16 ޖެނުއަރީ 2017 - 13:24

ކުރީގެ އަރަބިއްޔާ އަދި ގާކޮށި ހުރި ތަނުގައި އިމާރާތް ކޮށްފައިވާ ފްލެޓްތައް ލިބުނު މީހުންގެ ތެރެއިން ލޯނު ހޯދުމަށް މިހާތަނަށް 50 އަށް ވުރެ ގިނަ މީހުން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް ހުށަހަޅައިފި އެވެ.
މަޖީދީމަގުގައި ހުންނަ "މާލޭ ގްރޭންޑް" އަދި އަމީނީމަގުގައި ހުންނަ "މާލޭ ސްކެއާ"ގައި ހަދާފައިވާ ފްލެޓްތައް ލިބުނު މީހުން މި މަހުގެ 26 ގެ ކުރިން އެޗްޑީސީ އަށް ފައިސާ ދެއްކޭނެ ގޮތެއް ހަމަޖައްސަން ޖެހެ އެވެ. އެގޮތުން އެއް ފަހަރާ ދެ މިލިއަން ރުފިޔާ ނުވަތަ ބޭންކް މެދުވެރިކޮށް ލޯނު ހޯދައިގެން ވިޔަސް އެ ފައިސާ ދައްކަން ޖެހެ އެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން މިއަދު ވިދާޅުވީ ފްލެޓް ލިބުނު މީހުންގެ ތެރެއިން ބޭންކުތަކަށް ލޯނު ހޯދަން ހުށަހެޅި މީހުންގެ ތަފުސީލް މުޅިން ނުލިބޭ ކަމަށެވެ. ނަމަވެސް ލޯނު ހޯދަން ހުށަހެޅުމުގެ ފުރުސަތު ހުރިހާ ބޭންކުތަކަށް ވެސް އޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދީފައިވާ މުއްދަތު ހަމަވުމުން އެނގޭނީ ލޯނު ލިބުނު މީހުންގެ ސާފު އަދަދު. މި ވަގުތު ސާފު އަދަދެއް ދަންނަވާކަށް ނޭނގެ،" ސައިމަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެތަނުން ފްލެޓް ލިބުނު މީހުންގެ ތެރެއިން ފައިސާ ނުދެއްކޭ ފަރާތްތަކާ މެދު އަމަލުކުރާނެ ގޮތެއް ނިންމާނީ ހައުސިން މިނިސްޓްރީން ކަމަށެވެ.
އެޗްޑީސީގެ އޮފިޝަލަކު ކުރިން ވިދާޅުވެފައި ވަނީ ފްލެޓް ލިބުނު މީހުންގެ ތެރެއިން އެކަކު ފްލެޓްގެ އަގު އެއްފަހަރާ ދައްކާފައިވާ ކަމަށެވެ. ނަމަވެސް ފަހުން އެކަމާ ގުޅޭ ތަފުސީލެއް އެޗްޑީސީން ހާމައެއްނުކުރެ އެވެ.
އެމްއައިބީގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެތަނަށް 50 އަށްވުރެ ގިނަ ފޯމް ހުށަހެޅިއިރު ބައެއް ފަރާތްތަކަށް ލޯނު ލިބޭނެކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ.
ފްލެޓްތައް ލިބުނު މީހުން އަންނަނީ އެމްއައިބީގެ އިތުރުން އެޗްޑީއެފްސީ އާއި ބީއެމްއެލް މެދުވެރިކޮށް ވެސް ލޯނު ހޯދުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެޗްޑީއެފްސީ އަށް މިހާތަނަށް އެއްވެސް އެޕްލިކޭޝަނެއް ހުށަހަޅާފައިނުވާ ކަމަށް އެތަނުގެ އޮފިޝަލަކު މިއަދު ވިދާޅުވި އެވެ.
އެޗްޑީއެފްސީގެ އޮފިޝަލަކު ވިދާޅުވީ އެތަނުން ލޯނު ހޯދުމަށް ވަރަށް ގިނަ ބަޔަކު މައުލޫމާތު ސާފުކުރަމުން އަންނަ ކަމަށެވެ.
ރާއްޖޭގައި ހިންގާ ބޭންކުތަކުގެ ތެރެއިން ގެދޮރަށް ފައިނޭންސް ކޮށްދޭ އެންމެ ދަށް ރޭޓަކީ ނުވަ ޕަސެންޓް އިންޓަރެސްޓް ރޭޓެވެ. އޭގެ ތެރެއިން އެމްއައިބީން ޑައުންޕޭމަންޓަށް 20 ޕަސެންޓް ދެއްކުމުން އަހަރަކު ނުވަ ޕަސެންޓް ޕްރޮފިޓްގައި 20 އަހަރަށް ބަހާލައިގެން ދެއްކޭ ގޮތަށް ފައިނޭންސް ކޮށްދެ އެވެ. މިގޮތަށް އެ ބޭންކުން ފައިނޭންސް ކޮށްދެނީ ތިން މިލިއަނަށް ވުރެ އަގު ކުޑަ ތަންތަނަށެވެ.
އެމްއައިބީގެ ރޭޓްތައް ދައްކާ ގޮތުން ޓާޓާ ފްލެޓަކަށް 20 އަހަރުގެ ތެރޭގައި 3،454.939ރ. ދައްކަން ޖެހެ އެވެ. އެ އަދަދު ދައްކަން ޖެހެނީ ދެ މިލިއަން ރުފިޔާ ފްލެޓަކަށް މަހަކު 14،395.58ރ. ދައްކާ ނަމަ އެވެ. އެހެން ބޭންކުތަކާއި ފައިނޭންސް ކޮށްދޭ ތަންތަނުން 20 ޕަަސެންޓް ޑައުންޕޭމަންޓް ދެއްކި ނަމަވެސް އިންޓަރެސްޓްގެ ގޮތުގައި މަދުވެގެން 10 ޕަސެންޓް އިންޓަރެސްޓްގެ ގޮތުގައި ޗާޖްކުރެ އެވެ.
އެޗްޑީސީން މި މަހުގެ ކުރީކޮޅު އަންގާފައި ވަނީ ލޯނުގެ ކަންކަން ހަމަޖެއްސި ކަމުގެ ލިޔުން އަންނަ މަހުގެ 26ގެ ކުރިން ހުށަހެޅުމަށެވެ. އަދި ފްލެޓް ހަވާލުކުރާނީ ލޯނަށް ދައްކަން ޖެހޭ ޑައުންޕޭމަންޓް ހަލާސްކުރުމަށް ފަހު، އެޗްޑީސީ އާއި ލޯނު ދޭ ފަރާތް އަދި ފްލެޓްގެ ވެރިފަރާތާ ދެމެދު ކުރާ އެއްބަސްވުމަކަށް ފަހުގައި ކަމަށް އެޗްޑީސީން ބުނެފައި ވެ އެވެ.
ދެ އިމާރާތުން ދޭ ފްލެޓެއްގެ އަގު އުޅެނީ ދެ މިލިއަން ރުފިޔާގަ އެވެ. ރާއްޖޭގެ ބޭންކްތަކާއި ގެދޮރަށް ލޯނު ދޫކުރާ އެހެން ފަރާތްތަކުން ޑައުންޕޭމަންޓްގެ ގޮތުގައި 20 ޕަސެންޓް ނަގަ އެވެ. އެހެންކަމުން ދެ އިމާރާތުން ފްލެޓް ލިބުނު މީހުން ޑައުންޕޭމަންޓްގެ ގޮތުގައި 400،000ރ. ދައްކަން ޖެހެ އެވެ. އަދި ޑައުންޕޭމަންޓް ކުޑަކޮށްދިނުމަށް އެކި މީސްމީހުން އަންނަނީ އެދެމުންނެވެ.
ކުރިން އަރަބިއްޔާ ހުރި ބިމުގައި 90 ފްލެޓް އަދި ގާކޮށީގައި 190 ފްލެޓް ތަރައްގީކޮށްފައިވެ އެވެ. އޭގެ އަގުގެ ގޮތުގައި ސަރުކާރުން ވަނީ، އިންޑިއާގެ ޓާޓާ ކުންފުނީގެ ހިއްސާ އޮންނަ އެޕެކްސް ރިއަލިޓީ އަށް 277 މިލިއަން ރުފިޔާ އެއްފަހަރާ ދައްކައިފަ އެވެ.