17 ޖެނުއަރީ 2017 - 06:11

ބޮލީވުޑްގެ ގިނަ ބަތަލާއިންނާ ޚިލާފަށް، ކަރީނާ ކަޕޫރު ފާހަގަވީ ބަނޑުބޮޑުއިރު ވެސް އާންމުންގެ ތެރޭގައި ގިނައިން އުޅުނު އަދި އެކި ހަރަކާތްތަކުގައި ބައިވެރިވި މީހެއްގެ ގޮތުގަ އެވެ.
ރޭމްޕްގައި އަދި ރެޑް ކާޕެޓްގައި ހިނގުން އަދި މެގަޒިން ކަވަރުތަކުގައި ޖަހަން ފޮޓޯ ނެގުން ފަދަ ހުރިހާ ކަމެއް ބަނޑުބޮޑު އިރު ވެސް ކަރީނާ ކޮށްފައިވެ އެވެ. ކަރީނާ ބުނަނީ ބަނޑުބޮޑުއިރު މަސައްކަތްކުރުމަކީ އެހާ ބޮޑުކަމެއް ނޫން ކަމަށެވެ.
ކަރީނާ ގަސްތުކޮށްފައި ވަނީ ދަރިފުޅު ތައިމޫރަށް މަހެއްހާ ދުވަސް ފަހުން އަލުން އެނބުރި މަސައްކަތްތަކުގައި ބައިވެރިވާށެވެ. އެގޮތުން ފުރަތަމަ އޮތީ ޑިޒައިނަރު އަނީތާ ޑޮންގްރޭގެ ހެދުންތަކެއް ދައްކާލަން ރޭމްޕްގައި ހިނގުމެވެ. މި ޝޯ އޮންނާނެ ދުވަހެއް އަދި ނޭނގެ އެވެ. އެކަމަކު ޝޯގައި ބައިވެރިވާނެކަމުގެ ޔަގީންކަން ކަރީނާ ވަނީ ދީފަ އެވެ.
ކަރީނާ ފިލްމީ ދުނިޔެއަށް އެނބުރި އައުން ފާހަގަކުރަން ހަމަޖެހިފައި ވަނީ ސޯނަމް ކަޕޫރާ އެކު ކުޅޭ "ވީރް ދީ ވެޑިން" އިންނެވެ. މި ފިލްމު ވެސް ކުރިޔަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ފަށާނެ ކަމަށްވެ އެވެ.
ވިހެއުމަށްފަހު ގިނަ މީހުން އަރާމުކުރަން ދުވަސްކޮޅަކު ގޭގައި ތިއްބަސް ކަރީނާ އަބަދުވެސް ޕާޓީތަކާއި އިވެންޓްތަކުން ދަނީ ފެންނަމުންނެވެ.
ކަރީނާގެ އެކުވެރިޔަކު ބުނި ގޮތުގައި ބަލިވެ އިނުމުގެ ސަބަބުން ގައިގައި ޖަހާފައިވާ މަސްތައް އެންމެ މަހެއްހާ ދުވަހުގެ ތެރޭގައި ދުއްވާލަން ކަރީނާ ގަސްތު ކުރެ އެވެ. އޭނާ އެ މަސައްކަތް މިހާރުވެސް ފަށާފައިވާ ކަމަށްވެ އެވެ.