ޓެނިހުން ރިޓަޔާކުރަން ސާނިއާ މިރްޒާ ނިންމައިފި
ޓެނިހުން ރިޓަޔާކުރަން ސާނިއާ މިރްޒާ ނިންމައިފި

އަންނަ މަހު އޮންނަ ދުބާއީ އޯޕަން މުބާރާތަށް ފަހު ޓެނިހުން ރިޓަޔާކުރަން ދުނިޔޭގެ ކުރީގެ އެއް ވަނަ އަންހެން ޑަބަލްސް ކުޅުންތެރިޔާ އިންޑިއާގެ ސާނިއާ މިރްޒާ ނިންމައިފި އެވެ.

ޓެނިހުން ރިޓަޔާކުރަން ސާނިއާ މިރްޒާ ނިންމައިފި
ޓެނިހުން ރިޓަޔާކުރަން ސާނިއާ މިރްޒާ ނިންމައިފި

އުމުރުން 36 އަހަރުގެ ކުޅުންތެރިޔާ އެންމެ ފުރަތަމަ ރޭވީ މިދިޔަ އަހަރު ރިޓަޔާކުރާށެވެ. އެކަމަކު އޮގަސްޓް މަހު އުޅަބޮށްޓަށް އަނިޔާވެ ސީޒަން ކުރުކޮށްލަން ޖެހުމުން އޭނާ ނިންމީ، ފިޓްވެގެން އަލުން މުބާރާތެއްގައި ވާދަކުރުމަށް ފަހު ރިޓަޔާކުރާށެވެ.

ސާނިއާގެ އެންމެ ފަހު ގްރޭންޑް ސްލޭމް މުބާރާތަކަށް ވާނީ މިއަދު ފަށާ އޮސްޓްރޭލިއަން އޯޕަން އެވެ. މިއީ އޭނާގެ 22 އަހަރުގެ ކެރިއަރުގެ އެންމެ ހާއްސަ މުބާރާތެވެ. އެގޮތުން ސާނިއާގެ ފުރަތަމަ ގްރޭންޑް ސްލޭމް މުބާރާތަކީ ވެސް އުމުރުން 18 އަހަރުގައި ވާދަކުރި 2005 ގެ އޮސްޓްރޭލިއަން އޯޕަން އެވެ.

އޭނާ ކާމިޔާބުކުރި ފުރަތަމަ ގްރޭންޑް ސްލޭމް މުބާރާތަކީ ވެސް އޮސްޓްރޭލިއަން އޯޕަން އެވެ. އެ ކާމިޔާބީ ހޯދީ 2009 ވަނަ އަހަރު އިންޑިއާގެ މަހޭޝް ބުޕާތީއާ އެކު މިކްސް ޑަބަލްސް ކާމިޔާބުކޮށްގެންނެވެ. އޭގެ ފަހުން 2016 ވަނަ އަހަރު ސްވިޒަލެންޑުގެ މާޓިނާ ހިންގިސްއާ އެކު އޮސްޓްރޭލިއަން އޯޕަން އަންހެން ޑަބަލްސް ކާމިޔާބުކުރި އެވެ.

ސާނިއާ ވަނީ އަންހެން ޑަބަލްސް ތިން ފަހަރު އަދި މިކްސް ޑަބަލްސް ތިން ފަހަރު ހިމެނޭހެން ޖުމްލަ ހަ ފަހަރު ގްރޭންޑް ސްލޭމް މުބާރާތްތައް ކާމިޔާބުކޮށްފަ އެވެ. އޭނާ ވަނީ ވިމްބަލްޑަން ފިޔަވައި އަނެއް ތިން ގްރޭންޑް ސްލޭމް ކާމިޔާބުކޮށްފަ އެވެ. އެކަމަކު 2003 ގައި ވިމްބަލްޑަންގެ ޖޫނިއާ ޑަބަލްސް ކާމިޔާބުކުރި އެވެ. އެއީ ރަޝިއާގެ އެލީސާ ހޭބަނޯވާއާ އެއްކޮށް ކުޅެ އެވެ.

އޭޝިއާގެ އެންމެ މޮޅު އެއް އަންހެން ޓެނިސް ކުޅުންތެރިޔާ ވަނީ އޮލިމްޕިކްސް ހަތަރު ފަހަރު ވާދަކޮށްފަ އެވެ. އޭނާ ވަނީ އޭޝިއަން ގޭމްސް އިން ދެ ރަން މެޑެއްޔާއި ތިން ރިހި މެޑަލް އަދި ތިން ލޯ މެޑެއްޔާ އެކު ޖުމްލަ އަށް މެޑަލް ހޯދައިފަ އެވެ. އަދި އަދި ކޮމަންވެލްތު ގޭމްސް އިން ސިންގަލްސް ރިހި މެޑެއްޔަކާއި ޑަބަލްސް ލޯ މެޑެއްޔެއް ހޯދި އެވެ.

"ގައުމަށް މެޑަލް ހޯދައިދެވުމަކީ އަހަރެންގެ އެންމެ ބޮޑު ފަހުރު،" ސާނިއާ ބުންޏެވެ.

އޭނާ ބުނީ މަންމަ އާއި ބައްޕަ އާއި އާއިލާ މެމްބަރުންނާއި ކޯޗުންނާއި ސަޕޯޓަރުން ނެތި މި ކާމިޔާބީތައް ހާސިވްނުވީސް ކަމަށާއި ހަޔާތުގެ އެންމެ އުނދަގޫ ވަގުތު ކުރިމަތިވި ހުރަސްތަކުން އަރައިގަނެވުނީ އެ އެންމެންގެ އެހީގައި ކަމަށެވެ.

"ތި ހުރިހާ އެންމެންގެ ފަރާތުން، ހައިދަރުއާބާދުގެ މި އަންހެން ކުއްޖާ އަށް ހަމައެކަނި، ހުވަފެން ދުށުމުގެ ހިތްވަރު ލިބުނީއެއް ނޫން، އެކަންކަން ހާސިލްކުރަން ވެސް ހިތްވަރު ލިބުނު،: ސާނިއާ ބުންޏެވެ.

ހައިދަރުއާބާދުގެ މުސްލިމް އާއިލާއަކަށް އުފަން ސާނިއާގެ ކެރިއަރުގައި އޭނާ އަށް އެންމެ ބޮޑު ހިތްވަރަކަށްވީ، ކުޑައިރު އޭނާ އަށް ކޯޗުކޮށްދިން ބައްޕަ އިމްރާން މިރްޒާ އެވެ. ކުރިން ކުޅިވަރު ނޫސްވެރިއަކަށް ވެސް މަސައްކަތްކުރި އިމްރާން ފަހުން އެއްކޮށް ހުސްވީ ސާނިއާ އަށެވެ. އެގޮތުން އޭނާގެ މެނޭޖަރެއްގެ ރޯލު އަދާކުރި އެވެ.

އިންޑިއާގައި އާއްމުންނަށް ދޭ ތިން ވަނަ އަށް އެންމެ މަތީ ޝަރަފް ކަމަށްވާ ޕަދްމާ ބުޝާން އަދި ކުޅިވަރުގައި ދެ ވަނަ އަށް ދޭ އެންމެ މަތީ ޝަރަފް ކަމަށްވާ އަރްޖުނާ އެވޯޑް ހާސިލްކޮށްފައިވާ ސާނިއާ އަކީ އެ ގައުމުގެ ކުޅިވަރު ތާރީހު ދުށް އެންމެ ކާމިޔާބު، އެންމެ ނުފޫޒު ގަދަ އަދި އެންމެ މުއްސަނދި އެއް އަންހެން އެތުލީޓެވެ.

އެކަމަކު އިންޑިއާގެ އާއްމުންގެ ފަރާތުން އޭނާ އަށް ބައެއް ހުރަސްތަކާއި ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ. އެގޮތުން އިންޑިއާ ދިދަ އަށް ހުރުމަތްތެރިކޮށް ނުހިތި ކަމަށް ބުނެ އޭނާއާ ދެކޮޅަށް ފެތުރި ފޭކް އެޖެންޑާއެއްގެ ސަބަބުން ކުޅުން ހުއްޓާލަން ވެސް ވިސްނި އެވެ. އަދި އޭނާ ހެދުން އަޅާ ގޮތުން އިންޑިއާގެ ބައެއް ޝޭހުންގެ ނުރުހުން އަމާޒުވި އެވެ.

ސާނިއާ އަށް ޕްރެޝަރު ބޮޑުވީ ޕާކިސްތާނުގެ ކްރިކެޓް ކުޅުންތެރިޔާ ޝުއައިބް މާލިކްއާ ކައިވެނިކުރުމުންނެވެ. އެއީ ގައުމަށް ޣައްދާރުވުން ކަމަށް ވެސް ބައެއް މީހުން ސިފަކޮށް ނުރުހުން އަމާޒުކުރި އެވެ. ދުބާއީގައި މިވަގުތު ދިރިއުޅޭ ސާނިއާގެ އެންމެ ބޮޑު ސަމާލުކަމެއް ހުރީ، އޭނާގެ އުމުރުން ހަތަރު އަހަރުގެ ފިރިހެން ދަރިފުޅުގެ ކުރިމަގަށެވެ.

ސާނިއާ އަންނަނީ ހައިދަރުއާބާދުގައި ފުޅާ ދާއިރާއެއްގައި ޓެނިސް އެކަޑަމީއެއް ވެސް ހިންގަމުންނެވެ.