ކަޔާން: ހިނގަން ނޭނގެނީސް ފުންމާލީ މޫދަށް، މިހާރު އުއްމީދީ ސާފަރެއް
ކަޔާން: ހިނގަން ނޭނގެނީސް ފުންމާލީ މޫދަށް، މިހާރު އުއްމީދީ ސާފަރެއް

ހިނގަން ނޭނގެނީސް ކަޔާން އަބްދުﷲ އަރީފް ނުވަތަ އެކުވެރިންގެ ނަމުން ނަމަ "ކައިޕުޓީ"، އެންމެ ފުރަތަމަ ވެސް ފުންމާލީ މޫދަށެވެ. ހިނގާބިނގާވެ އުޅެންވާއިރަށް ފަތަން ދަސްކޮށް ސާފް ބޯޑު މަތީގައި ކޮޅަށް ހުރެވޭވަރު ކޮށްފި އެވެ.

ކަޔާން: ހިނގަން ނޭނގެނީސް ފުންމާލީ މޫދަށް، މިހާރު އުއްމީދީ ސާފަރެއް
ކަޔާން: ހިނގަން ނޭނގެނީސް ފުންމާލީ މޫދަށް، މިހާރު އުއްމީދީ ސާފަރެއް

"ކަޔާނަށް އަހަރެއް ނުވަނީސް މުދަށް ގެންގޮއްސިން. އޭރުވެސް ބޫގީބޯޑު މަތީގައި ހަމަޖެހިލައިގެން އޮންނާނެ. ވަރަށް އަވަހަށް ފަތަން ވެސް ދަސްކޮށްފި. ރަނގަޅަށް ހިނގަން ފެށިއިރު ހުރީ ކޮންމެވެސް ވަރަކަށް ފަތަން ވެސް ދަސްވެފައި. އޭރު ވެސް ބޯޑު މަތީގައި ކޮޅަށް ހުންނާނެ. އޭރު އަދި އަހަރެއް ވަރު ވާނީ،" ކަޔާން އެންމެ ފުރަތަމަ މޫދަށް ދިޔައިރުގެ ހަނދާންތައް އާކުރަމުން އޭނާގެ ބައްޕަ އަބްދުﷲ އަރީފް (ފުކޫ) ކިޔައިދިނެވެ.

ކަޔާން: ހިނގަން ނޭނގެނީސް ފުންމާލީ މޫދަށް، މިހާރު އުއްމީދީ ސާފަރެއް
ކަޔާން: ހިނގަން ނޭނގެނީސް ފުންމާލީ މޫދަށް، މިހާރު އުއްމީދީ ސާފަރެއް

ރާއްޖޭގައި ރާޅާއަޅަން މަޝްހޫރު ރ. ރަސްމާދޫ އަރީފް އާއިލާގެ އެންމެ ހަގު ޕްރޮޑަކްޓަކީ ކަޔާން އެވެ. ކަޔާންގެ ބައްޕަގެ އިތުރުން އޭނާގެ ބޮޑުބޭބެއިންނަކީ ވެސް ރާއްޖޭގެ ރާޅާއެޅުމުގެ ދާއިރާއިން ގުނާލެވޭ ބައެކެވެ. އޭގެ ތެރެއިން އެންމެ މަޝްހޫރު އެކަކަށް ވާނީ ހަތް ފަހަރު ގައުމީ ޗެމްޕިއަންކަން ހޯދާފައިވާ ހުސެއިން އަރީފް (އިބޫ) އެވެ.

ކަޔާން: ހިނގަން ނޭނގެނީސް ފުންމާލީ މޫދަށް، މިހާރު އުއްމީދީ ސާފަރެއް
ކަޔާން: ހިނގަން ނޭނގެނީސް ފުންމާލީ މޫދަށް، މިހާރު އުއްމީދީ ސާފަރެއް

ކަޔާންގެ ބައްޕަ އެންމެ ފުރަތަމަ އޭނާ މޫދަށް ގެންދަން ފެށީ ވެސް މަގުސަދެއްގަ އެވެ. ރާޅަށް ހިތް ޖައްސުވައި، މި ކުޅިވަރުގައި އޭނާ އެންމެ އުހަށް ގެންގޮސް، ގައުމީ ޗެމްޕިއަނަކަށް ހެދުމުގެ މަގުސަދުގަ އެވެ. އާއިލާގެ "ލެގަސީ" ހިފެހެއްޓުމުގެ މަގުސަދުގަ އެވެ.

ކަޔާން: ހިނގަން ނޭނގެނީސް ފުންމާލީ މޫދަށް، މިހާރު އުއްމީދީ ސާފަރެއް
ކަޔާން: ހިނގަން ނޭނގެނީސް ފުންމާލީ މޫދަށް، މިހާރު އުއްމީދީ ސާފަރެއް

މިހާރު އުމުރުން 13 އަހަރުގެ ކަޔާން އެންމެ ފުރަތަމަ ވާދަކުރީ 2021 ވަނަ އަހަރުގެ ފަރަމަންތާ ޗެލެންޖްގަ އެވެ. އެ މުބާރާތުގެ ޖޫނިއާ ބައިން ތިންވަނަ ހޯދި އެވެ. އެއީ ކަޔާން އަސްލު ރާޅާއަޅަން ފެށުނު ހިސާބެވެ. ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) ގެ މުބާރާތްތަކުގައި ވާދަކުރަން ފެށީ އޭގެ ފަހުންނެވެ.

ކަޔާން: ހިނގަން ނޭނގެނީސް ފުންމާލީ މޫދަށް، މިހާރު އުއްމީދީ ސާފަރެއް
ކަޔާން: ހިނގަން ނޭނގެނީސް ފުންމާލީ މޫދަށް، މިހާރު އުއްމީދީ ސާފަރެއް

ހަމަ އެ އަހަރު އުމުރުން އެންމެ 11 އަހަރުގައި، ގައުމީ މުބާރާތުގައި ކަޔާން ވަނީ އޯޕަން ޑިވިޝަން ގައި ވާދަކޮށް މުބާރާތުގެ ހަވަނަ ބުރަށް ދަތުރު ކޮށްފަ އެވެ. އަދި ޖޫނިއާ ބައިން ކަޔާން ވަނީ ތިންވަނަ ހޯދައި، އެންމެ ފުރަތަމަ ހޮވި ރާއްޖޭގެ ގައުމީ ޖޫނިއާ ސާފިން ޓީމުން ޖާގަ ހޯދައިފަ އެވެ.

ޖޫނިއާ ގައުމީ ޓީމުން ޖާގަ ލިބުނު ދުވަހަކީ ސާފިން ގައި މިވީ ކުރު މުއްދަތުގައި ކަޔާން އެންމެ އުފާވި ދުވަހެވެ. މިދިޔަ އަހަރުގެ ޖޫނިއާ ޗެމްޕިއަންޝިޕް ގައި 14 އަހަރުން ދަށުގެ ދެވަނަ ހޯދައިގެން ކަޔާން ވަނީ މި އަހަރުގެ ގައުމީ ޓީމުން ވެސް އޭނާގެ ޖާގަ ދިފާއު ކޮށްފަ އެވެ. އަދި ގައުމީ މުބާރާތުގެ އޯޕަން ބައިން ޖޫނިއާ އެތުލީޓުންނަށް ދޭ ވައިލްޑްކާޑް ސްލޮޓް ލިބުނު ހަތް ކުދިންގެ ތެރޭގައި ވެސް ކަޔާން ހިމެނުނެވެ.

އެންމެ ތުއްތު އިރުން ފެށިގެން، ސާފިން ޓީމަށް ކޯޗެއް ހަމަޖެހެންދެން، ކަޔާންގެ ޓްރެއިނަރަކީ އޭނާގެ ބައްޕަ އެވެ. އެހެން ނަމަވެސް ގާތްގަނޑަކަށް ކަޔާންގެ އުމުރުން ހަތަރު ވަރަކަށް އަހަރުގައި ދުވަސްކޮޅަކަށް ސާފިން ދަސްކޮށްދޭ ކުލާހަކަށް ދުވަސްކޮޅަކަށް ފޮނުވި ކަމަށް އޭނާގެ ބައްޕަ ބުންޏެވެ.

"އެންމެ ކުޑައިރުން ފެށިގެން ވެސް ކަޔާން ޓްރެއިން ކުރަނީ އަހަރެން. ވަރަށް އަވަހަށް ކަންކަން ނަގައިގަންނާނެ. އާއިލާ އެންމެން ވެސް ކަޔާން އަށް ވަރަށް އެހީ ވާނެ، އެކަމަކު އަހަރެމެން ވީމަ ބައެއް ފަހަރު ބުނާ ގޮތް ނުހަދަން އުޅޭނެ. އެހެންވެ އަހަރެއް ވަރު ވަންދެން މަޅު ސާފް ސްކޫލަށް ފޮނުވިން،" ކަޔާންގެ ފަރިތަކުރުންތަކާ ގުޅޭގޮތުން އޭނާގެ ބައްޕަ ބުންޏެވެ.

އާއިލާއާ އެކު ކަޔާން ދިރިއުޅެނީ މާލޭގަ އެވެ. ކިޔެވުމުގައި ވެސް ރަނގަޅު ނަތީޖާތަކެއް ހޯދަމުން އަންނަ ކަޔާން ބުނާގޮތުން ކޮންމެ ދުވަހަކު ވެސް ސްކޫލް ނިންމާލާފައި، ރާޅުގަނޑު ސަރަހައްދުގައި ރީތި ރާޅު ހުންނަ ދުވަސް ދުވަހު ތިން ހަތަރު ގަޑިއިރު ހޭދަކުރެ އެވެ.

"ރާޅު ރީތި ދުވަހެއްނަމަ، ކޮންމެ ދުވަހަކު ވެސް ސްކޫލް ނިންމާލާފައި މޫދަށް ދާނެ. އެހެން ނޫނަސް ބައެއް ފަހަރު މޫދަށް ގޮސް އުޅޭނެ. ދެން ޓެސްޓް ދުވަސްވަރު ވެސް ކަޔާނަށް ދެން ރާޅާއަޅާލަން އެއް ގަޑިއިރު. އިރާދަކުރެއްވިއްޔާ ސްކޫލުގެ ނަތީޖާތައް ވެސް ވަރަށް ރަނގަޅު،" ކަޔާންގެ ބައްޕަ ބުންޏެވެ.

ކަޔާން ބުނާގޮތުގައި ސްކޫލުގައި އުޅެމުން ކިޔެވުމާ އެކު ރާޅާއެޅުން ބެލެންސް ކުރަން އުނދަގުލެވެ. ނަމަވެސް ސްކޫލުގައި ދޭ ފިލާވަޅުތައް ހަދައި ކިޔަވަން އަބަދުވެސް ވަގުތު ހޯދައެވެ.

"ވަރަށް އުނދަގޫ. އެކަމު ކައި އަށް ގުޑް ގްރޭޑްސް ލިބޭ. ރޭގަނޑު ކިޔަވައިފައި ހަވީރު ރާޅަށް ދަނީ،" ގިޔާސުއްދީން ސްކޫލުގެ ގްރޭޑް 8 ގައި ތައުލީމް ހާސިލް ކުރަމުން އަންނަ ކަޔާން ބުންޏެވެ.

"ރަންނަމާރި އާއި ހިންމަފުށީ ކޮމްޕެޓީޝަން ގައި ވަރަށް އުނދަގޫވި ޓެސްޓް ދޭތެރޭ އޮތީމަ. ހިންމަފުށީ މުބާރާތް ނިންމާފައި އެންމެ ވީކެއް ލިބުނީ ސްޓަޑީ ކުރަން."

ރާޅާއެޅުމުގެ އިތުރުން ސްކޭޓް ކުރަން ވެސް ޝައުގުވެރިކަން ހުންނަ ކަޔާން އަކީ ކުރިން ޓެނިސް ވެސް ކުޅުނު ކުއްޖެކެވެ. އުމުރުފުރާގެ މުބާރާތްތަކުގައި ރަނގަޅު ކާމިޔާބީ ވެސް ހޯދި އެވެ. ބާރަ އަހަރުން ދަށުގެ މުބާރާތުން ދެ ފަހަރު ރަނަރަޕް ހޯދުމުގެ އިތުރުން 10 އަހަރުން ދަށުގެ މުބާރާތުން އެއްފަހަރު ޗެމްޕިއަންކަން ވެސް ހޯދި އެވެ.

"ކުރިން ރާޅަށް ގެންދިޔުމުގެ އިތުރުން ޓެނިސް ކުޅެން ވެސް ގެންދިޔައިން. ދެ އަހަރެއްހާ ދުވަހު، ކޮވިޑް އަންނަންދެން ޓެނިހަށް ގެންދިޔައިން، އެކަމަކު ކަޔާނަށް އެއްގޮތަކަށް ވެސް ރާޅު ދޫކޮށެއް ނުލެވުނު،" ކަޔާންގެ ބައްޕަ ކިޔައިދިނެވެ.

ޓެނިސް ކުޅެން ދެ އަހަރެއްހާ ދުވަހު ދިޔަ ނަމަވެސް ކަޔާންގެ އަސްލު ހިތް އޮތީ ރާޅުތަކު ތެރޭގަ އެވެ. އެހެންވެ އެ ކުޅިވަރު މުޅިން ހުއްޓާލާފައި، މިހާރު ހުރީ ރާޅާއެޅުމުގެ ދާއިރާއިން އެންމެ އުހަށް ދިޔުމަށް އަޒުމް ކަނޑައަޅައިގެންނެވެ.

އާއްމު ގޮތެއްގައި ސްކޫލުގައި އުޅޭއިރު ކަޔާން އަކީ މާ ގިނަ އިތުރު އިތުރު ކުޅިވަރުތަކެއްގައި ބައިވެރިވާ ކުއްޖެއް ނޫނެވެ. ސަބަބެއް ނެތިއެއް ވެސް ނޫނެވެ. ރާޅާއެޅުމަށް އޮތް ލޯތްބެއްގެ ބޮޑުކަމުންނެވެ. ކަޔާން ބުނީ އިތުރު ކުޅިވަރުތައް ކުޅޭނަމަ އަނިޔާ ވެގެން ރާޅަށް ނުގޮސް ހުންނަން ޖެހިއްޖެ ނަމަ މާ ދެރަ ވާކަމަށެވެ.

"އެތުލެޓިކްސް ގައި ބައިވެރި ވީން 2019 ގައި، އެކަމަކު ސްކޫލުގެ ސްޕޯޓްސް ކަންކަމުގައި ވަރަށް ނޫޅެވޭ. އެއީ ވަރަށް އިންޖާ ވާނެ (އަނިޔާ ލިބޭ) ބައެއް ފަހަރު. އިންޖާ ވެއްޖެއްޔާ ވީކެއް ވަންދެން ވެސް ރާޅަށް ނުގޮސްހުންނަން ޖެހޭ، އެހެން ވަންޏާމު މާ ދެރަވޭ،" ކަޔާން ކިޔައިދިނެވެ.

ރާޅާއެޅުމުގައި ކަޔާން މިހާތަނަށް އެންމެ ދެރަވީ މިދިޔަ އަހަރުގެ ޖޫނިއާ ޗެމްޕިއަންޝިޕް ގައި 14 އަހަރުން ދަށުގެ ކެޓެގަރީގެ ފައިނަލުން ބަލި ވުމުންނެވެ. މި އަހަރުގެ ޓާގެޓަކީ ލީގުގައި ޖޫނިއާ ރޭންކިންގައި ކުރި ހޯދައި ޖޫނިއާ ޗެމްޕިއަންޝިޕް ގައި ޗެމްޕިއަންކަން ހޯދުމެވެ.

މިދިޔަ އަހަރުގެ ދިވެހި ސާފް ލީގު ސީޒަންގެ ހުރިހާ މުބާރާތެއް ފުރިހަމަ ނުކުރެވުމަކީ ވެސް ކަޔާން މާޔޫސް ކުރުވި ކަމެކެވެ. މިދިޔަ އަހަރުގެ ސާފް ލީގުގެ ފަސް އިވެންޓުގެ ތެރެއިން ދެ އިވެންޓުގައި ކަޔާނަށް ބައިވެރިއެއް ނުވެވުނެވެ. އެގޮތުން މ. މުލީގައި އޮތް މުލީކޮޅު ރާޅުގަނޑުގައި ވާދަ ނުކުރެވުނީ ސްކޫލު އިމްތިހާނާ ދިމާވާތީ އެވެ. އަދި ރ. ކިނޮޅަހުގައި އޮތް ހުރާކޮޅު ރާޅުގަނޑުގައި ބައިވެރި ނުވެވުނީ ކަޔާންގެ ބައްޕަ، މިދިޔަ އަހަރު މާލޭގައި އޮތް "ވިޒިޓް މޯލްޑިވްސް ޕްރޯ" ބޮޑީބޯޑިން މުބާރާތުގެ އިންތިޒާމް ތަކުގައި އުޅެން ޖެހުމުގެ ސަބަބުންނެވެ.

މިދިޔަ އަހަރު އެހެން ދިމާވިއަސް ކަޔާން ހުރީ މި އަހަރުގެ ލީގުގެ ހުރިހާ މުބާރާތެއްގައި ވާދަކުރުމުގެ އަޒުމުގަ އެވެ. ހަމައެއާ އެކު ބައްޕަ ވެސް ހުރީ މި އަހަރު ކަޔާން އަށް އެ ފުރުސަތު ފަހިކޮށްދޭށެވެ.

ކަޔާންގެ ބައްޕަ، އަބްދުﷲ އަރީފް އަކީ ރާއްޖޭގެ ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) ގެ ރައީސް އެވެ. އަބްދުﷲ ބުނީ އާ ދައުރަކަށް ކުރިމަތިލާން ބޭނުން ނުވާކަމަށެވެ. ސަބަބަކީ އަމިއްލަ މަސައްކަތްތަކުގެ އިތުރުން ދަރިފުޅުގެ ސާފިން ކެރިއަރަށް ވެސް އެންމެ ފުރިހަމަ ސަޕޯޓް ދޭން ބޭނުން ވުމެވެ.