17 ޖެނުއަރީ 2023 - 06:40

އިންޑިއާގެ މަޝްހޫރު ޑައިރެކްޓަރު އެސްއެސް ރާޖާމޯލީގެ ފިލްމް، "އާރްއާރްއާރް" އަށް އަނެއްކާވެސް ބައިނަލްއަގްވާމީ އެވޯޑެއް ލިބިއްޖެ އެވެ.
ދާދި ފަހުން ބޭއްވި ގޯލްޑެން ގްލޯބް އެވޯޑްސްގައި އެންމެ މޮޅު ލަވައިގެ އެވޯޑު އެ ފިލްމްގެ "ނާޓޫ ނާޓޫ" ލަވަ ހޯދިތާ ގިނަދުވަސްތަކެއް ނުވެ، އެ ފިލްމަށް މިހާރު ވަނީ 28 ވަނަ ކްރިޓިކްސް ޗޮއިސް އެވޯޑްގެ "ބެސްޓް ފޮރިން ފިލްމް" ގެ އެވޯޑު ވެސް ލިބިފަ އެވެ.
ކްރިޓިކްސް ޗޮއިސް މޫވީ އެވޯޑްސް އަކީ އެމެރިކަން-ކެނެޑާގެ ކްރިޓިކްސް ޗޮއިސް އެސޯސިއޭޝަނުން ކޮންމެ އަހަރަކު ވެސް ސިނަމާގެ ކާމިޔާބީތަކުގައި އެންމެ މޮޅު ފަރާތްތަކަށް ޝަރަފުވެރިކަން ދީ އަގުވަޒަންކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ.
މި އެވޯޑް ޝޯގެ ވެސް އެންމެ މޮޅު ލަވައިގެ އެވޯޑު ހޯދާފައިވަނީ "ނާޓޫ ނާޓޫ" ލަވަ އެވެ. އަދި ހޮލީވުޑް ހިމެނޭހެން ދުނިޔޭގެ މަޝްހޫރު ގިނަ ފިލްމުތަކާ ވާދަކޮށް، މިފަހަރުގެ ކްރިޓިކްސް ޗޮއިސް އެވޯޑްގައި "އާރްއާރްއާރް" ފިލްމް ވަނީ "ބެސްޓް ޑައިރެކްޓާ"، "ބެސްޓް ޕިކްޗާ" އަދި "ބެސްޓް ވިޝުއަލް އެފެކްޓްސް" އެވޯޑަށް ނޮމިނޭޓޫވެފަ އެވެ.
މިހާރު އެންމެ ގިނަ ބަޔަކު އުންމީދުކުރަމުން އަންނަނީ މި އަހަރުގެ އޮސްކާ އެވޯޑުގައި މި ފިލްމު ހޯދާނެ ކާމިޔާބީ އަކަށެވެ.
އޮސްކާ އެވޯޑްސްގެ ނޮމިނޭޝަންތައް މި މަހުގެ 24 ވަނަ ދުވަހު އިއުލާނުކުރާނެ ކަމަށް ބެލެވެ އެވެ. މި އަހަރުގެ އޮސްކާ އެވޯޑު އޮންނާނީ މާޗް މަހުގެ ތެރޭގަ އެވެ.
ބައިނަލްއަގްވާމީ ބޮޑު ސަމާލުކަމެއް ހޯދާފައިވާ އެ ހިޔާލީ ފިލްމު ބިނާކޮށްފައިވަނީ ޓެލޫގޫގެ މިނިވަންކަމަށް ހަނގުރާމަކުރި ދެ މީހެއްގެ ދިރިއުޅުމަށެވެ. ފިލްމު ހެދުމަށް ގާތްގަނޑަކަށް 67 މިލިއަން ޑޮލަރު ހަރަދުކޮށްފައިވާއިރު، އެ ފިލްމު އަޅުވައިގެން ލިބުނު އާމްދަނީ 147 މިލިއަން ޑޮލަރަށް ވަނީ އަރާފަ އެވެ.