މުޑްރިކްގެ ޓްރާންސްފާ ފައިސާއިން ބައެއް ޔޫކްރޭންގެ ސިފައިންނަށް
މުޑްރިކްގެ ޓްރާންސްފާ ފައިސާއިން ބައެއް ޔޫކްރޭންގެ ސިފައިންނަށް

ކިއެވް، ޔޫކްރޭން (ޖެނުއަރީ 17) - ދާދި ފަހުން ޗެލްސީ އަށް ބަދަލުވި ޔޫކްރޭންގެ މިކައިލޯ މުޑްރިކް ގެ ޓްރާންސްފާ ފައިސާއިން 25 މިލިއަން ޔޫރޯ (27 މިލިއަން ޑޮލަރު) ޔޫކްރޭންގެ ހަނގުރާމަވެރި ސިފައިންނަށް އެހީގެ ގޮތުގައި ފޯރު ކޮށްދޭނެ ކަމަށް ޝަކްތާ ޑޮނެސްކުގެ ރައީސްް ރިނާތު އަކްމެޓޯވް ވިދާޅުވެއްޖެ އެވެ.

ޔޫކްރޭންގެ ޝަކްތާ ޑޮނެސްކުން މިދިޔަ އާދިއްތަ ދުވަހު މުޑްރިކް ޗެލްސީ އަށް ބަދަލުވީ 100 މިލިއަން ޔޫރޯ (108 މިލިއަން ޑޮލަރު) ގެ އަގަކަށެވެ. މިއީ ޔޫކްރޭންގެ ފުޓުބޯޅައިގައި ރެކޯޑް އަގެކެވެ.

އަކްމެޓޯވް ވިދާޅުވީ ފައިސާއިން އެހީވާނީ މާރިއުޕޯލްގެ ސިފައިންނާއި ގެއްލުން ވެފައިވާ ހަނގުރާމަވެރި ސިފައިންގެ އާއިލާތަކަށް އެހީވުމަށް ހިންގާ މަޝްރޫއުތަކަށް ކަމަށެވެ.

"މިއަދު އަހަރެމެންނަށް ޔޫކްރޭންގެ ފުޓުބޯޅައިގެ ވާހަކަ ދެއްކެނީ ގައުމުގެ ސިފައިންނާއި ރައްޔިތުންގެ މަސައްކަތުންނާއި، ތަހުޒީބު ވެފައިވާ ދުނިޔޭގެ ސަޕޯޓާ އެކު،" ޝަކްތާގެ ރައީސް އަކްމެޓޯވް ވިދާޅުވި އެވެ.

އަކްމެޓޯވް އިތުރަށް ވިދާޅުވީ މުޑްރިކް ފަދަ ކުޅުންތެރިން ޔޫކްރޭންގެ ލީގުގައި ކުޅެ، ޔޫރަޕުގެ މުބާރާތްތައް ކާމިޔާބުކުރާތަން ދެކެން ބޭނުންވާ ކަމަށާއި ނަމަވެސް ހަނގުރާމައިގެ ސަބަބުން މިވަގުތު އެއަމާޒަށް ވާސިލުވާން މަސައްކަތް ކުރެވެން ނެތް ކަމަށެވެ.

ހަމަ އެއާއެކު މި ސީޒަނަށް ފަހު ޔޫކްރޭންގެ ޑޮންބަސް އެރީނާ ގައި ޝަކްތާ އިން ޗެލްސީއާ ދެކޮޅަށް ރަހުމަތްތެރިކަމުގެ މެޗެއް ކުޅުމަށް ހަމަޖެހިފައި ވާކަމަށް ވެސް އަކްމެދޯވް ވިދާޅުވި އެވެ.

ރަޝިއާ އިން ޔޫކްރޭނަށް އަރައި ހަނގުރާމަ ފެށީ މިދިޔަ އަހަރުގެ ކުރީކޮޅު އެވެ. މީގެ ސަބަބުން ފުޓުބޯޅައިގެ މައި އިދާރާ، ފީފާ އިން ވަނީ ރަޝިއާގެ ފުޓުބޯޅަ ސަސްޕެންޑް ކޮށްފަ އެވެ.

ފުޓުބޯޅައިގެ ތެރެއިން ޔޫކްރޭނަށް އެހީ ހޯދަން ގިނަ ކަންކަން ކުރަމުން ގެންދާއިރު، އެކަމުގައި ބައިވެރިވާ ފަރާތްތަކަށް ގިނަ ފާޑުކިޔުންތަކެއް ވެސް އަމާޒުވެ އެވެ. އެއީ މީގެ ކުރިން އެފަދަ ކަންކަމަށް ކުޅިވަރު ޖަމިއްޔާތަކުން އަޅާލާފައި ނުވާތީ އެވެ.

މި ހަނގުރާމައިގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ވި ފުޓުބޯޅަ ކުލަބަކަށް ޗެލްސީ ވާނެ އެވެ. ޗެލްސީގެ ކުރީގެ ވެރިޔާ ރޯމަން އަބްރަމޮވިޗަކީ ރަޝިއާގެ މަހުޖަނެކެވެ. އަދި ރަޝިއާގެ ރައީސް ވްލަޑިމިއޭ ޕުޓިންގެ އަރިސް މީހަކަށް ވުމާ ގުޅިގެން އޭނާ އަށް މަޖުބޫރުވީ ޗެލްސީ ދޫކޮށްލާށެވެ. އަދި މިއާ ގުޅިގެން އިނގިރޭސި ސަރުކާރުން ޗެލްސީ އަށް ވެސް ދަތިކުރުމުގެ ގިނަ ފިޔަވަޅުތަކެއް އެޅި އެވެ.