18 ޖެނުއަރީ 2023 - 11:15

ޓްރީ ޓޮޕް ހޮސްޕިޓަލުން އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދިޔަ ހުރަވީ ސްކޫލު ދަރިވަރުންގެ ހެލްތު ސްކްރީން ކުރުމުގެ ޕްރޮގުރާމު ނިންމާލައިފި އެވެ.

ޓްރީ ޓޮޕުން ބުނި ގޮތުގައި އެ ޕްރޮގުރާމު ބޭއްވީ މި މަހުގެ 10 އިން 16 އަށެވެ. އެ ހަރަކާތުގައި ގްރޭޑު 1، 4، އަދި 7 ގެ ދަރިވަރުން ވަނީ ބައިވެރިކޮށްފަ އެވެ.

އެ އިވެންޓަކީ ދަރިވަރުންގެ ސިއްހީ ހާލަތު ދެނެގަނެ، ފަރުވާ ބޭނުންވާ ދަރިވަރުންނަށް ފަރުވާ ފޯރުކޮށްދޭނެ ސްޕެޝަލިސްޓަކަށް ރިފާ ކުރަން ޖެހޭ ހާލަތްތައް ދެނެގަތުމުގެ މަގުސަދުގައި ހެއްދި އަސާސީ ހެލްތު ސްކްރީނިންއެއް ކަމަށް ޓްރީ ޓޮޕުން ބުންޏެވެ.

ދަރިވަރުންގެ ހެލްތު ސްކްރީންކުރުމުގެ އިވެންޓުގެ ކުރިން ޓްރީ ޓޮޕްގެ ކޮންސަލްޓަންޓް ޕީޑިއޭޓްރިޝަން ޑރ. ރުކްސާނާ އަހުމަދު ވަނީ ޓީޗަރުންނާއި ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފަ އެވެ.
ހުރަވީ ސްކޫލުގެ ހޯލްގައި ބޭއްވި އެ ސެޝަނުގައި ޑޮކްޓަރު ވަނީ ކުޑަކުދިންގެ ހެދިބޮޑުވުމާއި ދުޅަހެޔޮކަމަށް ބޭނުންވާ މާއްދާތަކާ ގުޅޭގޮތުންނާއި، ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭގޮތުން މައުލޫމާތު ދެއްވައިފަ އެވެ. ޓްރީ ޓޮޕުން ބުނި ގޮތުގައި އެ ދެ ދާއިރާއިން މައުލޫމާތު ދީފައި ވަނީ ދަރިވަރުންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ބެލެނިވެރިންނާއި ޓީޗަރުން އަހުލުވެރިކުރުވުމަށެވެ.
ޓްރީ ޓޮޕުން ބުނި ގޮތުގައި ހުރަވީ ސްކޫލުގައި ކުރިއަށް ގެންދިޔަ ހެލްތު ސްކްރީނިން އިވެންޓަކީ ކާމިޔާބު އިވެންޓެކެވެ. އެ އިވެންޓުގައި ޖުމްލަ 445 ދަރިވަރުންގެ ހެލްތު ސްކްރީނިން ވަނީ ހައްދާފަ އެވެ.