އަނިޔާގެ ސަބަބުން ދަގަނޑޭ ނިއުއާ ނުގުޅޭނެ
އަނިޔާގެ ސަބަބުން ދަގަނޑޭ ނިއުއާ ނުގުޅޭނެ

މި ސީޒަނުގައި ނިއު ރޭޑިއަންޓަށް ސޮއިކުރަން ނިންމާފައިވާ އަލީ އަޝްފާގު (ދަގަނޑޭ)، އަނިޔާގެ ސަބަބުން މި ވަގުތު އެ ޓީމާ ނުގުޅޭނެ ކަމަށް އެ ކްލަބުގެ ޗެއާމަން މުހައްމަދު ޒިޔާދު މިއަދު ވިދާޅުވެއްޖެ އެވެ.

ނިއުގެ ސީޒަން ފެށުމަށް ސޯލްޓް ކެފޭގައި ބޭއްވި ރަސްމިއްޔާތެއްގައި، ސިފައިންގެ ކުރީގެ ކާނަލް ޒިޔާދު ވިދާޅުވީ ދަގަނޑޭ އެ ޓީމާ ގުޅެން އެއްބަސްވުމަކަށް އައި ކަމަށާއި އެހެން ނަމަވެސް އެ ނިންމުން މި ވަގުތަށް ބަދަލުކޮށްފައިވާ ކަމަށެވެ.

"... އޭނާ މިދިޔަ ސީޒަނުން ފެށިގެން ކްލަބުގަ އާއި ގައުމީ ޓީމަށް ކުޅެމުން އައީ ވަރަށް ބޮޑު ސެކްރިފައިސެއް ކޮށްގެން. އަނިޔާ އިން ރަނގަޅުވާން ވަގުތު ބޭނުންވާތީ އަޝްފާގު ނިއުއާ މި ވަގުތު ނުގުޅޭނެ،" ޒިޔާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަޝްފާގު ކުޅުމަށް އެނބުރި އައިސް ރާއްޖޭގެ ކްލަބަކަށް އޭނާ ކުޅޭ ނަމަ، ފެނުން އެންމެ ގާތީ ނިއު އިން ކަމަށެވެ.

"އަޝްފާގު އަޅުގަނޑަށް ޔަގީންކަން ދިން ރާއްޖޭގެ ކްލަބަކަށް ކުޅޭ ނަމަ، އޭނާގެ ފުރަތަމަ ޗޮއިސް އަކަށް ވާނީ ނިއު ރޭޑިއަންޓް ކަމަށް. އަޅުގަނޑު އެދެނީ ކުރިން ފެނުނު އަޝްފާގުގެ މޮޅު ކުޅުން އަނެއްކާ ވެސް ގައުމީ ޓީމާއި މި ކްލަބުން ފެނުން،" ޒިޔާދު ވިދާޅުވި އެވެ.

އަނިޔާގެ ސަބަބުން މިދިޔަ ސީޒަނުގައި މާޒިޔާ އާއި ގައުމީ ޓީމުގެ ގިނަ މެޗުތަކެއް ދަގަނޑޭ އަށް ގެއްލުނެވެ. އޭގެ ތެރޭގައި އޭޝިއަން ކަޕް ކޮލިފައިންގެ ދެވަނަ ލެގުގައި ލާއޮސްއާ ދެކޮޅަށް ކުޅުނު މެޗާއި ޕްރެޒިޑެންޓްސް ކަޕްގެ ސެމީ ފައިނަލުގައި ޓީސީ ސްޕޯޓްސްއާ ދެކޮޅަށް ކުޅުނު މެޗު ހިމެނެ އެވެ.

އާ ސީޒަނަށް ނިއު އިން ޓީމު ވަރުގަދަ ކޮށްފައި ވާއިރު، އެ ޓީމުގެ ފަރިތަކުރުންތައް މިއަދު ހަވީރު ފެށުމަށް ވަނީ ނިންމައިފަ އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި، ނިއުގެ ޓްރެއިނިން ކިޓް ދައްކާލުމުގެ އިތުރުން، ޓީމުގެ މަގާމުތަކާ ހަވާލުވި ފަރާތްތައް ތައާރަފް ކުރުން ވެސް އޮތެވެ. ސީޒަންގެ ހުރިހާ މުބާރާތެއް ކާމިޔާބު ކުރަން ޓާގެޓްކޮށްފައިވާ ނިއު އިން ވަނީ އެ ޓީމަށް ގިނަ ކުޅުންތެރިންތަކެއް ގެނެސްފަ އެވެ. އޭގެ ތެރޭގައި، އަކުރަމް އަބްދުލް ގަނީ (އަކޫ)، އަހުމަދު އަބްދުﷲ (ލިލީ)، އަލީ ފާސިރު (ސެންޓޭ)، އާދަމް ފަޒީހް (ފަޒިއްކޮ)، މިދުހަތު ފަހުމީ އަދި އަބްދުﷲ ޒިޔަޒަން ހިމެނެ އެވެ.