17 ޖެނުއަރީ 2023 - 19:50

އިދިކޮޅުން ސިލްސިލާކޮށް މާލޭގައި ބާއްވަމުން އަންނަ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ޗެނަލް 13ގެ ނޫސްވެރިޔަކު ކޮންމެ ދުވަހަކު 12 ގަޑިއިރަށް ގޭ ބަންދުކުރަން ކޯޓުން އަމުރުކޮށްފައި ވާތީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެ ޖަމިއްޔާއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ޗެނަލް 13ގެ ސީއޯއޯ މުހައްމަދު ސަމާހު ހައްޔަރުކޮށްފައި ވަނީ ނޫސްވެރިކަމުގެ ފާސް އަޅައިގެން އުޅެނިކޮށް ކަމާއި އޭނާ މުޒާހަރާ ކުރާ ސަރަހައްދަށް ދިޔައީ އެ ޗެނަލްގެ ލައިވް ވިއުއަށް މައްސަލަ ޖެހިގެން އެ މައްސަލަ ހައްލުކުރަން ކަން އެނގިފައިވާ ކަމަށެވެ.
ނަމަވެސް، މުޒާހަރާއަށް އިތުރު މީހުން ގެންދިއުމާއި އާންމު ދަތުރުފަތުރަށް ހުރަސްއެޅިކަމުގެ ތުހުމަތު ފުލުހުން ސަމާހުގެ މައްޗަށް ކޮށްފައިވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
ސަމާހު ހައްޔަރުކުރީ މި މަހުގެ އަށް ވަނަ ދުވަހުގެ ރޭ އިދިކޮޅުން މާލޭގައި ކުރި މުޒާހަރާގެ ތެރެއިންނެވެ. ޖެހިގެން އައި ދުވަހު އޭނާ ބަންދުން ދޫކޮށްލީ 30 ދުވަސް ވަންދެން ކޮންމެ ދުވަހެއްގައި އިރުއޮއްސި 6 އިން ހެނދުނު 6 އަށް ގެއިން ބޭރަށް ދިއުން މަނާކޮށް ޝަރުތުކޮށްފަ އެވެ.
އެމްޖޭއޭއިން ބުނިގޮތުގައި، އެކަމުގެ ސަބަބުން ސަމާހުއަށް ނޫސްވެރިކަމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ވަނީ ހުރަސްއެޅިފަ އެވެ. ރޭގަނޑު ވަޒީފާއަށް ދިއުމަށް އޭނާ ފުލުހުންގެ ހުއްދައަށް އެދުމުން އެކަން ވެސް ހަމަޖައްސައި ނުދިން ކަމަށް އެ ޖަމިއްޔާގެ ބަޔާނުގައި ބުނެފައިވެ އެވެ.
"އެހެންކަމުން، މި ޖަމިއްޔާއިން ގޮވާލަނީ ނޫސްވެރިކަމުގެ މަސްއޫލިއްޔަތަށް ހުރަސްއެޅޭ ގޮތަށް އޮތް މި ބަންދު ވީއެންމެ އަވަހަކަށް އުވާލުމަށެވެ،" އެ ބަޔާނުގައި ބުންޏެވެ.
އިދިކޮޅުގެ މުޒާހަރާ ކަވަރުކުރަން ދާ ޗެނަލް 13ގެ ނޫސްވެރިންނާ މެދު ފުލުހުން ތަފާތުކުރުން ގެންގުޅޭ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ.