17 ޖެނުއަރީ 2023 - 15:10

މަސްވެރިންގެ ޖީބަށް ވަންނަ ފައިސާ އިތުރުވުން ފަދަ ރައްޔިތުންގެ އާއްމު ހާލަތަށް، އުއްމީދުކުރި ފަދަ ބަދަލެއް މި ސަރުކާރުގެ ހަތަރު އަހަރުގެ ތެރޭގައި ނުގެނެސްދެވުނު ކަމަށާއި އެ ދެރަ ލިބުނީ އެމްޑީޕީގެ މެނިފެސްޓޯ ތަންފީޒުނުކުރުމުން ކަމަށް ޕާޓީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މި މަހުގެ 28ގައި އޮންނަ އެމްޑީޕީގެ ޕްރައިމަރީ ކެމްޕޭނަށް ކ. އަތޮޅަށް ވަޑައިގެން ނަޝީދު ވިދާޅުވީ ސަރުކާރުން ގަސްތުކުރީ އެމްޑީޕީގެ މެނިފެސްޓޯގައި ކަނޑައެޅި ސިޔާސަތުތައް 2019އިން ފެށިގެން މަޑުޖައްސާލަން ކަމަށެވެ. އޭގެ ފަހުން ކުރިއަށް ގެންދިޔައީ، އެމްޑީޕީ އިސްކޮށް އޮވެ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ އިތުރުން އެމްއާރުއެމް ހިމެނޭ އިއްތިހާދު ސަރުކާރުގެ ސިޔާސަތުތައް ކަމަށް ވިދާޅުވި އެވެ.

އެމަނިފާނު ވިދާޅުވި ގޮތުގައި "ރައްޔިތު މީހާގެ އާމްދަނީ ބޭނުންވި މިންވަރާ ގާތް ވެސް އަދި ނުކުރެވެ" އެވެ. މި ހާލަތު ބަދަލުކުރެވޭނެ ތަސައްވުރު ކަނޑައަޅާފައި އޮތީ އެމްޑީޕީގެ މެނިފެސްޓޯގައި ކަމަށް ވިދާޅުވި އެވެ.

ދަނޑުވެރި ކާށިދޫން މިސާލެއް ދައްކަވަމުން ނަޝީދު ވިދާޅުވީ އެ ރަށުގައި ހައްދާ ތަކެތި އެެ ރަށުގައި ޕްރޮސެސްކޮށް، ފައިދާ ނެރެވޭނެ ގޮތް ހަދައިދޭނެ ކަމަށް ވެސް އެމްޑީޕީން ބުނެފައިވާ ކަމަށެވެ. ރަށުގައި ހައްދާ މޭވާ އިން ޖޫހާއި ޖޭމު ފަދަ ތަކެތި ހަދައި ވިއްކޭނެ ގޮތް ވެގެން ނޫން ގޮތަކަށް ދިރިއުޅުމުގެ އާއްމު ހާލަތު ރަނގަޅު ނުވާނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އަމާޒަކަށް ވީ ކާނާ ޕްރޮސެސްކުރުން، ފައްކާކުރުން. އޭރުން އޭގެ ހަމަ އަގު އަޅުގަނޑުމެންނަށް މި ލިބެނީ. ރޮލާ އެއްޗެއް ވިއްކައިގެން އެކަށީގެންވާ ގޮތަކު ނުލިބޭ،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ދަނޑުވެރިކަމުގެ ސިޔާސަތުން ކާށިދުއަށް ވެސް ފައިދާވާން އޮތް ގޮތް ހޯދައިދޭން ޖެހެ އެވެ. އެއީ ރައްޔިތުންގެ އާއްމު ހާލަތު ރަނގަޅުކުރަން ކަން ފާހަގަކުރެއްވި އެވެ.
ގައުމެއްގެ ތަރައްގީ ވިޔަފާރިއާ ގުޅިފައި އޮތް އިރު، އެމަނިކުފާނު ވިދާޅުވީ، ސަރުކާރު ކުންފުނިތައް އެކަނި ބޮޑުކޮށްގެން ގައުމު ވާނީ ބަނގުރޫޓެވެ.
"އަޅުގަނޑުމެންގެ ދަރަނި ދާނީ ބޮޑުވަމުން. އަޅުގަނޑުމެންނަށް އެ ފައިސާ ހޯދުން ދާނީ ދަތިވަމުން. ޓެކްސްތައް އޮންނާނީ ބޮޑުކުރާން ޖެހިފައި. ޓެކްސް ބޮޑުކުރިވަރަކަށް އާއްމު ރައްޔިތުންނަށް ލިބޭ ގެއްލުން ބޮޑުވާނެ، ތަކެތީގެ އަގު އުފުލޭނެ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ސަރުކާރުގެ އާމްދަނީ ހުރީ ކުރާ ހަރަދާ ނުބައްދަލު މިންވަރަށެވެ. ކޮންމެ މަހަކު އިތުރަށް ދަރަނި ބޮޑުކުރަން ޖެހެނީ އެ ސަބަބާ ހެދި ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު އިތުރަށް ދަންނަވާނަން، މިއީ އިންތިހާބު އަހަރު. ކަޑަޖަހާނެ ވަރަށް ގިނައިން. ބައެއް ރަށްރަށަށް ދާއިރު ރައީސް މައުމޫން ޒަމާނުގައި ޖަހާފައި ހުރި ކަޑަތައް އެބަހުރި ބޮޑެތި ނިކަ ގަހަށް ބަދަލުވެފައި. އެކަމަކު އެ ތަނެއް ބިނާވެފައެއް ނެތް،" އެމަނިކުފާނު ވިދާޅުވި އެވެ.
ފެނާއި ނަރުދަމާގެ ނިޒާމާއި މަގު ހެދުން ފަދަ ވަރަށް ގިނަ ވާހަކަތައް ދައްކާނެ ކަމަށާއި އެކަމަކު ރައްޔިތުންނަށް އިންތިހާބުގެ ކުރިން ހުށަހެޅި މެނިފެސްޓޯއާ އެއްގޮތަށް މި ސަރުކާރަށް ވައުދު ނުފުއްދުނު ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އެމްޑީޕީ ކޮންމެ ފަހަރަކު އިންތިހާބަށް މި ނުކުންނަނީ ވައުދުތަކަކާ އެކު. އެ ވައުދުތައް ނުފުއްދައި އަނެއްކާ އަނެއް އިންތިހާބަށް ނުކުމެ ހަމަ އެ ވާހަކަތައް ދައްކަން ފެށީމާ އެކަން ބަލައެއް ނުގަނޭ. އަދި ހާއްސަކޮށް އެމްޑީޕީގެ މެމްބަރުން އެކަން ބަލައެއް ނުގަނޭ،" އެމަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ވެރިކަމަށް އަންނަން ވީ ވައުދު ނުފެއްދޭ ކަން އޮޅުވާލައިގެން ނުވާނެ ކަަމަށާއި އެ ވާހަކަތައް ރައްޔިތުންނަށް ރަނގަޅަށް ސާފުކޮށް ކިޔައިދޭން ޖެހޭ ކަމަށެވެ.
"ރައްޔިތުންގެ ގާތު ބުނަން ޖެހެނީ ކުރެވެން ހުރި ކަންކަން ކުރެވޭނެ މިންވަަރަށް، މި ރަށުގައި ވެސް އެބަފެނޭ މުޅި ރަށް ކޮނެފައި އޮތް ތަން. އަމާޒަކަށް ވަނީ ތާރު އެޅުން. ތާރެއް ނެތް ރާއްޖެ ގެނެސްފައި، އަދި ތާރު އަޅާ ކުންފުންޏެއް ވެސް،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ ވާހަކަތައް ގުޅިފައި އޮންނަނީ ބިންގާ އެޅުމާ އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބުކޮށް، އެމަނިކުފާނަށް މި އަހަރުގެ ރިޔާސީ އިންތިހާބު ވެސް އެމްޑީޕީއަށް ކާމިޔާބުކޮށްދެވޭނެ ކަމާ މެދު ޝައްކެއް ނެތެވެ. ރައްޔިތުން އެދެނީ ތަނަވަސްކަމާއި އުފާފާގެތި ދިރިއުޅުމެއް ކަމަށާއި އެމްޑީޕީގެ އަމާޒަކަށް އަނެއްކާވެސް ހަދަން ޖެހިފައި އޮތީ ފުދުންތެރި ރައްޔިތެއް ބިނާކުރުން ކަމަށް ވެސް ވިދާޅުވި އެވެ.
"އިރާދަކުރެއްވިޔާ ރިޔާސީ ޓިކެޓާ އެކުގައި އަޅުގަނޑު އަދި ކާށިދުއަށް އަންނާނަން،" ނަޝީދު ވިދާޅުވި އެވެ.