މާލީ ދަތިކަމުގައި ނަޝީދު ސަރުކާރު ހިންގެވި ގޮތަށް ރައީސްގެ ފާޑު ކިޔުން!
މާލީ ދަތިކަމުގައި ނަޝީދު ސަރުކާރު ހިންގެވި ގޮތަށް ރައީސްގެ ފާޑު ކިޔުން!

ދުނިޔެ އަށް 2008 ވަނަ އަހަރު ދިމާވި ބޮޑު އިގްތިސާދީ ކާރިސާގައި އޭރުގެ އެމްޑީޕީ ސަރުކާރުން އެޅި ފިޔަވަޅުތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

އޭރު ވެރިކަމުގައި ހުންނެވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެމަނިކުފާނާ ވާދަ ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

ރިޔާސީ ޕްރައިމަރީ ކެމްޕެއިނުގައި ހއ. ކެލާ އަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ކަރަންޓާއި ފެނުން ސަބްސިޑީ އާއި ޑިސްކައުންޓުތައް ދީފައިވާ ކަމަށާއި ވިޔަފާރިތައް ކޮޅަށް ޖެހުމަށްޓަކައި ގިނަ އެހީތަކެއް ވެފައިވާ ކަމަށެވެ.

ކަރަންޓުގެ ސަބްސިޑީ އަށް މި ދާއިރާ އަށް 37 މިލިއަން ރުފިޔާ ސަރުކާރުން ހަރަދު ކޮށްފައިވާ ކަމަށާއި އެ ފިޔަވަޅުތައް ނޭޅި ނަމަ މިއަދު ރަނގަޅަށް ދިރިއުޅެން އުނދަގޫތަކެއް ހުންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ސަރުކާރެއްގެ ބޭނުމަކީ ދިމާވާ ދަތި ދަނޑިވަޅުތަކުގައި ރައްޔިތުންނަށް އެހީތެރިވުން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ދެން އިޝާރަތް ކުރެއްވީ ނަޝީދު ވެރިކަމުގައި ދުނިޔެ އަށް ދިމާވި ފައިނޭންޝިއަލް ކްރައިސިސްގެ މައްސަލަ އަށެވެ.

އޭރު ދުނިޔޭގެ އިގްތިސާދަށް އައި ލޮޅުމާއެކު ދިވެހި ސަރުކާރުން ސިވިލް ސާވިސްގެ މުސާރަ ކުޑަކޮށް، މުއައްޒަފުން ވަޒީފާ އިން ވަކި ކުރި ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ރައްޔިތުންނަށް ގިނަ ތަކުލީފުތަކެއް އުފުލަން ޖެހޭ އެތައް ކަމެއް އޭރުގެ ސަރުކާރު ކުރި ކަމަށް ރައީސް ވިދާޅުވި އެވެ.

"އެއީ އަކީ އަޅުގަނޑު ދެކޭ ގޮތުގައި ރައްޔިތުން އިންތިހާބު ކުރާ ސަރުކާރަކުން ރައްޔިތުންނާ ދޭތެރޭގައި އަމަލު ކުރަން ޖެހޭ ގޮތެއް ނޫން. އެފަދަ ދަނޑިވަޅުތަކުގައި ރިސްކު ނަގަން ޖެހޭނީ ސަރުކާރުން. އަޅުގަނޑުމެން މިގެންދަނީ އެކަން ކުރަމުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެ ޕާޓީގެ މެންބަރުން ވޯޓު ދެއްވާއިރު ވިސްނަންވީ ހަމައެކަނި ރިޔާސީ ކެންޑިޑޭޓެއް ހޮވުމަށް ނޫން ކަމަށެވެ. އެ ކެންޑިޑޭޓަކީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން ޖެހޭ ކެންޑިޑޭޓެއް ކަން ހަނދާނުގައި ބަހައްޓަން ޖެހޭނެ ކަމަށާއި އެކަން ކުރެވޭނެ ފޯމިއުލާ އޮތީ އެމަނިކުފާނު އަތްޕުޅުގައި ކަމަށް ރައީސް ވިދާޅުވި އެވެ.

އެއްވެސް ޕާޓީއަކަށް ނުވަތަ ވަކި ފަރުދަކަށް އެކަނި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިފައި ނުވާ ކަމަށާއި އެކަން ކުރެވޭނީ އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ އެހީތެރިކަމާއެކު އެހެން ޕާޓީތައް ވެސް ބައިވެރި ކޮށްގެން ކަމަށް ރައީސް ވިދާޅުވި އެވެ.

"ޕާޓީގެ ރައީސެއް ހޮވިދާނެ އެ ހިސާބުން ނިމުނީ. ޗެއާޕާސަން ހޮވިދާނެ. ދާއިރާގެ ރައީސްއެއް ހޮވުނީ. ނަމަވެސް ކެނޑިޑޭޓެއް ހޮވުމަށް ފަހު ނިމޭކަށް ނެތް. ދެން އޮތް އިންތިހާބު ކާމިޔާބު ކުރަން ޖެހޭ،" ރައީސް ވިދާޅުވި އެވެ.

މިހާތަނަށް ރާއްޖޭގެ ރަށްރަށަށް ކުރެއްވި ދަތުރުތަކުގައި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެފައިވާ ވައުދުތަކުގެ އަމަލީ މަސައްކަތް ފެންނަން ފަށާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެ މަޝްރޫއުތައް ހުއްޓުމެއް ނެތި ކުރިޔަށް ގެންދެވޭނީ އެމަނިކުފާނު ދެވަނަ ދައުރަކަށް އިންތިހާބު ކުރައްވައިގެން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.