17 ޖެނުއަރީ 2023 - 11:52

ވައުދެއް ވެވަޑައިގެންފި ނަމަ އެކަމެއް ދޫކޮށް ނުލައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް އުތުރުގެ ރަށްރަށަށް މިއަދު ފެއްޓެވި ދަތުރުފުޅެއްގައި ހއ. ހޯރަފުއްޓަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ތަރައްގީއަށްޓަކައި ކުރާ މަސައްކަތުގައި އެންމެ އިސްކަމެއް ދެނީ ވަކިވަކި ފަރުދުންނާ ގުޅުން ހުރި އަސާސީ މަސައްކަތްތައް ކަމަށެވެ.

އަސާސީ ހިދުމަތްތައް ކަށަވަރުވުމުން ރައްޔިތުން ބޭނުންވާ ދިރިއުޅުމުގައި ކުރިޔަށް ދެވޭނެ ކަމަށެވެ. އެހެނަކަމުން އެއްވެސް ރަށެއް ބާކީ ކުރުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ހޯރަފުއްޓަކީ ވެސް ރައްޔިތުން އުންމީދުތަކެއް ކުރާ ރަށެއް ކަމަށާއި ނަމަވެސް އެ ވާހަކަތައް މީގެ ކުރިން ހުރީ ލިޔުމާއި ވާހަކައިގައި އެކަނި ކަމަށް ރައީސް ވިދާޅުވި އެވެ.
"ޔަގީން ކުރައްވައްޗޭ. އަޅުގަނޑުމެންނަކީ ވައުދެއްވެފައި އެކަން ދޫކޮށްލާނެ ބައެއް ނޫން،" ރައީސް ވިދާޅުވި އެވެ.
ކޮވިޑާ ގުޅިގެން ގިނަ ދަތިތަކާ ކުރިމަތިލާން ޖެހުނު ކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ އޭރު ވެސް ބަޔަކު އިދިކޮޅު ހަދައި ރާއްޖެ ބަންދު ނުކުރަން ގޮވާލަމުން ދިޔަ ކަމަށެވެ. އެއީ އާދައިގެ އަރިދަފުސް ރޯގާއެއް ކަމާއި ކޮންމެވެސް ވަރަކަށް މީހުން މަރުވިޔަސް އެކަމަށް ދޫކޮށްލައި ކުރިޔަށް ދާން ޖެހޭ ކަމަށް ބައެއް ފަރާތްތަކުން ލަފާ ދެއްވި ކަމަށް ރައީސް ވިދާޅުވި އެވެ.
ފަހުން ބޯޑަރުތައް ހުޅުވަން ނިންމުމުން އެކަމާވެސް އިދިކޮޅަށް އެ ބޭފުޅުން މަސައްކަތް ކުރެއްވި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އެ ވާހަކަތަކަށް ނޫނެކޭ ބުނެ ރާއްޖެ ހުޅުވާލީ. މިއަދު މިއީ ދުނިޔޭގައި އެންމެ ބޮޑަށް އިގްތިސާދު ކުރިއަރަމުން އަންނަ ގައުމު،" ރައީސް ވިދާޅުވި އެވެ.
އުތުރުގެ ރަށްތަކަށް ރައީސް ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނު ދެން ވަޑައިގަންނަވާނީ އިހަންދޫއަށެވެ.
ކުރިޔަށް އޮތް ހަތަރު ދުވަސް ތެރޭ އެމަނިކުފާނު ހއ. އާއި ހދ. އަދި ށ އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވާނެ އެވެ.