މިދިޔަ އަހަރު ޗައިނާގެ އިގްތިސާދު ކުރިއެރީ އެންމެ 3 ޕަސެންޓްގައި
މިދިޔަ އަހަރު ޗައިނާގެ އިގްތިސާދު ކުރިއެރީ އެންމެ 3 ޕަސެންޓްގައި

ޗައިނާގެ އިގްތިސާދީ ތާރީޚުގައި ވެސް މިދިޔަ އަހަރަކީ އިގްތިސާދީ ދުވެލި އެންމެ ދަށުގައި ހުރި އަހަރު ކަމަށް، އެ ގައުމުގެ ރަސްމީ ހިސާބުތަކުން ދައްކައިފި އެވެ.

އެ ގައުމުން އާންމުކުރި ރަސްމީ ހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރުގެ ތެރޭގައި ޗައިނާގެ އިގްތިސާދު ކުރިއެރީ އެންމެ ތިން ޕަސެންޓްގަ އެވެ. މިއީ އެ ގައުމުގެ ޒަމާނީ ތާރީޚުގައިވެސް އިގްތިސާދު އެންމެ ދަށް ނިސްބަތަކުން ކުރި އެރި އަހަރެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން ސެޕްޓެމްބަރު މަހާ ދެމެދު ޗައިނާގެ އިގްތިސާދު ކުރިއަރާ ނިސްބަތް ހުރީ 3.9 ޕަސެންޓްގަ އެވެ. ނަމަވެސް އަހަރުގެ އެންމެ ފަހު ތިން މަހުގެ ތެރޭގައި އިގްތިސާދީ ދުވެލި އެއަށް ވުރެ ވެސް ދަށްވެ، އިގްތިސާދު ކުރިއެރި ނިސްބަތް ހުރީ 2.9 ޕަސެންޓްގައި ކަމަށް، އެ ގައުމުގެ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން މިއަދު އާންމުކުރި މައުލޫމާތުތަކުގައި ވެއެވެ.

އެ ގައުމުގައި ކޮވިޑް-19ގެ ބަލިމަޑުކަން އެންމެ ބޮޑަށް ފެތުރުނު 2020 ވަނަ އަހަރު ނުލައި، 2022 ވަނަ އަހަރަކީ، މިއީ އެ ގައުމުގެ ބާނީ، މާއޮ ޒެޑޮންގްގެ 30 އަހަރުގެ ވެރިކަން 1976 ވަނަ އަހަރު ނިމުމުނި ފަހުން، އެ ގައުމުގެ އިގްތިސާދު އެންމެ ދަށް ނިސްބަތަކުން ކުރި އެރި އަހަރެވެ.

ކޮވިޑް-19 އިން ދިފާއުވުމުގެ ވެކްސިންތައް އުފައްދައި ބޭނުންކުރަން ފެށުމަށް ފަހު، ޗައިނާ އިން ލަފާކޮށްފައި އޮތީ، 2022 ވަނަ އަހަރުގެ ތެރޭގައި އެ ގައުމުގެ އިގްތިސާދު، 5.5 ޕަސެންޓްގައި ކުރިއަރާނެ ކަމަށެވެ. އެހެން ނަމަވެސް، އިގްތިސާދީ މާހިރުން އަންދާޒާކުރި މިންވަރާ ގާތަށް ވެސް، މިދިޔަ އަހަރު ޗައިނާގެ އިގްތިސާދު ކުރިއަކަށް ނާރަ އެވެ.

ޗައިނާ ސަރުކާރުން މިހާރު ލަފާކުރަނީ، މިއަހަރުގެ ފުރަތަމަ ތިން މަސް ތެރޭގައި އެ ގައުމުގެ އިގްތިސާދީ ދުވެލި މަތިވާން ފަށާނެ ކަމަށެވެ. އެއީ، ކޮވިޑްގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް އުވާލައި، ގައުމުގެ ބޯޑަރުތައް ހުޅުވާލައި، ބައިނަލްއަގުވާމީ އާންމު ދަތުރުތައް އަލުން ފަށާފައިވާތީ އެވެ.

އެހެންކަމުން، މިއަހަރުގެ ތެރޭގައި ޗައިނާގެ އިގްތިސާދު 6.3 ޕަސެންޓްގައި ކުރިއަށް ދާނެ ކަމަށް އެ ގައުމުން އަންދާޒާކުރެ އެވެ.

ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން ޗައިނާގައި ތަންފީޒު ކުރަމުން ދިޔަ ހަރުކަށި ފިޔަވަޅުތަކަށް ލުއިތައް ދޭން ފެށީ، އެ ފިޔަވަޅުތަކާ ދެކޮޅު ހެދުމުގެ ގޮތުން، މިދިޔަ ނޮވެމްބަރު މަހުން ފެށިގެން، އާންމުން މަގުތަކަށް ނުކުމެ މުޒާހަރާ ކުރަން ފެށުމުންނެވެ. ގާތްގަނޑަކަށް ތިން އަހަރު ވަންދެން ޗައިނާގައި ދަމަހައްޓަމުން އައި ހަރުކަށި ފިޔަވަޅުތަކުގެ ތެރޭގައި، ކޮވިޑް ފެތުރެމުންދާ ސަހަރުތަކުގައި އާންމުން ބޭރަށް ނުކުތުން މަނާކުރުމާއި، ކޮވިޑް ޖެހިފައިވާ މީހުން ކަރަންޓީނުވުން މަޖުބޫރުވުމާއި، ބޯޑަރުތައް ބަންދުކޮށް ބައިނަލްއަގުވާމީ ދަތުރުތައް މެދުކަނޑައިލުން ހިމެނެ އެވެ.

އެ ފިޔަވަޅުތައް ދޫކޮށްލުމަށް ފަހު، ޗައިނާގެ ބޯޑަރުތައް ހުޅުވާލައި، ބައިނަލްއަގުވާމީ ދަތުރުފަތުރުތަކަށް އެ ގައުމު ހުޅުވައިލީ މިމަހުގެ 8 ވަނަ ދުވަހުން ފެށިގެންނެވެ. އެ ފިޔަވަޅުތައް ދޫކޮށްލުމާ އެކު، ޗައިނާގައި ކޮވިޑް ފެތުރޭ ނިސްބަތް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

ކޮވިޑް-19 ވަބާ އިން ރައްކާތެރިވުމުގެ ގޮތުން އަޅާފައި އޮތް ހަރުކަށި ފިޔަވަޅުތައް، މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅު ދޫކޮށްލި ފަހުން، މި މަހުގެ މެދާ ހަމައަށް ދިޔަ އިރު 60000 މީހުން، އެ ބަލީގައި އެ ގައުމުން މަރުވެއްޖެ ކަމަށް ޗައިނާ އިން ބުނެ އެވެ.