18 ޖެނުއަރީ 2023 - 11:43

ލަންޑަން (ޖެނުއަރީ 18) - އާދިއްތަ ދުވަހުގެ ރޭ އާސެނަލް އިން ޓޮޓެންހަމް 2-0 އިން ބަލިކޮށް އިނގިރޭސި ޕްރިމިއާ ލީގުގު އެއް ވަނައިގައި ލީޑުފުޅާ ކުރި މެޗަށް ފަހު، އާސެނަލްގެ ގޯލްކީޕަރު އާރޮން ރަމްސްޑޭލް އަށް ހަމަލާދިން ޓޮޓެންހަމްގެ ސަޕޯޓަރަށް ދައުވާ ކޮށްފި އެވެ.
ޓޮޓެންހަމްގެ ދަނޑުގައި އާސެނަލް މޮޅުވި މެޗުގައި ރަމްސްޑޭލް ވަނީ އާސެނަލް ކޮޅަށް ގޯލެއް ވަނަނުދޭން މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެ މެޗުގައި ރަމްސްޑޭލް ވަނީ ޓޮޓެންހަމުން ގޯލާ އަމާޒުކޮށް ފޮނުވާލި ހަތް ހަމަލާއެއް ދިފާއު ކޮށްފަ އެވެ.
މެޗު ކާމިޔާބު ކުރުމަށް ފަހު ގޯލު ފުރަގަހުގައި އޮތް ފެންފުޅިއެއް ނަގަން ރަމްސްޑޭލް ދިޔަ ވަގުތު، ދަނޑުގެ އިސްތިހާރު ބޯޑެއްގެ މައްޗަށް އަރައި އޭނާގެ ބުރަކަށީގައި ކޮޅުފައިން ޖެހީ އުމުރުން 35 އަހަރުގެ ޖޯސެފް ވަޓްސް ނަމަކަށް ކިޔާ މީހެކެވެ.
ރަމްސްޑޭލް އަށް އޭނާ ހަމަލާ ދިނީ ސްކާފަކުން އަނގަމަތި ނިވާކޮށްގެން ގޮހެވެ. ލަންޑަނުގެ މެޓްރޯޕޮލިޓަން ޕޮލިހުން ބުނާ ގޮތުގައި މި މީހާ ހޯދަން ޓޮޓެންހަމުން ވަނީ ވަރަށް ބޮޑު އެއްބާރުލުމެއް ދީފަ އެވެ.
އިނގިރޭސި ފުޓުބޯޅަ އެސޯސިއޭޝަނާއި ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަން (ޕީއެފްއޭ) އިން މި އަމަލު ކުށްވެރި ކުރާއިރު، ޓޮޓެންހަމުން ވަނީ ހަމަލާ ދިން ސަޕޯޓަރު ދަނޑަށް ވަނުން މަނާ ކުރަން ނިންމައިފަ އެވެ.
އޭގެ ކުރިން ރެފްރީގެ ކަށިގަނޑާ އެކު ރަމްސްޑޭލް، ޓޮޓެންހަމްގެ ސަޕޯޓަރުންނާ ދިމާއަށް އެނބުރި، ކްލަބުގެ ބެޖަށް ބޮސް ދިނުމަށް ފަހު އުފާފާޅު ކުރުމުން ޓޮޓެންހަމްގެ ފޯވާޑް ރިޗާލިސަން ހިތްހަމަނުޖެހުނެވެ.