އެންމެ މޮޅު އެކްޓަރުގެ އެވޯޑް ގަނެގެން ހޯދި ކަމަށް ރިޝީ ކަޕޫރު ބުނެފި
އެންމެ މޮޅު އެކްޓަރުގެ އެވޯޑް ގަނެގެން ހޯދި ކަމަށް ރިޝީ ކަޕޫރު ބުނެފި

ގިނަ ފިލްމުތަކެއް ކުޅެފައިވާ އެކްޓަރު ރިޝީ ކަޕޫރު 1973 ވަނަ އަހަރު "ބޮބީ" ކުޅެގެން ލިބުނު ބެސްޓް އެކްޓަރުގެ ފިލްމްފެއާ އެވޯޑަކީ ގަނެފައިވާ އެވޯޑެއް ކަމަށް އޭނާ ބުނެފި އެވެ.

ރިޝީގެ ބައޮގްރަފީ "ކުއްލަމް ކުއްލާ" އާދިއްތަ ދުވަހު ރިލީޒް ކޮށްފައި ވަނިކޮށް، އޭނާ ހިންދުސްތާން ޓައިމްސްއަށް ދީފައިވާ އިންޓަވިއުގައި މިހެން ބުނެފައި ވަނީ މިދިޔަ ހަފުތާގައި ފިލްމުފެއާ އެވޯޑްގައި ބޭއިންސާފުން އެވޯޑްތައް ދީފައިވާ ކަމަށް ވާހަކަ ދެކެވެމުން ދަނިކޮށެވެ.

ބޮބީ އިން ރިޝީ، 62، އެ ފަހަރު އެންމެ މޮޅު އެކްޓަރުގެ ކެޓަގަރީން ވާދަކުރީ "ޒަންޖީރް" ކުޅެގެން ނޮމިނޭޓްވި އަމީތާބު ބައްޗަން އާ އެވެ. ރިޝީ ބުނި ގޮތުގައި އެކަންތައް އެގޮތަށް ވުމުން ފަހުން އޭނާއަށް އަމިއްލަ ކުށް އިހްސާސްވެ ވަރަށް ދެރަވި އެވެ. ބައޮގްރަފީގައި މި ވާހަކަތައް ހިމަނަން ގަސްތުކުރީ އެހެންވެ ކަމަށް ބުނެފައިވެ އެވެ.

"އެއީ އަހަންނަށް ހެދުނު ގޯހެއް. އެހެންވެ ފޮތުގައި އެވާހަކަ ހިމެނީ. ނަމަވެސް އޭގެ މާނައަކީ އަހަންނަށް ލިބިފައިވާ ހުރިހާ އެވޯޑުތަކަކީ ގަނެފައިވާ އެއްޗިއްސެކޭ ނޫން. ބޮބީ ކުޅުނުއިރު އަހަންނަނީ އެންމެ 20 އަހަރުގެ ނުވިސްނޭ ކުޑަ ކުއްޖެއް ފަދަ މީހެއް،" ރިޝީ ބުންޏެވެ.

ރިޝީގެ ބައޮގްރަފީގައި އޭނާގެ ބައްޕަ ރާޖް ކަޕޫރާއި ބޮލީވުޑްގެ އެޒަމާނުގެ ރީތި ބަތަލާއިންގެ ތެރޭގައި ހިމެނޭ ނަރްގިސް އާއި ވިޖެންތިމާލާގެ ލޯބީގެ ވާހަކަތައް ވެސް ހިމަނާފައިވެ އެވެ. އަދި އޭނާ އާއި ޑީމްޕަލް ކަޕާޑިއާ ރައްޓެހިވެގެން އުޅުނު ކަމަށް ދެކެވުނު ވާހަކަތަކުގެ ހަގީގަތް ވެސް ހިމެނެ އެވެ. އަދި "ބޮބީ" ރިލީޒްކުރި ދުވަސްވަރު ޑިމްޕަލް އޭރުގެ ސުޕަސްޓާރެއް ކަމަށްވާ ރާޖޭޝް ކަންނާއާ ކައިވެނި ކުރުމުން ރިޝީ އާއި ރާޖޭޝް ކަންނާގެ މެދުގައި ހިނގި ފިނި ހަނގުރާމައިގެ ހަގީގަތްތައް ވެސް ހާމަ ކޮށްފައިވެ އެވެ.

ބައޮގްރަފީގައި ރިޝީ ބުނެފައި ވަނީ އޭނާއާ އެކު ފިލްމު ކުޅުމަކީ އެހެން މީހުންނަށް އެހާ ފަސޭހަ ކަމެއް ނޫން ކަމަށެވެ.

ފިލްމުފެއާ އެވޯޑްގައި ރިޝީ އަށް މިފަހަރު ބެސްޓް ސަޕޯޓިން އެކްޓަރުގެ އެވޯޑު ލިބުނު ޑައިރެކްޓަރު ޝަކުން ބަޓްރާގެ "ކަޕޫރު އެންޑް ސަންސް" ކުޅުނުއިރު ވެސް ރިޝީ އާއި ޑައިރެކްޓަރާ ދެމެދު މައްސަލަތައް ޖެހުނުކަމަށް ރިޝީ އެއްބަސްވެ އެވެ.

"އެންމެ ހިތްހަމަނުޖެހުނީ ޝަކުން ބަޓުރާ ކޮންމެ މަންޒަރެއް އެތައް އެންގަލަކުން ނަގާތީ. އެކި ކަހަލަ ޖަޒުބާތުތައް ރިޕީޓްކޮށް ކުޅެން ޖެހުމަކީ ވަރަށް އުނދަގޫކަމެއް. އަހަރެން އިންނަން ޖެހެނީ ޝޫޓިން ފެށުމުގެ ހަ ގަޑިއިރު ކުރިއްސުރެ މޭކަޕް ކޮށްގެން. އެހެންވެ އެއް މަންޒަރެއް ރިޕީޓްކޮށް އެތައް ފަހަރަކު ކުޅެން ޖެހުނީމަ އަހަރެން ވަރަށް ވަރުބަލިވޭ. އެހެންވެ ރުޅި އަންނަނީ. ނަމަވެސް އެވޯޑު ލިބުނީމަ ޝަކުން އަށް ޝުކުރު އަދާކުރަން،" ރިޝީ ބުނެފައިވެ އެވެ.