17 ޖެނުއަރީ 2023 - 11:15

ޔުނިކްސް ސްޕޯޓިން އާއި ކްރޮސްއޯވާ އިވެންޓްސް ގުޅިގެން ބާއްވާ "ފައިގެތަޅާފޯރި" މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިއީ މި ނަމުގައި ޔުނިކްސް ސްޕޯޓިން އިން ބާއްވާ ފައިގަތަޅާ ދެވަނަ މުބާރާތެވެ. މި މުބާރާތް ބާއްވަން ހަމަޖެހިފައިވަނީ ހުޅުމާލެ ފޭސް 1 ގެ ރުއްގަނޑު 2 ގަ އެވެ.
ޔުނިކްސް ސްޕޯޓިން އިން ބުނި ގޮތުގައި އެ މުބާރާތުގައި ބައިވެރިވުމަށް ޓީމުތަކުގައި 12 ކުޅުންތެރިން ހަމަކުރަން ޖެހޭނެ އެވެ. އަދި އަންނަ ހުކުރު ދުވަހުގެ ހަވީރު 4 ޖެހުމާ ހަމައަށް ޓީމުތަކަށް ރަޖިސްޓަކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ބުންޏެވެ.
އެ މުބާރާތުގެ މެޗްތައް އޮންނާނީ ހަވީރާއި ރޭގަނޑު އެވެ. މި މުބާރާތަށް ޕްރެކްޓިސް ކުރުމަށް ހުކުރު ދުވަހުން ފެށިގެން ޓީމްތަކަށް ޕިޗް ދޫކުރާނެ ކަމަށް ވެސް ބުންޏެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ހުށަޅާފައި ވަނީ 15،000ރ. އެވެ. ރަނާރަޕް ޓީމަށް ހުށަހަޅާފައި ވަނީ 7،000ރ އެވެ. އަދި ދެ ޖިންސުގެ ކުޅުންތެރިން ހިމެނޭހެން މުޅި މުބާރާތުގެ އެންމެ މޮޅު ފަސް ބައިވެރިއެއް ހޮވުމަށް ވެސް ވަނީ ނިންމައިފަ އެވެ.
މި މުބާރާތުގެ މަގުސަދަކީ ޕްރޮފެޝަނަލް ކުޅިވަރެއްގެ ގޮތުގައި ޓްރެޑިޝަނަލް ޑޮޖްބޯލް ކުޅުމުގެ މަގުފަހިކޮށްދިނުމާއި، ކުޅިވަރުގެ ޒަރީއާއިން ދުޅަހެޔޮ ދިރިއުޅުން ޕްރޮމޯޓުކުރުމެވެ.
މި މުބާރާތުގައި ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކުން 7388536 ނަންބަރަ ގުޅައިގެން ރަޖިސްޓާ ވެވޭނެ އެވެ. މުބާރާރް އޮންނާނީ އަންނަ މަހުގެ 21 އިން 25 އަށެވެ.