ވޯލްޑް ކަޕުގެ ތަރި ބެލެހެއްޓި ގޯލަށް 8 ލަނޑު ވަދެއްޖެ
ވޯލްޑް ކަޕުގެ ތަރި ބެލެހެއްޓި ގޯލަށް 8 ލަނޑު ވަދެއްޖެ

އެޓަލާންޓާ (ޖެނުއަރީ 16) - އެންމެ ފަހުން ބޭއްވި ހަތަރު ފީފާ ވޯލްޑް ކަޕް ގައި ވެސް މެކްސިކޯ ގައުމީ ޓީމުގެ ގޯލު ބެލެހެއްޓުމުގައި މުހިއްމު ދައުރެއް އަދާކޮށްގެން މަގުބޫލުކަން ހޯދި ގުއިލާމޯ އޮޗޮއާ އިޓާލިއަން ލީގުގައި ބެލެހެއްޓި ސެލާނިޓާނާގެ ގޯލަށް ރޭ އަށް ލަނޑު ވަދެއްޖެ އެވެ.

ވޯލްޑް ކަޕަށް ފަހު ސެލާނިޓާނާއާ ގުޅުނު އޮޗޮއާގެ ޓީމު ރޭ ބަލިވީ އިޓާލިއަން ލީގުގައި އެޓަލާންޓާ އަތުން 8-2 އިންނެވެ.

ސެލާނިޓާނާ އަށް ބަދަލުވެ އޮޗޮއާ ފުރަތަމަ ދެ މެޗުގައި އޭސީ މިލާނާއި ޓޮރީނޯއާ ދެކޮޅަށް ރަނގަޅު ކުޅުމެއް ދެއްކި އެވެ.

މިއީ އެޓަލާންޓާ އިން ލީގު މެޗެއްގައި އަށް ގޯލު ޖެހި ފުރަތަމަ ފަހަރެވެ. މި މެޗުގެ ކުރިން އިޓާލިއަން ލީގުގައި އެންމެ ފަހުން މެޗެއްގައި އަށް ގޯލު ޖެހީ 1996 ވަނަ އަހަރު އިންޓަ މިލާނުންނެވެ.

މި ބައްޔާ އެކު ސެލާނިޓާނާ ވަނީ ތާވަލްގެ 16 ވަނައަށް ވެއްޓިފަ އެވެ.

އޮޗޮއާ އެންމެ ފުރަތަމަ ޔޫރަޕުގައި ކުޅުނީ 2011-2014 އަށް ފްރާންސް ލީގުގެ އަޖޭސިއާ އަށެވެ. އެއަށް ފަހު ސްޕެނިޝް ލީގުގެ މަލާގާ އާއި ގްރަނާޑާ އަދި ބެލްޖިއަމްގެ ސްޓެންޓަޑް ލީގް އަށް ކުޅުމަށް ފަހު އެނބުރި މެކްސިކޯ ލީގަށް ބަދަލުވީ 2019 ވަނަ އަހަރެވެ.

އޮޗޮއާ އަބަދުވެސް ފާހަގަކުރެވެނީ ވޯލްޑް ކަޕުގައި މޮޅަށް ކުޅޭ ކުޅުންތެރިއެއްގެ ގޮތުގަ އެވެ. އެކަމަކު ކްލަބް ލެވެލްގައި އެ ފެންވަރު ދެމެހެއްޓޭ ގޮތެއް ނުވެ އެވެ.

އިޓާލިއަން ލީގުގައި ރޭ ރޯމާ ވަނީ ޕައުލޯ ޑިބާލާގެ ގޯލުތަކުން 2-0 އިން އަމިއްލަ ދަނޑުގައި ފިއޮރެންޓީނާ ބަލިކޮށްފަ އެވެ.

ލީގު ތާވަލްގެ ފަސް ވަނައިގައި އޮތް ލާޒިއޯ އާއި ހަ ވަނައިގައި އޮތް އެޓަލާންޓާ އަދި ހަތް ވަނައިގައި އޮތް ރޯމާ ވެސް މިހާތަނަށް ކުޅުނު 18 މެޗުން ލިބިފައިވަނީ 34 ޕޮއިންޓެވެ.

ލީގުގެ އެއް ވަނައިގައި އޮތް ނަޕޯލީ ވަނީ 5-1 ގެ ބޮޑު ތަފާތަކުން ޔުވެންޓަސް ބަލިކޮށްފަ އެވެ. އޭސީ މިލާނުން ރަށުން ބޭރުގައި ލެއްޗޭ އާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ. ނަމަވެސް އިންޓަ މިލާން ވަނީ އަމިއްލަ ދަނޑުގައި 1-0 އިން ވެރޯނާ ބަލިކޮށްފަ އެވެ.

މިލާން އެއްވަރު ވުމުން ނަޕޯލީ އަށް ވަނީ ލީގު އެއް ވަނައިގައި ނުވަ ޕޮއިންޓުގެ ލީޑެއް ލިބިފަ އެވެ. ނަޕޯލީ އަށް 47 ޕޮއިންޓް ލިބިފައި ވާއިރު މިލާނަށް ލިބިފައި ވަނީ 38 ޕޮއިންޓެވެ.

ތާވަލްގެ ތިން ވަނައިގައި އޮތް ޔުވެންޓަސް އާއި ހަތަރު ވަނައިގައި އޮތް އިންޓަ މިލާނަށް ލިބިފައި ވަނީ 37 ޕޮއިންޓެވެ.