09 ޖޫން 2016 - 09:15

މި މަހުގެ ހަތަރު ވަނަ ދުވަހު މަރުވި ބޮކްސިން ލެޖެންޑް މުހައްމަދު އަލީގެ ހަޔާތުގެ މައްޗަށް ބިނާކޮށް ހެދި ފިލްމް "އަލީ" އަލުން ސިނަމާ އަށް ގެންނަން ނިންމައިފި އެވެ.

އޭނާގެ ހަނދާންތައް އާކުރުމުގެ ގޮތުން ފިލްމް އަލުން ސިނަމާތަކަށް ގެންނަން ނިންމައި، އެކަން ރަސްމީކޮށް ސޮނީ ޕިކްޗާޒް އިން ވަނީ އިއުލާން ވެސް ކޮށްފަ އެވެ.
އެ ސްޓޫޑިއޯ އިން ބުނީ މަޝްހޫރު އެކްޓަރު ވިލް ސުމިތު މުހައްމަދު އަލީގެ ރޯލް ކުޅުނު، 2001 ގައި ރިލީޒް ކުރި "އަލީ" ސިނަމާތަކަށް ގެންނާނީ ކުރިއަށް އޮތް ހަފުތާ ބަންދުގައި ކަމަށެވެ.
އަދި ފިލްމް އަޅުވަން ނިންމާފައި ވަނީ ކަނޑައެޅިފައިވާ ލިމިޓެޑް ސިނަމާތަކެއްގައި ކަމަށް ވެސް ސޮނީން ބުންޏެވެ.
"ފިލްމް އަލުން ސިނަމާ އަށް ގެންނަން ނިންމީ ވަރަށް ގިނަ ބައެއްގެ އެދުމުގެ މަތިން. އަލީއަކީ މުހައްމަދު އަލީގެ ހަޔާތް ވަރަށް ފުރިހަމަ އަށް ގެެނެސް ދިން ފިލްމެއް،" ސޮނީގެ ވޯލްޑްވައިޑް ޑިސްޓްރިިބިއުޝަންގެ ރައީސް ރޯރީ ބްރޮއާ ބުންޏެވެ. "އަލީއަކީ ވަރަށް ހާއްސަ ފިލްމެއް. އެހެންވެ ފިލްމް އަލުން ސިނަމާ އަށް ގެނެވުމަކީ ވެސް ބޮޑު ޝަރަފެއް."
"އަލީ" ކުޅެގެން ވިލް ސްމިތު 2001 ވަނަ އަހަރު އެންމެ މޮޅު އެކްޓަރުގެ އޮސްކާ އަށް ނޮމިނޭޓް ވެސް ވި އެވެ. އަދި އެ ފިލްމުގައި ކުޅިވަރު ނޫސްވެރިއެއްގެ ރޯލް ކުޅުނު ޖޮން ވޮއިޓް އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ އެވޯޑަށް ނޮމިނޭޓްވި އެވެ.
"އަލީ" ޑައިރެކްޓް ކުރީ މައިކަލް މަން އެވެ.
ޕާކިންސަން ބައްޔަށް ފަރުވާ ހޯދަމުން ގެންދިޔަ މުހައްމަދު އަލީ މަރުވީ ނޭވާލާން އުނދަގޫވެގެން ފަރުވާ ދެމުން ދަނިކޮށެވެ. މަރުވި އިރު އުމުރަކީ 74 އަހަރެވެ.
އޭނާގެ މަރާ ގުޅިގެން ވިލް ސްމިތު ކުރި ޓްވީޓެއްގައި ބުނީ "މުހައްމަދު އަލީއަކީ އަހަރެންގެ ހަޔާތް ބަދަލުކޮށްލި ޝަހުސިއްޔަތެއް" ކަމަށެވެ.