސްކަމެއް ދީފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

"ވަކި ރައްޔިތަކު ބާކީ ނުކޮށް އެ ހިދުމަތްތައް ފޯރުކޮށްދިނުމަކީ އެމްޑީޕީގެ އެއް ތަސައްވުރު. މިނިވަންކަމާއެކީ ހިޔާލު ފާޅުކުރުމާއި އާއިލާއާއެކުގައި ދިރިއުޅުން ބައްޓަން ކުރާނެ ފުރުސަތު ހޯދައިދިނުމަކީ އެމްޑީޕީގެ ވިސްނުން،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވިގޮތުގައި، މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމް ކުރާނެ އެވެ. އަދި ބޮޑެތި ރަށްރަށުގައި ވެސް ތަރައްގީގެ ގިނަ މަސައްކަތްތަކެއް ނިންމައި ހިދުމަތް ލިބެން ފަށާނެ ކަމަށް ވިދާޅުވި އެވެ.

"ކުދި ރަށްތައް ބާކީ ނުކޮށް ބޮޑެތި ރަށްތަކަށް ވެސް ހިދުމަތް ފޯރުކޮށްދެމުން މި ދަނީ. އަޅުގަނޑުމެން ފަށާފައި ހުރި މަޝްރޫއުތަކުގެ 90 ޕަސެންޓަށް ވުރެ ބޮޑު ބައި ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ތެރޭގައި ނިމި ހިދުމަތް ލިބޭ ވަރު ވާތަން އެބަ ފެނޭ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

ފެނާއި ނަރުދަމާ އަޅަން 6-7 މަސް ނަގާ ކަމަށާއި ރިސޯޓުތަކުގައި ވެސް އެ މުއްދަތު ތެރޭގައި ނިންމާ ކަމަށް ބައެއް މީހުން ބުނާ ކަމަށް ރައީސް ވިދާޅުވި އެވެ. އެހެންވެ. އެހެން ބުނާ މީހުން ވެރިކަމުގައި އެގޮތަށް މަސައްކަތް ނުކުރެއްވީ ކީއްވެތޯ ރައީސް ސުވާލު އުފެއްދެވި އެވެ.

ކުރިނބީގައި ހިނގާ މަޝްރޫއުތަކާ ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އެ ރަށުގައި ފެނާއި ނަރުދަމާގެ މަސައްކަތް ނިންމުމަށް މަސައްކަތް ކުރަމުން އަންނަ އިރު ރަށުގެ ޖެޓީ ބޮޑު ކުރުމަށް މިހާރު އެމްޓީސީސީއާ ހަވާލު ކޮށްފައިވާ ކަމަށެވެ. ވަރަށް އަވަހަށް އެ މަސައްކަތް ނިމޭނެ ކަމަށް ވިދާޅުވި އެވެ.

އުތުރުގެ ރަށްރަށަށް ކުރައްވާ ދަތުރުފުޅު ރައީސް ނިންމަވާލާނީ މާދަމާ އެވެ. އެ އަށް ފަހު މާލޭގެ އާޓިފިޝަލް ބީޗުގައި ބޮޑު ޖަލްސާއެއް ބާއްވަން އެ މަނިކުފާނު ވަނީ ނިންމަވައިފަ އެވެ.