17 ޖެނުއަރީ 2023 - 06:39

ނެޓްފްލިކްސް އިން ނެރުނު، ދިވެހިންގެ ތެރޭގައި ވެސް ވަރަށް މަގުބޫލު "ވެނިސްޑޭ" ގެ ދެ ވަނަ ސީޒަނެއް އަންނާނެކަން އިއުލާނުކުރިތާ ދުވަސްކޮޅެއް ވެއްޖެ އެވެ.

މަޝްހޫރު ފެންޓަސީ ޑްރަމާގެ ކެރެކްޓަރުން ކަމަށްވާ "އެޑަމްސް ފެމިލީ" ގެ މައްޗަށް ބިނާކޮށް ނެޓްފްލިކްސް އިން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ނެރުނު އެ ސީރީޒަށް ވަނީ މުޅި ދުނިޔޭގައި ވެސް ބޮޑު ތަރުހީބެއް ލިބުނެވެ.
އެންމެ ފާހަގަކޮށްލެވޭ ކަމަކަށް ގިނަ ބަޔަކު ފާހަގަކޮށްފައި ވަނީ ސީރީޒްގެ ޓައިޓަލް ކެރެކްޓާ އަދި ލީޑް ރޯލުން ފެންނަ ޖެނާ އޮޓޭގާގެ މޭކަޕާއި އޭނާގެ ހުނަރުވެރި އެކްޓިން އެވެ. އެއްވެސް އިހުސާސެއް މޫނުމަތިން ނުދައްކާ ކެރެކްޓާ، ވެނިސްޑޭ އެޑަމްސްގެ ހަޔާތް ދައްކުވައިދޭ އެ ސީރީޒްގެ ފުރަތަމަ ސީޒަން ނިމުނީ ބެލުންތެރިންގެ އިހުސާސްތަކާ ކުޅެލާފަ އެވެ. ގިނަ ސުވާލުތަކާ ވެސް އެކު އެވެ.
ޝޯގެ ފޭނުން ފުރަތަމަ ސީޒަނަށް ފަހު ކުރަމުން އައީ ދެ ވަނަ ސީޒަނެއް ލިބޭނެ ކަމުގެ އުންމީދެވެ. އެ ފޭނުންނަށް މިހާރު ވަނީ އެ އުފާވެރި ހަބަރު ދީފަ އެވެ.
ދެ ވަނަ ސީޒަން ނެރޭނެ ވަކި ތާރީހެއް އަދި ހާމަ ނުކުރިޔަސް، ވެނިސްޑޭ އޭޑަމްސް ރަސްމީ ޓްވިޓާ އެކައުންޓުގައި ވެސް ވަނީ ދެ ވަނަ ސީޒަނެއް ގެނެސްދޭނެ ކަން ކަށަވަރުކޮށްދީފަ އެވެ.
އެމްޖީއެމް ޕްރޮޑަކްޝަންއާ ނެޓްފްލިކްސް ގުޅިގެން އުފައްދާ، ޓިމް ބާޓެން ޑައިރެކްޓް ކުރި އެ ސީރީޒް ވެގެންދިޔައީ ނެޓްފްލިކްސްގެ ވަރަށް ކާމިޔާބު ޝޯއަކަށެވެ. ނެޓްފްލިކްސް އިން ހަފްތާއެއް ތެރޭ އެންމެ ގިނަ އިރު ބެލި ސީރީޒްގެ ރެކޯޑު ވެސް ވެނިސްޑޭ އަށް ވަނީ ލިބިފަ އެވެ.