ދުންފުސް
ދުންފުސް

އާދިއްތަ ދުވަހާ ގުޅޭ

އެ ބައްޔަކަށް ފަރުވާއެއް ނެތެވެ. ދުވަސްކޮޅެއް ތެރޭގައި އަހަރެންގެ ލޮލަކަށް ނުފެންނާނެއެވެ. އާންމުދިރިއުޅުމުގައި ކުރަންޖެހޭ އެއްވެސް ކަމެއް ނުކުރެވޭނެއެވެ. އަހަރެން އެންމެ ކުރާ ހިތްވި ހުރިހައި ކަމެއް ވެސް ދޫކޮށްލަން މަޖުބޫރުވީއެވެ. ކުރެހުމާއި، ކޭކުއެޅުމާއި، ލަކުޑީގެ ކަވި މަސައްކަތްތަކާއި، ލިޔެލާޖެހުމާއި، ވަޒީފާއިން ވެސް ޖެހޭނީ ވަކިވާށެވެ. މީސްމީޑިޔާގެ އެކައުންޓުތައް ޖެހޭނީ ބަންދުކުރާށެވެ. ދިރިހުއްޓަސް ދުނިޔޭގެ މޫނުމަތިން އަހަރެން ގެއްލުމުގެ ވަގުތުޖެހެނީއެވެ.

އަހަރެންގެ ކުރިމަގު އަނދިރިވަމުން އަންނަކަން އެނގޭނީ އާއިލާގެ މީހުންނަށް އެކަންޏެވެ. ފައިޒާން އާއިލާގެ މީހުންނާ ހަމައަށް އެ ވާހަކަ ދާނީ ކޮން އިރަކުންކަމެއް، އެ މީހުން ދެކޭނީ ކިހިނެއްކަމެއް ނޭނގެއެވެ. ޔަގީނުން ވެސް ފައިޒާން އަހަންނާ ރުޅިއެއް ނުވާނެއެވެ. އެ ޔަގީންކަން އޮތެވެ. ވިސްނަން އެކަނިމާއެކަނި ކޮޓަރީގައި އިނދެފައި އަހަރެން ލޯމަރައިލީމެވެ. މުސްތަގުބަލަށް ބަލައިލީމެވެ. ކަނުއަނދިރިކަން ފިޔަވައި އެކައްޗެއް ވެސް ނެތެވެ. ހާސްވެގެން ތެޅިގެންފައި އަހަރެން ލޯހުޅުވައިލީމެވެ. ފުސްކޮށް ވިޔަސް ތަންތަން ފެނެއެވެ. މާދަމާ އަހަރެން ލޯހުޅުވިޔަސް ލޯމަރައިގެން ހުރުމެކޭ އެއްފަދަވާނެއެވެ. އެ ވަގުތު ބާރަށް ނޭވާލާން ފެށުނެވެ. އެ މާދަމާ އަންނާކަށް އަހަރެން ބޭނުމެއް ނޫނެވެ. އަޔަނުދޭން ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ.

އަހަންނަށް މިހެންވީ ކީއްވެގެން ހެއްޔެވެ؟ އެ ޝަކުވާ ވެސް އެތައް ފަހަރަކު ކުރެވުނެވެ. އަހަންނަކީ ހަށިގަނޑަށް ބަލައިގެން އުޅުނު މީހެކެވެ. ދީނަށް ފަރުވާތެރިވި މީހެކެވެ. އަތުޖެހުނު އެއްޗެއް ކައިފައި، ހިތަށްއެރިހައި ގޮތަކަށް އުޅޭ އެތައް ބަޔަކު އަހަރެން ދަންނަމެވެ. އެ މީހުންނަކަށް މި ދުވަހެއް ނާދެއެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ އަހަރެން އެނދުން ތެދުވީމެވެ. ލޯމަރައިގެން ހިނގަން މަސައްކަތްކުރީމެވެ. ކޮޓަރި ކުޑައެވެ. އެއްޗެއްގައި އަޅައިނުގަނެ ތިން ފިޔަވަޅު ވެސް އަހަންނަކަށް ނޭޅެއެވެ. އެގޮތަކުން މިގޮތަކުން ގޮސް ފާހާނައިގެ ދޮރުމައްޗަށް ހުއްޓުނީމެވެ. ފާހާނަ މަތީގައި އިށީނދެވުނީ ވެސް އެތައް އިރަކުންނެވެ. އެއީ އަހަރެން އާންމުކޮށް ވަންނަ ފާހާނައެވެ. ވީ އިރު، މަގުމައްްޗަށް ނުކުމެގެން އަހަރެން އުޅޭނީ ކިހިނެއް ހެއްޔެވެ؟ އަހަރެން ރޯން ފެށީމެވެ. ވަށައިގެންހުރީ އިހުސާސެއް ނެތް ހަތަރު ފާރުކަން އެނގިހުރެއެވެ. ރަނގަޅީ ވެސް އެ ގޮތެވެ. މީހުން އަހަންނަށް ހަމުދަރުދީވާކަށް އަހަރެން ބޭނުމެއް ނޫނެވެ. އެއީ ހިތަށް ލިބޭނެ އިތުރު ވޭނެކެވެ.

ފައިޒާން ގާތުގައި އެ ވާހަކަ ބުނާނެ ގޮތަކާ މެދު އަހަރެން ވިސްނަން ފެށީމެވެ. އުނދަގޫ ކަމެކެވެ. އެކަމަކު ފުރަތަމަ އެ ޚަބަރުދޭން ބޭނުންވީ އަހަންނެވެ. ފައިޒާން އަހަރެން ބާކީކޮށްނުލާނެކަމުގެ ޔަގީންކަން އޮތަސް، އެ ވާހަކަ ބުނަން ނުކެރި ދިގުލާން ފެށިއެވެ. ކޮންމެ ދުވަހަކު ފައިޒާނާ ބައްދަލުވެއެވެ. އޭނަ ގެއަށް ވެސް އާދެއެވެ. ގޭގެ އެންމެން ވެސް އުޅެނީ ކަމެއް ނުވާކަމަށް ހެދިގެންނެވެ. ގޭތެރޭގައި އުޅޭ އިރު އަހަރެން ތަންތަނުގައި އަޅައިގަންނަން ފެށިއެވެ. އަތުން ޖެހިފައި ތަށި ވިއްސައިގެންދިޔުން ގިނަވާން ފެށިއެވެ. ޓީވީބަލަން ތިބޭ އިރު ފައިޒާން ބުނެލާ އެއްޗިއްސަށް އަހަންނަށް ޖަވާބު ނުދެވެން ފެށިއެވެ. ޓީވީން ފައިޒާން އިޝާރާތްކުރާ އެތި އަހަންނަށް ރަނގަޅަށް ސާފުނުވާތީއެވެ. ފައިޒާން އާ ގަމީހެއް ލައިފިއްޔާ އަހަރެން ފާޑުކިޔަމެވެ. ގަމީސް ރީތިވި ސަބަބު ބުނަމެވެ. އެ ކަން ވެސް ހުއްޓުނެވެ. އޭނަ އާ ގަމީހެއް ލައިގެން އަޔަސް އަހަންނަކަށް ނޭނގެއެވެ. ދެން ވީ ނުވާންވީ ކަންތަކެވެ. އެއްދުވަހަކު މަންމައާއި ބައްޕަ ސިއްރުން ދެއްކި ވާހަކައެއް އަހަންނަށް އަޑުއިވުނެވެ. މަންމަމެން ތިބީ ބޮޑުކޮޓަރީގައެވެ. އަހަރެން ހުރީ އަހަރެންގެ ކޮޓަރީގައެވެ.

"މިހާރު ފައިޒާން ބައްޕަ ގާތު އެ ވާހަކަ ބުނީތަ؟" މަންމަ އެހިއެވެ.

"އަދި ނުބުނަން. ތޫބާއަށް ދޫކޮށްލައިގެން މި ހުންނަނީ. އެކަމަކު އޭނަ ފައިޒާން ގާތު ބުނިހެނެއް ހިޔެއްނުވޭ! އޭނަ ނުބުނިއްޔާ އަހަރުމެން ބުނަން ޖެހޭނެ،" ފިކުރުބޮޑުވެފައި ބައްޕަ ބުންޏެވެ. "ލަސްކުރި ވަރަކަށް ނުކުންނަ މައްސަލަ ބޮޑުވާނެ. އަހަރުމެން ވެސް އެބަ ޖެހޭ މި ކަމަށް ތައްޔާރުވާން. ކުރިޔަށް އޮތް ތަނުގަ ތޫބާގެ އެއްވެސް ކަމެއް އޭނައަކަށް ދުލެއް.."

އެ ހިސާބުން ބައްޕައަށް ރޮވުނީއެވެ. އަހަރެން ވެސް ބޭނުންވީ ރޯލާށެވެ. އެހެނަސް، އޭރުން މަންމައާއި ބައްޕަ މާ ދެރަވާނެއެވެ. ހިތަށްއެރިއެވެ. އެންމެ ރަނގަޅުވާނީ އަހަރެން ރުޅިއައިއްޔާއެވެ.

"ދެން އަހަރެން ބަލަން މެއިޑެއް ގެންނަންވީނު،" ކުއްލިއަކަށް ކޮޓަރިން ނުކުމެފައި އަހަރެން ބުނީމެވެ. "ބައްޕަ ހާސްވާނެކަމެއް ނެތް. މަންމައަކަށް އެއްވެސް އުނދަގުލެއް ނުޖައްސާނަމޭ! އައި ކޭން މެނޭޖް! ފައިޒާން ހުއްޓާ އަހަރެން ނުޖެހޭނެ ހާސްވާކަށް."

މަންމަ އެއްޗެއް ބުނަން އުޅުނެވެ. ބައްޕަ އެ ކަން ހުއްޓުވީއެވެ.

"ދަރިފުޅު މިހާރު ފައިޒާން ގާތުގަ ބުނެފިންތަ؟" ބައްޕަ ސުވާލުކުރިއެވެ.

"އާނ! އޭނަ ބުނީ އޯކޭއޭ!" އަހަރެން ބުނީ ދޮގެކެވެ. "ބައްޕަމެނަށް ފައިޒާންގެ ގޮތް ނޭނގުނަސް އަހަންނަށް އެނގޭ! އޭނަޔާ މެރީކޮށްގެން އަހަރެން ދާނީ އެ ގެއަށް. ނިމުނީނު."

އެ ހިސާބަށް ބުނެފައި އަހަރެން ގޮސް ކޮޓަރިއަށް ވަދެފައި ނިކަން ބާރަށް ދޮރުޖެހީމެވެ. ދެން އަހަރެން ރުއީ ބައްޕަޔާ ދިމާއަށް އެއްޗެހިކިޔުނީތީއެވެ. އެއީ ދުވަހަކު ވެސް އަހަރެން ކުރި ކަމެއް ނޫނެވެ.

"ސޮރީ ބައްޕާ!" މަޑުމަޑުން އަހަންނަށް ބުނެވުނެވެ.

ރޭގަނޑު ފައިޒާން އައިސް ދޮރުގެ ރަނގަބީލު ޖަހައިލިއެވެ. ފުން ނޭވައެއް ބޭރުކޮށްލައިފައި އަހަރެން ދޮރު ހުޅުވައިލީމެވެ. ފައިޒާން އައިސް ސޯފާގައި އިށީން އިރު އޭނަގެ މޫނުމަތިން އަހަންނަށް ފެނުނީ ނުތަނަވަސްކަމެވެ. އަހަރެން އިށީނީ ސޯފާޔަކު ނޫނެވެ. މުޅި ހަޔާތުގައި ވެސް އިށީން އެންމެ ބޮޑު އިމުތިހާންގައެވެ.

"ކުއްލިއަކަށް ގުޅާފަ އައިސްބަލާށޭ ބުނި ގޮތުން ކުޑަކޮށް ހާސްވެފަ މިހިރީ،" ފައިޒާން ބުންޏެވެ. "އާ ޔޫ އޯކޭ!"

އަހަރެން ވިސްނައިލީމެވެ. ހިތަށްއެރިއެވެ. ބުނަންބުނަން ހުއްޓައި މާ ލަސްވެއްޖެއެވެ. ދެނެއް ލަހެއްނުކުރެވޭނެއެވެ.

"އަހަންނަކަށް ނޭނގެ މި ވާހަކަ ބުނާނެ ގޮތެއް،" އަހަރެން ބުނީމެވެ. "ސީދާ ޕޮއިންޓަށް މި ދަނީ. ލޯ ފުސްވާތީ ޑޮކްޓަރަށް ދެއްކީމަ ބުނީ އަހަރެންގެ ލޯ އަނދިރިވަނީއޭ. އެއްކޮށް އަނދިރިވާނޯ. ޓްރީޓްމަންޓެއް ވެސް ނެތޯ."

"ވަޓް؟" އެހެން ބުނެވުނު އިރު ފައިޒާނަށް ހުރީ ތެދުވެވިފައެވެ. "ދެން އެހެނެއް ނުވާނެއްނު! ހިނގާ ބޭރަށް ގޮސް ޑޮކްޓަރަށް ދައްކަމާ! ބެންކޮކް.."

ފައިޒާން ވަރަށް ގިނަ ވާހަކަދައްކަން އުޅުނެވެ. އޭނައަށް ހީވި ކަހަލައެވެ. ލޯއަނދިރިވާކަން އަހަންނަށް އެނގުނީ އެ ދުވަހުއެވެ.

"ފައިޒާން އަހަންނާ ރުޅިވާނީތަ؟" ފެންކަޅިވެފައި އަހަންނަށް ބުނެވުނެވެ.

"ނޯ!" އަހަރެން ގާތުގައި އިށީނދެފައި ފިރުމައިލަމުން ފައިޒާން ބުންޏެވެ. "ނެވަރ!"

ފައިޒާން ބުނި އެއްޗަކަށް ވުރެ ބޮޑަށް، އޭނަ ނުދެއްކި އެތައް ވާހަކައެއް އަހަރެންގެ ހިތުގައި ވަކިއެޅިއެވެ. އޭނައަށް ބުނެވުނީހެވެ. ތޫބާ ހާސްނުވާށެވެ. ބިރުނުގަންނާށެވެ. އަހަރެންގެ ލޮލުން ތޫބާއަށް ދުނިޔެ ފެންނާނެއެވެ. އިންނަން ހިނގާށެވެ. ތޫބާ ގެންދާނީ އަހަރެންގެ ގެއަށެވެ. ހަތަރުދަމު ތޫބާ ކައިރީގައި އަހަރެން އިންނާނަމެވެ. އެ ފަދަ އެއްވެސް އެއްޗެއް ފައިޒާން ނުބުނެއެވެ. އެ ރޭ ފައިޒާން ދިޔަ ފަހުން އަމަން ގުޅިއެވެ. އެއިން ޒަމާނަކު ވެސް ނުގުޅާފައި އެ ރޭ އަމަން ގުޅި ސަބަބެއް އަހަންނަކަށް ނުވިސްނެއެވެ.

"ހާލުބަލައިލަން ގުޅާލީ،" އަމަން ބުންޏެވެ. "ކިހިނެއް ކިހިނެއްތަ؟"

"ނަސީބެއްނު ގުޅާލަން ވަގުތެއްވިކަން،" ހުރިހައި ހިތާމައެއް އޮއްބާލައިފައި އަހަރެން ބުނީމެވެ. "ފައިޒާނާ މެރީކުރަން މި އުޅެނީ."

"ގުޑް ލަކް!" އަމަން ބުންޏެވެ. "އެނގޭތަ؟ މިހާރު އަހަރެންގެ ނަމުގެ ކުރިޔަށް ދެ އަކުރު އޮންނާނެ. ޑީ އާރ!"

"އަމަން މި ކޮޅަށް އަންނަ އިރު އަހަރެންގެ ނަމުގެ ކުރިޔަށް ތިން އަކުރު އޮންނާނެ،" އަހަރެން ވެސް ބުނީމެވެ. "އެމް އާރ އެސް. މިސިޒް ފައިޒާނާ ދެން މީޓްވާނީ."

ޖެހިގެންއައި ދުވަހު އަހަންނަށް ފައިޒާންގެ ދިގު މެސެޖެއް އައެވެ. އޭނަ ހުރީ އަހަންނާ ކައިވެނިކުރާ ގޮތަށެވެ. އެކަމަކު މައިންބަފައިން އެއްބަހެއް ނުވިއެވެ. އެ މީހުންނާ ދެކޮޅަކަށް ފައިޒާނަކަށް ނިންމުމެއް ނުނިންމޭނެއެވެ. ދެން ހުރީ، ފައިޒާންގެ ކުށެއް ނެތްކަން އަހަންނަށް ވިސްނައިދޭން ދައްކައިފައި ހުރި ބޭކާރު ވާހަކަތަކެވެ. ހިތަށްއެރިއެވެ. ކިހައި ފިނޑި މީހެއް ހެއްޔެވެ؟ ކުޑަމިނުން ގުޅާލައިފައި އެހެން ބުނަން ވެސް ނުކެރުނެވެ. އަހަރެން ފައިޒާނާ ރައްޓެހިވިކަން އެނގުމުން އަހަރެންގެ މައިންބަފައިން ވެސް ދެކޮޅުހެދިއެވެ. ފައިޒާން ފަދައިން އަހަރެން ދުވެފިލީކީ ނޫނެވެ. ފިރިހެނަކު އަންހެނަކަށް ވުރެ އަންހެންވީމައި ދެން ކުރެވޭނީ ކީއް ހެއްޔެވެ؟

ފައިޒާންގެ އެންމެ ބޭނުން ޖެހުނު ވަގުތު އޭނަ ކަންތައްކުރި ގޮތުން އަހަރެން ވަރަށް ދެރަވިއެވެ. އެކަނިވެރިކަން އޭގެ އިންތިހާއަށް ދިޔައެވެ. ދެން ހިތަށްއެރިއެވެ. އަހަންނަށް ފެނުނު ހުވަފެނުގެ މާނައަކީ އެއީއެވެ. ފެނުނު ދުންފުހަކީ އަހަރެންގެ ހަޔާތެވެ. ފުއްލާއަކީ އަހަންނެވެ. އަހަރެންގެ ކަމަކީ ކޮޓަރީގައި އެކަނި އިނދެގެން ރުއިމެވެ. ނުއެއް ކެވެއެވެ. މީހުނާ ވާހަކަދެއްކުމަށް ވުރެ އުނދަގޫކަމެއް ނޯވެއެވެ. ނިންޖެއް ނާދެއެވެ. ނޭވާލާން ވެސް ފޫހިވެއެވެ.

އަމަން ކިޔަވައިނިމިގެން އައި އިރު އަހަންނަކީ ދިރިހުރި ގަބުރެކެވެ. މަރަށް އިންތިޒާރުކުރުން ނޫން އެއްވެސް މަގުސަދެއް އަހަރެންގެ ނެތެވެ. މުޅި ދުނިޔެ އަހަންނަށް ފެންނަނީ، އިންތިހާއަށް ފުސްކޮށެވެ. މީހެއްގެ މޫނު އެނގެނީ އެތައް އިރަކު އެ މޫނަށް ބެލީމައެވެ.

"އަހަންނާ އިންނަންވީނު!" އަމަން ފުރަތަމަ ވެސް ބުނީ އެހެންނެވެ. "އަހަރެންގެ ޔުނިވަސިޓީން ތި ބަލި އެބަ ރިސާޗްކުރަން. އަދި ނޭނގެ ކިތައް އަހަރުކަމެއް ވާނީ. އެކަމަކު ވަރަށް އުންމީދު އެބަ އޮތް."

އަދި އަހަރެން އެއްބަހެއް ނުވަމެވެ. ވެވޭނެކަމެއް ވެސް ނޭނގެއެވެ. އެކަމަކު އެނގޭކަމެއް އެބަ އޮތެވެ. ކޮންމެ ކަމެއް ވެސް ވަނީ ސަބަބެއް އޮވެގެންނެވެ. އަމަން ޑަކުޓަރަކަށްވާން ޖެހެއެވެ. އެނބުރި އައިސް އަހަންނަށް ފަރުވާކުރުމަށް ޓަކައެވެ. އަމިއްލައެދުން ބޮޑީ އަމަންއާއި ފައިޒާނޭ އަހަރެން ހިތަށްއަރާ އިރު، އަހަރެންނަކީ ވެސް އަހަރެން ނޫން އެހެން މީހަކަށް ނުވިސްނި މީހެކެވެ. ހަގީގަތަކީ އެއީއެވެ. ތެދުވެރި ލޯބިވީ އަމަންއެވެ. ކިޔަވަން ފުރަން އުޅުމުން ހުރަސްއަޅާފައި، ކިޔަވައިގެން އައުމުން އަހަރެންގެ އަސާގަނޑަކަށް އޭނަ ހެދޭނެ ހެއްޔެވެ؟ އެއީ ފަސޭހަ ނިންމުމެއް ނޫނެވެ.

ނިމުނީ