އިނގިރޭސި މަހުޖަނު ރެޓްކްލިފް ޔުނައިޓެޑް ގަންނަން މަސައްކަތް ފަށައިފި
އިނގިރޭސި މަހުޖަނު ރެޓްކްލިފް ޔުނައިޓެޑް ގަންނަން މަސައްކަތް ފަށައިފި

މެންޗެސްޓާ (ޖެނުއަރީ 18) - މެންޗެސްޓާ ޔުނައިޓެޑް ގަތުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައިވާ ކަމަށް އިނގިރޭސި މަހުޖަނު ޖިމް ރެޓްކްލިފް ގެ އީނިއޯސް ކުންފުނިން ބުނެފި އެވެ.

ޔުނައިޓެޑްގެ މިހާރުގެ އޯނަރުން ކަމަށް ވާ ގްލޭޒާސް ފެމިލީ އިން އެ ކްލަބް ގަތީ 2005 ވަނަ އަހަރެވެ. މިދިޔަ ނޮވެމްބަރު މަހު ގްލޭޒާސް އިން ވަނީ ކްލަބް ވިއްކާލަން ބޭނުންވާކަމަށް ބުނެފަ އެވެ. ރިޕޯޓްތައް ބުނާގޮތުން ގްލޭޒާސް އިން ޔުނައިޓެޑް ވިއްކާލަން ބޭނުންވަނީ ގާތްގަނޑަކަށް ފަސް ބިލިއަން ޕައުންޑް (ހަ ބިލިއަން ޑޮލަރު) އަށެވެ.

"އަޅުގަނޑުމެން ރަސްމީކޮށް [ކުލަބު ގަތުމުގެ] ރޭހަށް ވަދެއްޖެއިން،" އީނޯސް ކުންފުނީގެ ތަރުޖަމާނަކު ވިދާޅުވި އެވެ.

ޔުނައިޓެޑް ގަންނަން ބިޑު ހުށަހަޅުން ރަސްމީކޮށް ފެށުމަށް ހަމަޖެހިފައި ވާކަމަށް ލަފާކުރެވެނީ އަންނަ މަހު އެވެ. ރެޓްކްލިފްގެ ކުންފުނީގެ އިތުރުން އެމެރިކާ އާއި މެދުއިރުމައްޗާއި އޭޝިއާ ބައްރުން ވެސް އެ ކްލަބަށް ޝައުގުވެރިކަން ފާޅުކުރެ އެވެ.

އުމުރުން 70 އަހަރުގެ މަހުޖަނު ގެ ކުންފުނި އީނޯސް އިން ވަނީ 2019 ވަނަ އަހަރު 100 މިލިއަން ޔޫރޯ (108 މިލިއަން ޑޮލަރު) އަށް ފްރާންސް ލީގުގެ ކްލަބް ނީސް ގަނެފަ އެވެ. އޭގެ ކުރިން އޭނާ ވަނީ 2017 ވަނަ އަހަރު ސްވިޒަލެންޑްގެ ކުލަބެއް ކަމަށްވާ ލުސާން ސްޕޯޓްސް ގަނެފަ އެވެ.

ރެޓްކްލިފް އަކީ އޭނާ ކުޑައިރުއްސުރެން ވެސް ޔުނައިޓެޑްގެ ސަޕޯޓަރެކެވެ. އޭނާ އަބަދުވެސް ޕްރިމިއާ ލީގުގެ ކްލަބެއް ގަންނަން ޝައުގުވެރިވެ އެވެ.

ފޯބްސް އިން ލަފާކުރާގޮތުގައި ރެޓްކްލިފްގެ މިލްކިއްޔާތުގައި 15.5 ބިލިއަން ޑޮލަރު އެބަ ހުއްޓެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ ކުލަބެއް ގަންނަން ބިލިއަން ޕައުންޑް ހަރަދު ނުކުރާނެ ކަމަށް މީގެ ކުރިން އޭނާ ބުނި ނަމަވެސް، މިދިޔަ އަހަރު އޭނާ ވަނީ 4.25 ބިލިއަން ޕައުންޑް (5.22 ބިލިއަން ޑޮލަރު) އަށް ޗެލްސީ ގަންނަން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އެ ބިޑް އޭނާ އަށް ކާމިޔާބެއް ނުވި އެވެ.

ފަހުގެ ތާރީހެއްގައި ޔުނައިޓެޑްގެ މިހާރުގެ އޯނަރުންނާ ދެކޮޅަށް އެ ކުލަބްގެ ސަޕޯޓަރުން ވަނީ އެކި ފަހަރުމަތިން އިހުތިޖާޖުތައް ކޮށްފަ އެވެ. އިހުތިޖާޖުތަކާ ގުޅިގެން 2021 ވަނަ އަހަރު އޯލްޑް ޓްރެފޯޑުގައި ލިވަޕޫލާ ދެކޮޅަށް ކުޅެން އޮތް ލީގު މެޗެއް ވެސް ފަސްކުރަން ޖެހުނެވެ. މި ސީޒަނުގައި ވެސް އަމިއްލަ ދަނޑުގައި ލިވަޕޫލާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ކުރިން ގްލޭޒާސް އާ ދެކޮޅަށް ސަޕޯޓަރުން ވަނީ އިހުތިޖާޖް ކޮށްފަ އެވެ.