ސާފް ކްލަބް ޗެމްޕިއަންޝިޕް މި އަހަރު ވެސް ނުބޭއްވިދާނެ
ސާފް ކްލަބް ޗެމްޕިއަންޝިޕް މި އަހަރު ވެސް ނުބޭއްވިދާނެ

ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ބާއްވަން މަސައްކަތްކުރާތާ އެތައް އަހަރެއްވީ ސާފް ކްލަބް ޗެމްޕިއަންޝިޕް މި އަހަރު ވެސް ބޭއްވުމުގެ ފުރުސަތު ކުޑަ ކަމަށާއި މިހާރު ބެލެވޭ ގޮތުން މުބާރާތް އޮންނަނީ އަންނަ އަހަރު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މި މުބާރާތް މިދިޔަ އަހަރު ބާއްވަން ވެސް މަޝްވަރާކުރި އެވެ. އެކަމަކު މިދިޔަ އަހަރަށް ނެރުނު ކަލަންޑަރުގައި އެ މުބާރާތް ނުހިމެނެ އެވެ. ދެން ބުނީ މި އަހަރު މުބާރާތް އޮންނާނެ ކަމަށެވެ.

ސާފްގެ މަސްދަރަކާ ހަވާލާދީ ސަރަހައްދީ ނޫސްތައް ބުނާ ގޮތުގައި އެ ފެޑެރޭޝަނުން މިހާރު ވިސްނަނީ އަންނަ އަހަރު މުބާރާތް ލޯންޗުކުރާށެވެ. މުބާރާތް މި އަހަރު ބާއްވަން އެއްބަސްވީ ބަންގްލަދޭޝް އިންނެވެ. އަންނަ އަހަރަށް ފަސްކުރިޔަސް އެ ފުރުސަތު އޮންނާނީ އެ ގައުމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ސަރަހައްދުގެ އެންމެ ވަރުގަދަ ތިން ގައުމު ކަމަށްވާ އިންޑިއާ، ރާއްޖެ އަދި ބަންގްލަދޭޝް އަށް މުބާރާތުގައި ދެ ކްލަބް ބައިވެރިކުރަން ފުރުސަތު ދޭނެ އެވެ. ބާކީ ގައުމުތަކަށް ފޮނުވޭނީ އެންމެ ކްލަބެކެވެ.

ކުރިން އޮތް ގޮތުން ނަމަ އިންޑިއާ އިން ވާދަކުރާނީ އެންމެ ފަހުގެ އިންޑިއަން ސުޕަ ލީގުގެ ޗެމްޕިއަން ހައިދަބަރުއާބާދު އެފްސީ އާއި ރަނަރަޕް ކެރެލާ ބްލާސްޓާސް އެވެ. ރާއްޖޭން ވާދަކުރާނީ އެންމެ ފަހުގެ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން މާޒިޔާ ރެކްރިއޭޝަން ކްލަބާއި ރަނަރަޕް ކްލަބް އީގަލްސް އެވެ.

ބަންގްލަދޭޝް އިން ފުރުސަތު ދޭނީ ލީގު ޗެމްޕިއަން ބަޝުންދުރާ ކިންގްސް އާއި ޑާކާ އަބަހާނީ އަށެވެ. ނޭޕާލުން އޭ ޑިވިޝަން ލީގު ޗެމްޕިއަން މަޗިންދުރާ އެފްސީ ވާދަކުރާއިރު ޕާކިސްތާނުން ބައިވެރިވާނީ ވަޕްޑާ އެފްސީ އެވެ. ބޫޓާނުން ޕަރޯ އެފްސީ ވާދަކުރާއިރު ސްރީ ލަންކާ އިން ބައިވެރިކުރާނީ ބްލޫ ސްޓާ އެވެ.

އެކަމަކު އަންނަ އަހަރަށް ފަސްވުމުން، ބެލެވޭ ގޮތުގައި ދެން ޖާގަ ދޭނީ މި އަހަރުގެ ޗެމްޕިއަން ޓީމުތަކަށެވެ.

ދެކުނު އޭޝިއާގެ ގައުމުތަކުގެ ކްލަބްތަކުގެ މެދުގައި މުބާރާތެއް ބޭއްވުމުގެ ވާހަކަތައް މީގެ 10 ވަރަކަށް އަހަރު ކުރީއްސުރެ އައީ ދެކެވުމުންނެވެ. އޭގެ ފަހުން 2020 ވަނަ އަހަރު ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި އޭއެފްސީގެ ރައީސް ޝެއިޚް ސަލްމާން ބިން އިބްރާހިމްއާ އެކު އެކު ސަރަހައްދުގެ ގައުމުތަކުން ބޭއްވި ބައްދަލުވުމުގައި ވަނީ ވަނީ އެ މަޝްވަރާކޮށްފަ އެވެ.

އޭއެފްސީން ބާއްވާ ދެ ވަނަ ފަންތީގެ ކްލަބް މުބާރާތް ކަމަށްވާ އޭއެފްސީ ކަޕުގެ އެއް ގްރޫޕް މިހާރު ހާއްސަކޮށްފައި އޮންނަނީ ދެކުނު އޭޝިއާ އަށެވެ. އެހެންވެ މިވަގުތަށް ބަލާއިރު ސާފް ކްލަބް ޗެމްޕިއަންޝިޕެއްގައި ސިފައިގައި ކުރިއަށްދަނީ އެ މުބާރާތެވެ. އެ މުބާރާތާއި މީގެ ކުރިން ބޭއްވި އޭޝިއަން ކްލަބް ޗެމްޕިއަންޝިޕާއި އޭޝިއަން ޗެމްޕިއަންސް ލީގުގައި އެންމެ ކާމިޔާބީ އިންޑިއާ އާއި ރާއްޖޭގެ ކްލަބްތަކެވެ.