މުއިއްޒުގެ ނަމުގައި ފޭކު މެސެޖުތަކެއް ފޮނުވާތީ ސަމާލުވާން އެދިވަޑައިގެންފި
މުއިއްޒުގެ ނަމުގައި ފޭކު މެސެޖުތަކެއް ފޮނުވާތީ ސަމާލުވާން އެދިވަޑައިގެންފި

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ނަމުގައި ފޭކު މެސެޖުތަކެއް ފޮނުވާތީ ސަމާލުވާން އޭނާ މިއަދު އެދިވަޑައިގެންފި އެވެ.

މުއިއްޒު "މިހާރު" އަށް ވިދާޅުވީ އޭނާގެ ނަމުގައި މެސެޖުތައް ފޮނުވަނީ މިހާރު ރާއްޖޭގައި ހިނގަމުންދާ ސިޔާސީ ކަންކަމާ ގުޅުވައިގެން ކަމަށެވެ.

މިފަދަ މެސެޖުތަކެއް މީގެ މަހެއްހާ ދުވަސް ކުރިން ފޮނުވުމުން ވެސް އެ މައްސަލަ ޕޮލިހަށް ހުށަހަޅުއްވާފައި ވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. މި ފަހަރު ވެސް ފުލުހުންނަށް މައްސަލަ ހުށަހަޅުއްވާނެ ކަމަށް ވިދާޅުވި އެވެ.

"މީގެ މަހެއް ވަރު ކުރިން ވެސް އަޅުގަނޑަށް ނޫސްވެރިއަކު ގުޅި. އެ ނޫސްވެރިޔާ އަށް މެސެޖު ދިޔައީ ޚަބަރެއް ބްރޭކް ކޮށްލަދޭށޭ ކިޔާފައި. އެއީ ހަމަ އަޅުގަނޑު ފޮނުވި މެސެޖެއްތޯ ޔަގީން ކުރަން ގުޅީމަ މި އެނގުނީ،" މޭޔަރު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ދިރާގަށް ގުޅުއްވައި އޭނާގެ ފޯނު ނަމްބަރުން އެފަދަ މެސެޖު ކޮށްފައިވޭތޯ ވެސް ބެއްލެވި ކަމަށެވެ.

"އިއްޔެ ވެސް އެގޮތަށް މެސެޖުކުރާ ކަމަށް ބައެއް މީހުން އަޅުގަނޑަށް ގުޅާފައި ބުނީމާ ދިރާގަށް ގުޅައިގެން ބެލިން. އިއްޔެ އެ މެސެެޖު [ފޭކް މެސެޖެއް] ދިޔައީ މެންދުރު. އެކޮޅުން ބުނަނީ އިއްޔެ މެންދުރު އެއްވެސް މެސެޖެއް ކޮށްފައި ނެތް ކަމަށް،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވިގޮތުގައި، އެއީ ބަޔަކު ރާވައިގެން ކުރާ ކަމެއް ކަމަށް ގަބޫލު ކުރެއްވެ އެވެ. ނަމަވެސް އެއީ ކޮން ބަޔަކު، ކޮން ނިޔަތެއްގައި ކުރާ ކަމެއްކަން އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ.

އެކި މީސްމީހުންގެ ނަމުގައި ފޭކް މެސެޖުތައް ފޮނުވާ މައްސަލަ ކުރިން ވެސް ކުރިމަތިވި އެވެ. އެ ކަން އެ މީހުން ކުރަނީ ސޮފްޓްވެއާއެއް ބޭނުންކޮށްގެންނެވެ.

މުއިއްޒު ވިދާޅުވީ، ޝައްކުވާ ޒާތުގެ މެސެޖެއް އޭނާގެ ފޯނުން ލިބިއްޖެ ނަމަ އެކަން ޔަގީން ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.