17 ޖެނުއަރީ 2023 - 19:33

މި މަހުގެ 28 ގައި ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މަޝްހޫރު ވިޔަފާވެރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) މިއަދު ބައްދަލުކުރައްވައިފި އެވެ.

އުއްޗު އާންމުކޮށް ދިރިއުޅުއްވާ ކުރެއްދޫ ރިސޯޓަށް ނަޝީދު ވަޑައިގެން އުއްޗުގެ "ގަނޑުވަރު" ގައި ހާއްސަ ސައިފޮދެއްގައި ބައިވެރިވެވަޑައިގަތެވެ. އަދި އުއްޗުގެ ބައެއް މުވައްޒަފުންނާ ވެސް ނަޝީދު ބައްދަލުކުރެއްވި އެވެ.

ރާއްޖޭގެ އެންމެ މުއްސަނދި ބޭފުޅުންގެ ތެރޭގައި ހިމެނޭ އަދި ރިސޯޓު ވިޔަފާރީގައި އެންމެ ނުފޫޒު ގަދަ އެއްބޭފުޅާ އުއްޗުއާ ބެހޭ ގޮތުން މެލޭޝިއާގެ ޔުނިވާސިޓީއެއްގެ ޕްރޮފެސަރަކު ލިޔުއްވި ފޮތެއް ވެސް ނަޝީދަށް އެރުވި އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީން ނުކުންނަ ކެންޑިޑޭޓަކު ކަނޑައަޅަން ބާއްވާ އެ ޕާޓީގެ ޕްރައިމަރީގެ ވޯޓުލުން ކައިރިވަމުން އަންނައިރު، ނަޝީދު ގެންދަވަނީ ކެމްޕެއިނަށް އެކި ބޭފުޅުންނާ ބައްދަލުކުރައްވައި ގުޅުން ބަދަހިކުރައްވަމުންނެވެ.
ނަޝީދު ވިދާޅުވެފައި ވަނީ ޕްރައިމަރީން ބަލިވެއްޖެ ނަމަ އެ އިންތިހާބުގެ ވާދަވެރިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ވެސް އަދި އިދިކޮޅު ޕީޕީއެމާ އެކު ވެސް ނުހުންނަވާނެ ކަމަށް ވިދާޅުވެފަ އެވެ. އެހެންވެ، ޕްރައިމަރީގެ ނަތީޖާ ނުކުންނަ ގޮތަކުން ހުންނަވާނީ ގޭގައި ކަމަށް ނަޝީދު ވިދާޅުވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އިއްޔެ އާންމުވި އެވެ.